އާސެނަލްގެ ކެޕްޓަން ޕިއޭ އެމްރިކް އަބަމަޔާންއަށް މެލޭރިޔާ ޖެހިގެން ފަރުވާ ދޭން ޖަހައިފިއެވެ.
އަބަމަޔާންއަށް މެލޭރިޔާ ޖެހިފައިވަނީ އޭނާގެ އުފަން ގައުމު، ގެބޮންގެ ގައުމީ ޓީމަށް ކުޅުމަށް ގޮސް އުޅުމުގެ ތެރޭގައެވެ. އުމުރުން 31 އަހަރުގެ އަބަމަޔާން ވަނީ އެގައުމުން ޑީއާރް ކޮންގޯއާ ދެކޮޅަށް އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފިކޭޝަންގައި ކުޅުނު މެޗުގައި ގޯލްވެސް ޖަހާފައެވެ. މާޗު 25 ވަނަ ދުވަހު ކުޅުނު އެ މެޗު ގެބޮންއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
އާސެނަލްއިން އޭޕްރީލް އަށްވަނަ ދުވަހު ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި ސްލާވިއާ ޕްރާގާ ދެކޮޅަށް ކުޅުނު މެޗުގައި އަބަމަޔާން ކުޅުނު ނަމަވެސް އޭގެ ފަހުން އާސެނަލްއިން ކުޅުނު ލީގު މެޗުގެ އިތުރުން ރޭ ކުޅުނު ކުއާޓާ ފައިނަލް ދެވަނަ ލެގުގައިވެސް އަބަޔާމް ކުޅެފައެއް ނުވެއެވެ.
އާސެނަލްއިން ރޭ ޕްރާގާ ދެކޮޅަށް ކުޅުނު އަވޭ މެޗު 4-0 އިން ކާމިޔާބުކޮށް ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ޔަގީން ކޮށްފައިވާއިރު، އަބަމަޔާން އިންސްޓާގްރާމްގައި ބުނެފައި ވަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި، ހާލު މިހާރު ރަނގަޅު ކަމަށެވެ.
މިދިޔަ ދެތިން ހަފުތާއެއްގައި އެކިއެކި އުނދަގޫތައް ކުރިމަތިވުމާއެކު ސިއްހީ ފަރުވާ އަވަހަށް ހޯދާ މެލޭރިއާއަށް ފަރުވާ ދިން ކަމަށާއި، ވަރަށް އަވަހަށް އެނބުރި ދަނޑު މައްޗަށް އާދެވޭނެ ކަމަށްވެސް އަބަމަޔާން ބުނެފައިވެއެވެ.
މެލޭރިޔާ އަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. ވައިރަސް ހަށިގަނޑަށް ވަންނަތާ 18 ވަރަކަށް ދުވަސް ތެރޭގައި ބަލީގެ އަލާމާތްތައް ފެންނައިރު، އެއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު