ބ. މާޅޮހަށް ދިޔަ ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ރަށް މޮނިޓަރިންއަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މާޅޮހުގެ ގެސްޓު ހައުސްއަކަށް ދިޔަ ދެ ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދުމަށް އެ ރަށް މޮނިޓަރިންނަށް ގެނެސްފައިވާ ކަމަށެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު މާޅޮހަށް ދިޔަ އެ ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ޗުއްޓީ ނިންމާލުމަށްފަހު އެނބުރު ގައުމަށް ދިއުމުގެ ކުރިން ހެދި ޕީސީއާރު ޓެސްޓުންނެވެ. އެމީހުންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ މިއަދު ހެނދުނެވެ.

މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ސުޖާއު މިރޭ "ވަން" އަށް ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހަތް މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މީހުން ކަރަންޓީނަށް ލައި، ސާމްޕަލް ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.

އެޗްޕީއޭއިން މިހާރު ވަނީ ފަތުރުވެރީން ހިމެނޭ ގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާނަމަ، ނެގެޓިވް ޕީސީއާރު ޓެސްޓު ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފައެވެ. އަދި އެމީހުން ރާއްޖެ އެތެރެވުމަށްފަހު ކަރަންޓީނުވާކަށްވެސް ނުޖެހޭނެއެވެ. ނަމަވެސް ފަތުރުވެރިން ރާއްޖޭން ފުރުމުގެ ކުރިން ކޮވިޑަށް ޓެސްޓުކުރަންޖެހެއެވެ.