ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، ހ. ނީލްވިލާ، ނާއިލާ އިބްރާހިމް ކަލޭފާނަކީ އަމީނިއްޔާ ސްކޫލުގެ ދަރިވަރުން ތަރުބިއްޔަތު ކޮށްދެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރީގެ ވަޒީރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން، ނާއިލާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވުމަށްފަހު، މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު އުމުރަކީ 72 އަހަރެވެ.

ރައީސް އޮފީހުން މިރޭ ބުނީ، ނާއިލާ އަވަހާރަވުމާއި ގުޅިގެން އެކަމަނާގެ އާއިލާއަށް ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމަނާ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށާއި އެ ހިތާމައިގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވިދާޅުވީ، ނާއިލާ އިބްރާހީމް ކަލޭފާނަކީ އަމީނިއްޔާ ސްކޫލުގެ ތަފާތު މަގާމުތަކުގައި އެ ސްކޫލަށް ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި އަދި އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ ކަނބަލެއް ކަމަށެވެ.

ނާއިލާ، ސަރުކާރުގެ ހިދުމަތް ފެށްޓެވީ 28 ޑިސެންބަރު 1971 ގައި އަމީނިއްޔާ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާއިންނެވެ. އޭގެ ފަހުން އެ ސްކޫލުގެ ހިސްޓްރީ ޓީޗަރުކަމާއި ސޯޝަލް ސްޓަޑީޒް ޓީޗަރު ކަމާއި ހެޑްޓީޗަރު ކަމާއި ސެކަންޑަރީ ސުޕަވައިޒަރު ކަމާއި ސުޕަވައިޒަރު ކަމުގެ މަގާމު ފުރުއްވިއެވެ. އަމީނިއްޔާ ސްކޫލަށް 26 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވިއެވެ. ނާއިލާ ފަހުން ވަނީ ޣިޔާޘުއްދީން ސްކޫލުގެ ސުޕަވައިޒަރުކަމާއި ޤައުމީ ކުތުބުހާނާގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވައިފައެވެ.