ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ނުވެއްޖެ ނަމަ ޕީޕީއެމް ޓިކެޓުގައި ރައީސް ކަމަށް ވާދަކުރެއްވުމާ މެދު އަދި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
"ވަން" މީޑިއާ ގުރޫޕުން ގެ "ވަން ޕްލަސް" އިން ކުރިޔަށް ގެންދާ "ފަސް ސުވާލު" ޕްރޮގްރާމްގެ ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ޑރ ވަހީދު ވިދާޅުވީ ކޯލިޝަނުގެ ހުރިހާ އެންމެންގެވެސް އުއްމީދަކީ ރައީސް ޔާމީން މިނިވަން ވެގެން ނިކުމެވަޑައިގަތުން ކަމަށެވެ. އެހެން ނަމަވެސް އެފަދަ ގޮތަކަށް ދިމާ ނުވެއްޖެ ހާލަތުގައި ރިޔާސީ ޓިކެޓާ މެދު ގޮތެއް ނިންމާނީ ޕާޓީން ކަމަށްވެސް ކަމަށްވެސް ވިދާޅުވި އެވެ.
ދިވެހި ރާއްޖެ އަށް މިހާރުވެސް އެންމެ ރަނގަޅު އެއް ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކަމަށާއި އެހެން ކަމުން އެމަނިކުފާނު، 2023 ވަނަ އަހަރަށް ޖަލުން މިނިވަންވެވަޑައިގެން ނިކުމެވަޑައިގަތުމަކީ ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމެއް ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
ޑރ. ވަހީދު ވިދާޅުވީ ރައީސްކަން ކުރައްވައިގެން ލިބިވަޑައިގަންނަވާނެ އިތުރު މޮޅެއް ނެތް ކަމަށާއި މިހާރުވެސް އެމަނިކުފާނަށް ލިބެންވާ އިހުތިރާމު، ރާއްޖެ އާއި ރާއްޖެއިން ބޭރުންވެސް ލިބިވަޑައިގަންނަވާ ކަމަށާއި އެންމެންވެސް އެމަނިކުފާނާ މުހާތަބު ކުރަނީ ވެސް "ރައީސް ވަހީދު"ގެ ނަމުން ކަމަށެވެ.
"އަޅުގަނޑުމެންގެ މިހާރުގެވެސް އުއްމީދަކީ ރައީސް ޔާމީން މިނިވަންވެގެން ނިކުމެ ވަޑައިގަތުން. އަޅުގަނޑު ކޮންމެހެން ރައީސްކަން ނުކުރެވިގެން ނޫޅެން. އަޅުގަނޑު އެއްފަހަރު ކޮށްފިން ދެއްތޯ ކޮންމެ ގޮތަކަށް ނަމަވެސް. ހަމަ ގާނޫނީ އިމުގެ ތެރެއިން. ގާނޫނުގަ އެ އޮންނަ ގޮތަށް ނައިބު ރައީސް ކަމަށް އިންތިހާބު ވެގެން." އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަހީދު މީގެ ކުރިން ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީން ވިދާޅުވި ފަދަ މިނިކާ ބާޒަކަށް ވެވަޑައިނުގަންނަވާނެ ކަމަށާއި ފުރުސަތު ދެއްވައިފި ނަމަ 2023 ގައި އޮންނަ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަންނަވަން ތައްޔާރު ކަމަށެވެ.
އެމަނިކުފާނު ސިޔާސީ މައިދާނުގައިވެސް ވަރަށް ބޮޑެތި މަސައްކަތް ކުރެއްވި ކަމަށާއި ނައިބު ރައީސަކަށް އިންތިހާބު ވެ ވަޑައިގަތީވެސް ރައީސް ނަޝީދާ އެއްކޮށް މަގުމައްޗަށް ނިކުމެ ކެމްޕެއިން ކުރައްވައިގެން ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ކަމުގެ ރިޔާސަތު ފަސް އަހަރު ވަންދެން ބެލެހެއްޓެވި ކަމަށާއި އެގޮތުން އެ ރިޔާސަތު ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ތިން އަހަރު ދުވަސް ވަންދެން ބެލެހެއްޓެވި ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން އެ ރިޔާސަތު ދެ އަހަރު ވަންދެން ބެލެހެއްޓެވި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އެ ރިޔާސަތު ފަސް އަހަރު ވަންދެން ބެލެހެއްޓިން. އެކަން އެއޮތީ ވެފަ. އަޅުގަނޑަށް ހުރިހާ މީހުންވެސް ރަސްމީ ގޮތުން ކިޔާނީ ރައީސް ވަހީދު. އަޅުގަނޑު ރާއްޖެއިން ބޭރަށް ދިޔަސް ކުރީގެ ރައީސަކަށް ލިބެން ޖެހޭ ހުރިހާ އިހުތިރާމެއް ލިބޭ. އެއީ އަޅުގަނޑު ވަކި އާއިލާއަކުން ވަކި ނަސްލަކުން ވަކި ކަމަކުން އައިތީކީ ނޫން އެ އިހުތިރާމް އަޅުގަނޑަށް ލިބެނީ. އެއީ އެކަން އޮންނަ ގޮތް." އެމަނިކުފާނު ވިދާޅުވި އެވެ.
މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، 2023ގެ ރިޔާސީ އިންތިހާބުގެ ކުރިން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް ވަހީދުވެސް ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޑރ. ވަހީދު ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ވަރުގަދަ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ވަރަށް ކެރިވަޑައިގަންނަވާ ސާބިތު ބޭފުޅެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު