ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު އަވަހާރަ ވި ނާއިލާ އިބްރާހިމް ކަލޭފާނު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، ކުރީގެ މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ، އަވަހާރަވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
އުސޫލު އޮންނަ ގޮތުން މިހާރު މަރުވާ ހުރިހާ އެންމެންވެސް ކޮވިޑް-19 އަށް ޓެސްޓު ކުރެ އެވެ.
އެގޮތުން ނާއިލާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓުންނެވެ. ނާއިލާގެ ޖަނާޒާ މިއަދުގެ އަސްރު ނަމާދަށްފަހު އާސަހަރާގައި ބޭއްވުމަށް ހަމަޖެހިފައިވީނަމަވެސް މިހާރު ޖަނާޒާގެ ކަންކަން ހުޅުމާލޭ ސަހަރާއަށް ބަދަލު ކުރުމުގެ މަސައްކަތް އެޗްޕީއޭ އިން އަންނަނީ ކުރަމުންނެވެ.
ކޮވިޑުގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަނީ ހުޅުމާލޭ ސަހަރާގަ އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޗަން ސެންޓަރުގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތު ދެއްވަމުން ދެންމެ ވިދާޅުވީ މިއީ ކޮވިޑް މަރެއްގެ ގޮތުގައި އަދި ނިންމާފައި ނުވާ ކަމަށެވެ.
ނާއިލާ އަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު