ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދާ އުމުރުން ދުވަސްވީ މީހުން ކޮވިޑަށް ޕޮޒިޓިވް ވާ މިންވަރު އިތުރުވަމުންދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދާ އުމުރުން ދުވަސްވީ މީހުން، އެޑްމިޓް ކުރުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރާއިރު ޕޮޒިޓިވް ވާ މިންވަރު މި ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ މިގޮތަށް އުމުރުން ދުވަސްވީ މީހުން މާ ބޮޑަށް ހާލު ބޮޑުވަނީ ބަލީގެ އަލާމާތްތައް ފެނުމުންވެސް ޓެސްޓު ނުކުރާތީ ކަން ފާހަގަވެފައިވާ ކަމަށެވެ.

"ފާއިތުވި ދެހަފުތާ ތެރޭގަ ހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންނަ އުމުރުން ދުވަސްވީ ބައެއް މީހުން، ހޮސްޕިޓަލްގަ އެޑްމިޓް ކުރުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރާއިރު އެ ބައްޔަށް ޕޮޒިޓިވް ވާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާކަން. އެހެންވީމަ މީގެ މާނައަކީ ކޮންމެވެސް ގޮތަކަށް ބަލީގެ އަލާމާތްތައް ހުރި މީހަކު ނުވަތަ ބަލިޖެހިފަ ހުރި މީހަކު އެގެއެއްގަ އުޅޭނެޔޭ. އެކަމަކު އަލާމާތްތައް ހުރުމާއެކުވެސް ޓެސްޓު ކުރަން ނުދާތީވެ ބަލި ހުރިކަން ނޭނގެނީ. ދެން އެ ގެއެއްގަ ހުންނަ އެންމެ ބަލި މީހާއަށް ބޮޑުވަރު ވެ ހާލު ބޮޑު މިވަނީ. ވާއިރުގަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތުވެސް ވަރަށް ބޮޑު." އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެއްވެސް މީހެއްގެ ގައިން އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ފްލޫ ކުލިނިކަށް ގޮސް ޓެސްޓު ކުރުން ވަރަށް މުހިންމު ކަމަށެވެ. ތިމާއަށް އެ ބަލީގެ ސަބަބުން މާ ބޮޑު ކަމެއް ނުވެދާނެތީވެ އަޅާނުލައި ހުރި ނަމަވެސް އެކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން ނުވަތަ އެކި ކަހަލަ ބަލިތަކަށް ބޭސްކުރާ މީހުންނަށް މި ވައިރަސް ފެތުރި ފުރާނައަށް ނުރައްކާވާ ހިސާބަށް ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.

ގޭގައި އެނދުމަތިވެފައި ތިބޭ މީހުންނާއި ބޮޑެތި ބަލިތަކަށް ބޭސްކުރަމުން އަންނަ މީހުންގެ ސިއްހީ ހާލަތު ދަށްވެއްޖެ ނަމަ އަދި އެއީ ކޮވިޑް ބަލި ނޫން ކަމުގައި ވީނަމަވެސް ވީހާވެސް އަވަހަކަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން މުހިންމު ކަމަށް ނަޒްލާ ފާހަގަ ކުރެއްވި އެވެ.

މިހާތަނަށް ރާއްޖެއިން 69 މީހަކު ކޮވިޑް ބަލީގައި މަރުވެފައިވާއިރު މީގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.