ރަންވީރު ސިންގު ކުޅުމަށް ހަމަޖެހިފައިވާ ސައުތު އިންޑިއަން ފިލްމު ''އަންނިއަން''ގެ ހިންދީ ފިލްމުގެ ހަބަރު ޑައިރެކްޓަރު ޝަންކަރު އިއުލާންކޮށްފައި ވަނީ ޓެމިލް އާ އަހަރުގެ މުނާސަބަތުގައި މީގެ ދެ ދުވަސް ކުރިންނެވެ. އަދި މި ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.
ނަމަވެސް މި ހަބަރު އިއުލާން ކުރުމާއެކު ''އަންނިއަން''ގެ ޕްރޮޑިއުސަރު އާސްކަރު ރަވީޗަންދުރަން ބުނެފައިވަނީ އޭގެ ހިންދީ ފިލްމު ހެދުމަކީ ގަވައިދާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ. ފިލްމުގެ ހުރިހާ ހައްގެއް ލިބިގެން ވަނީ އޭނާއަށް ކަމަށާއި އަދި އެ ފިލްމުގެ އެއްވެސް ހިއްސާއެއް ޝަންކަރަށް ވިއްކާފައި ނުވާ ކަމަށެވެ. މިމަސައްކަތް ކުރިއަށް ގެންދާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެ އިތުރުން ވެސް ޕްރޮޑިއުސަރު އާސްކަރު ނެރެފައިވާ ބަޔާނުގައި އޭނާގެ ބަހުގެ ހަމަލާތަކެއް ޝަންކަރަށް ވަނީ އަމާޒުކޮށްފައެވެ
މި ތުހުމަތުތަކަށް ރައްދު ދިނުމުގެ ގޮތުން ޝަންކަރު ވެސް ބަޔާނެއް ނެރެ ބުނެފައިވަނީ އެ ފިލްމުގެ ވާހަކަ އަކީ އޭނާގެ ވާހަކައެއް ކަމަށެވެ. އަދި އެފިލްމުގައި ސްކްރީން ޕްލޭ އަދި ވާހަކަ އަށް ވެސް ކްރެޑިޓު ދީފައި ވަނީ އޭނާއަށް ކަމުގައި ބުނެފައި ވެއެވެ.
ޝަންކަރު ބުނެފައިވާ ގޮތުގައި ފިލްމުގެ ވާހަކަ އަކީ އޭނާގެ ހައްގެއް ކަމަށާއި އެހެންކަމުން އޭނާއަށް އޭގެ ހިންދީ ފިލްމު ހެދުމުގައި އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށް ގަބޫލު ކުރާތީ، އެ މަސައްކަތްކުރިއަށް ގެންދާނެ ކަމަށެވެ.
2005 ގައި ނެރެފައިވާ އަންނިއަން އަކީ ނަފުސާނީ މައްސަލަތަކެއް ހުންނަ މީހެއްގެ ފަރާތުން ހިނގާ ބިރުވެރި ކަންތައްތަކެއް ދައްކައިދޭ ފިލްމެކެވެ. މި ފިލްމަކީ އެ އަހަރު ބޮކްސް އޮފީހުގައި ކާމިޔާބު ހޯދި އަދި ފިލްމުގެ ސްޕެޝަލް އިފެކްޓު ކެޓެގަރީން ނެޝަނަލް އެވޯޑު ލިބިފައިވާ ފިލްމެކެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން