މި ރޯދަމަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މިގެނެސްދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓު ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ބެރީ ބްރެއިންސްޓޯމް އަދި މެޑިޓެރޭނިއަން ޗިކަން ސޭންޑްވިޗު ރެސިޕީއެވެ.

ބޭނުންވާނެ ތަކެތި:

8 ސްޓޯބެރީ (ފަޅިކޮށްފައި)

10 ބުލޫބެރީ (ފަޅިކޮށްފައި)

5-4ސްކޫޕް ވެނީލާ އައިސްކްރީމް

30މލ ސްޓޯބެރީ ސިރަޕް

50މލ ކިރު

ހައްދަވާނެގޮތް:

ހުރިހާ އެއްޗެއް އެކުގައި މިކްސަރަށް އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު ތަށްޓަކަށް އަޅާ ގާނިޝްކޮށްލާށެވެ.

ބޭނުންވާނެ ތަކެތި:

1 ފޮތި ކުކުޅު މަސް (ޗިކަން ބުރެސްޓް)

1ފޮތި ޗިއަބާޓާ ބުރެޑް

20ގ ބަޓަރު

100ގ ބެލް ޕެޕާ (3 ކުލައިގެ ބެލް ޕެޕާ) ކޮށާފައި

2 މޭޒުމަތީސަމުސާ އޮލިވް އޮއިލް

40ގ ފިޔާ (ވަށްކޮށް ކޮށާފައި)

1 މޭޒުމަތީސަމުސާ ރޯސްމެރީ

2 މޭޒުމަތީސަމުސާ ލޮނުމެދު (ކޮށާފައި)

30ގ ބުލެކް އޮލިވްސް (ކޮށާފައި)

45ގ ޓޮމާޓޯ (ކޮށާފައި)

80ގ މޮޒަރެއްލާ ޗީޒު (ގާނާފައި)

ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅުކޮޅު މެރިނޭޓުކުރުމަށް ލުނބޮލުގެ ހުތް މަސްކޮޅު މައްޗަށް ފިތާލާށެވެ. އަދި މަސްކޮޅުގައި ރަހަ ހިފާނެ ވަރަށް ލޮނު، އަސޭމިރުސް، 1 ސައިސަމްސާ ރޯސްމެރީ، 1 ސައިސަމުސާ ލޮނުމެދު އަދި ކުޑަ އޮލިވް އޮއިލްކޮޅެއް އަޅާލައިގެން އެއްކޮށްލާށެވެ. 45-30 ވަރަކަށް މިނިޓުވަންދެން މެރިނޭޓުކުރުމަށް ބާއްވާލަން ވާނެއެވެ. ތަވައެއްގައި ތެޔޮކޮޅެއް ހޫނުކުރަން ޖެއްސުމަށްފަހު، ފިޔާ، ބެލް ޕެޕާކޮޅު، ޓޮމާޓޯ، އޮލިވްސް އަދި ބާކީހުރި ލޮނުމެދު، ރޯސްމެރީ، ލޮނާއި އަސޭމިރުސް އެއްކޮށްގެން މީރުކޮށްލާށެވެ. ތަރުކާރީކޮޅު ތަވައިން ނަގައި ވަކިން ބެހެއްޓުމަށްފަހު އެ ތެޔޮކޮޅުގައި ކުކުޅު މަސްކޮޅު ދެފުށް ރޯފިލަންދެން ފިހެލާށެވެ. ޗިއަބާޓާ ބުރެޑް މެދުން ފަޅިކޮށްލުމަށްފަހު ދެފުށުގައި ބަޓަރުކޮޅު ހާކާލުމަށްފަހު ޓޯސްޓުކޮށްލާށެވެ. ތައްޔާރުކުރި ތަރުކާރީކޮޅު ބުރެޑް ފޮތިމަތީގައި އަތުރާލާށެވެ. އެއަށްފަހު ކުކުޅު މަސްކޮޅު ބާއްވައި، މައްޗަށް މޮޒަރެއްލާ ޗީޒު ބުރުވާލާށެވެ. އަދި މައިކްރޮވޭވް އަވަނަކުން 10-5 ވަރަކަށް މިނިޓު ހޫނުކުރަން ޖައްސާށެވެ. އަވަނުން ނެގުމަށްފަހު ފަޅިކުރި ބުރެޑުގެ ބާކީ ފޮތި މީގެ މަތީގައި ބާއްވާލުމަށްފަހު ސޭންޑްވިޗު މެދުން ދެފަޅިކޮށްލާށެވެ.