"މާމައަށް ހުރިހާ ކަމެއް އިނގޭ" މާމަ ބުނެލިއެވެ. ދެން ވިއާން ބަލައިލީ އަހަރެންނަށެވެ. އަހަރެން ބޯޖަހައިލުމުން ވިއާން ހީލައިފިއެވެ. މާމަގެ ދެފަރާތުން އަހަރެމެން ދެމީހުން ބޯއަޅާލައިގެން ތިބި އިރު މާމަގެ ފުރަގަހަށް އޮތް އަހަރެންގެ އަތުގައި ވިއާން ފިރުމަމުން ދިޔައެވެ. ވިއާންގެ ކޮންމެ އަމަލެއްގައި ވަނީ ލޯތްބެވެ.

މާމަގެ ރުހުމަށްފަހު ގޭތެރޭގައި އަހަރެމެންގެ ކައިވެނީގެ ވާހަކަތައް ދެކެވެން ފަށައިފިއެވެ. ކައިވެނި ފަސްކޮށް ލޯބީގެ ގޮތުން ގުޅި ދުވަސްތައް ހޭދަކުރަން މާމަ ދެކޮޅެވެ. މާމަ އަހަރެމެން ދެމީހުން ކައިރީގައި ބައިންދައިގެން ވިސްނައިދިނެވެ. ކައިވެނީގެ ބޭރުން އަންހެނަކާ ފިރިހެނެއްގެ ދެމެދުގައި ލޯބި އެއީ ހަގީގަތުގައި އޮންނަ އެއްޗެއް ނޫން ކަމަށް ބުނެދިނެވެ. ހަގީގީ ލޯބި އުފަންވާނީ ކައިވެނީގެ ފަހުން ކަމަށް ބުންޏެވެ. ޒުވާން ޖޯޝުގައި ދެ ހިތެއްގައި އެކަކު އަނެކަކަށް ހިތް ކިޔައިފާނެ ކަމަށް މާމަ ބުނެލިއެވެ. އެ ޖޯޝުގައި ޖެހި ތިމާގެ އަބުރު ވެއްޔާ މޮޑެނުލުމަށް މާމަ ވިސްނައިދިނެވެ.

ދުވަހުގެ މެންދުރުފަހެވެ. އަހަރެން ކޮލެޖުން އައިސް ކޮޓަރިއަށް ވަން ގޮތަށް އެނދު މައްޗަށް ދަބަސް އެއްލާލެވިއްޖެއެވެ. އޭސީގެ ފިނިން ހަށިގަނޑަށް އަރާމެއް ނުލިބުމުން ތެދުވެގެން ގޮސް ފަންކާ އެންމެ ބާރުކޮށްލާފައި އައިސް އަލުން އެނދުގައި އިށީނީމެވެ. ހަށިގަނޑަށް ލިބިފައިވި ލޮޑުކަން ފިލަންދެން އެނދުގައި އުއްޑުން އޮށޯވެގެން އޮތްއިރު އަހަރެންގެ ހިޔާލުތަކާ ގުޅިފައިވީ ވިއާނެވެ. ކައިރީގައި އޮތް ފޯނު ނަގާފައި ވިއާނަށް ގުޅަން އުޅުނު ވަގުތު ކަޅި ހުއްޓުނީ ވިއާން ފޮނުވާފައި އޮތް މެސެޖަކަށެވެ. އޭނާ ބައްދަލުވުމެއްގައި އިން ވާހަކައެވެ. ނިމުނުހާ އަވަހަކަށް ހަބަރެއް ވާނެ ކަމަށް ބުނެފައި އޮތެވެ. ވަރަށް ހަަނދާންވާ ވާހަކައާ އަވަހަށް ގެއަށް ދާން ބޭނުންވާ ކަމަށް ބުނެފައި އޮތެވެ. އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ވިއާން ގެއަށް ނައިސް ހޭދަވާ ކޮންމެ ސިކުންތަކީ ހުދު އަހަރެންނަށްވެސް ވޭނެކެވެ. އެކަމަކު ލޯބިވާ މީހާ ސައުވީސް ގަޑި އިރު ލޯމަތީގައި ހުރުމަކީ ދުނިޔޭގެ އުސޫލެއް ނޫންކަން އަހަރެންނަށް ވިސްނެއެެވެ.

"އަދިވެސް އޮތީތަ؟" ކައިރިން މާމަގެ އަޑު އިވުމުން އަހަރެން ސިހުނެވެ. ހިޔާލުގެ ވާފަށް ކަނޑައިގެން ގޮސް ހަމަ ބިމަށް އާދެވިއްޖެއެވެ. އެނދުން ތެދުވި ގޮތަށް ކައްޓެއްހެން ކޮޅަށް ޖެހިއްޖެއެވެ.

"ދޮރު ކައިރިކޮށްލާފައި ހުރީ. ކިހިނެއްވެފަ ތި އޮންނަނީ؟" މާމަ ބުނެލިއެވެ. ފަހު ޖުމްލަ އާއެކު މާމަ އެނދުގައި އިށީނދެއްޖެއެވެ. އަހަރެން ތެދުވެގެން ގޮސް އެނދުމަތީގައި އޮތް އަހަރެންގެ ދަބަސް ނަގައިގެން ގޮސް ބަހައްޓަންޖެހޭ ތަނުގައި ބަހައްޓާފައި މުޅި ކޮޓަރި ތެރެއަށް އަވަސް ނަޒަރެއް ދެވިއްޖެއެވެ. މިހާރުން ފެށިގެން އަހަރެންނަށް އެކި ކަންތައްތައް ތަރުތީބު ކުރާނެ ގޮތްތަކަށް ސަމާލުކަންދޭން ފެށިއްޖެއެވެ. އެކަން މާމައަށް ފާހަގަވީ ކަން ނޭނގެއެވެ. އަހަރެންނަށް ގޮވާލައިފިއެވެ.

"އާދެބަލަ މިތަނުގައި މާމަ ކައިރީގައި އިށީނދެލަން" މާމަ ބުނެލިއެވެ. އަހަރެން ގޮސް މާމަ ކައިރީގައި އިށީނީމެވެ.

"މާމަ ވާހަކައެއް ދައްކަން ބޭނުން. ތިއީ މާމަގެ އުފަން ދަރިއެއް ނޫނަސް މާމަ ދެކެނީ އެފަދައިން. މާމައަށް މާމަގެ ތަރުބިއްޔަތުގެ ދަށުން ބޮޑުވި ފިރިހެން ދަރިފުޅަށް ފުރިހަމަ އިތުބާރު އެބަ އޮތް. މިބުނީ މަލްއަށް އިތުބާރު ނުކުރާ ވާހަކައެއް ނޫން. އެކަމަކު މައެއްގެ ހައިސިއްޔަތުން އަންހެން ދަރިއަކަށް އިނގެންޖެހޭ ކަންތައްތަކެއް ހުންނާނެ. މާޖިދާގެ ފަރާތުން މަލްއަށް އިނގިފައިވެސް އޮވެދާނެ" މާމަ ވާހަކަ ފެށިއެވެ. އަހަރެންނަށް މާމަގެ ވާހަކަތަކަށް ސަމާލުކަން ދެވުނެވެ.

"އަންހެން ކުއްޖެއްގެ އިއްފަތްތެރިކަމަކީ ފިރިއަކަށް ކައިވެނީގެ ފުރަތަމަ ރޭ ދެވޭނެ އެންމެ ފުރިހަމަ ހަދިޔާ. އަދި އެއީ ހެއްދެވިފަރާތަށް ތިމާ ބިރުވެތިވާކަމަށް އެފަރާތަށް ދެވޭ ޔަގީންކަމެއް. މާމަ ބުނަން މިއުޅެނީ ވިއާނާ ދެކުދިން ހުރިހާ ވަގުތެއް ހޭދަތިކުރަނީ ގޭތެރޭގަ. އެކަކު އަނެކަކުގެ ދެކެ ލޯބިވާ އަންހެނަކާ ފިރިހެނަކު އެއްތަންވިއްޔާ ދެމެދުގައި ތިންވަނަ ފަރާތަކަށް ޝައިތާނާ އިންނާނެ. އެސޮރުގެ މަސައްކަތަކީ އެ ދެމީހުންގެ މަގު އޮޅުވާލުން. އެކަން އެސޮރު ކާމިޔާބުވެސް ކުރޭ. އެކަމުން ރެކެން ބޭނުން ކުރެވޭނެ އެންމެ ވަރުގަދަ ހަތިޔާރަކީ ތިމާމެންގެ އީމާންތެރިކަން ވަރުގަދަކުރުން. އަގީދާ ބަލިކަށިވިޔަ ނުދިނުން. މާމަ ތި ދެކުދިންނަށްވެސް އިތުބާރު ކުރަން. މާމައަށް ޔަގީން ތިދެކުދިން އިންފަހަނައަޅައި ނުދާނެކަން. އެކަމަކު އެހެނޭ ކިޔާފައި މި ނަޞޭޙަތް ތިކުދިންނަށް ބޭނުންނުވާނޭ ހިތާ އަޅާނުލާ ހުންނާކަށްވެސް ނުވާނެ ދޯ. މާމައަށް ރަނގަޅީ އެއްވެސް ކޮޓަރިއެއްގައި ބަންދުވެ ދެކުދިން އެކަހެރިވެގެން ނުތިބުން. ގޭތެރޭގައި އަބަދުވެސް މާމައަށް ފެންނަ ހިސާބެއްގައި ތިބުން. ހަމަ އެގޮތަށް ކައިވެންޏަށްފަހު ލިބޭ ދަރިންނަށްވެސް މިކަންކަން އަންގައިދޭންޖެހޭ. ދަރިންނަށް މިކަން އަންގައިދޭންޖެހޭ ފަރާތަކީ އެދަރިންގެ މަންމަ. ދުނިޔޭގެ ފިތުނަވެރިކަން އައިސް އެދަރިން ވަށާލުމުގެ ކުރިން އިއްފަތްތެރިކަމާ ލަދުވެތިކަން އެދަރިންނަށް ދަސްކޮށްދޭންޖެހޭ. ދުނިޔޭގައި ހޭދަކުރާ ހަޔާތަކީ ފިލާވަޅެއް ކަމާ އަބަދުވެސް އޭގެއިން އިބްރަތް ހާސިލްކުުމަށް ހަނދާންކޮށްދޭންޖެހޭ. މިކަންކަން އެންމެ ފުރިހަމައަށް ކުރުމަށް ދަރިފުޅަށް މާމަ ވަސިއްޔަތް ކުރަން" މަޑުމައިތިރިކަމާއެކު މާމަ ވާހަކަދެއްކިއެވެ.

މާމަ ދެއްކި ހުރިހާ ވާހަކަތަކެއް އަހަރެންނަށް ގަބޫލުކުރެވުނެވެ. މައެއްގެ ފަރާތުން އަންހެން ދަރިއަކު އެންމެ ބޭނުންވާނެ ފަދަ އަގުހުރި ބަސްކޮޅެކެވެ. ޒިޔާންގެ މަންމަގެ ފަރާތުން އިނގިފައިނުވާ ކަންކަމެވެ. އެހެންކަމުން ކައިވެނީގެ ކުރިން ޒިޔާނާއެކު ކުދި ފާފަތަކަށް އަރައިގަނެވިފައި ނުވެއޭ ބުނެފިނަމަ އެވާނީ ދޮގަކަށެވެ. އެކަމާ މިއަދު ދެރަވެއެވެ. ހަނދާން ހުންނަން ފެށިއްސުރެ އުޅެ ބޮޑުވީ އެކަންޏެވެ. އެއްވެސް މީހެއްގެ ފަރާތުން ކަމެއް ދަހެއް ނުކުރެވެއެވެ. އަމިއްލަ ނަފްސު ތަރުބިއްޔަތު ކުރީ އަމިއްލައަށެވެ. ކައިވެންޏާ ހަމައަށް ޒިޔާނާ އެއްފުރާޅެއްގެ ދަށުގައި ހޭދުކުރި އިރު ގިނަ ފަހަރަށް ޒިޔާންގެ މަންމަ އަޅައެއް ނުލައެވެ. އެއްވެސް ކަމެއް ހުއްޓުވަން މަސައްކަތެއް ނުކުރެއެވެ. ރަނގަޅު ގޮތް ބުނެ ނުދެއެވެ. އެހެންނަމަވެސް ފަހުން އެކަން ވިސްނި ތައުބާ ވެވުނެވެ. ރަނގަޅު މަގު ފެނުނީ ކައިވެނީގެ ގޮށް ޖަހައިލި ފަހުންނެވެ.

"ކޮން ވިސްނުމެއްގަ" ސިހުނީ މާމަގެ އަޑުންނެވެ.

"ނުވިސްނަން. މާމަ ތިދެއްކި ހުރިހާ ވާހަކަތަކެއް އަޑުއަހައިފިން. ﷲ އިރާދަފުޅު ކުރެއްވިއްޔާ ނުބައި އެއްވެސް މަގެއް ޚިޔާރު ނުކުރާނަން. މިގުޅުން ކައިވެންޏާ ހަމައަށް ސާފު ޠާހިރު ގުޅުމެއްގެ ގޮތުގައި ބާއްވަން މަސައްކަތް ކުރާނަން" އަހަރެން ބުނީމެވެ. އަހަރެންގެ މޫނުގައި މާމަ ފިރުމައިލިއެވެ.

"އަދި އެއްވާހަކަ އެބައޮތް" މާމަ ބުނެލިއެވެ. އަހަރެން ޝައުވެރިކަން ފާޅުކުރީމެވެ.

"އެންމެ ބޮޑު މައްސަލައަކީ ވިއާން. ކައިވެންޏަށްފަހު މަލް ޖެހޭނެ ވަރަށް ކެތްތެރިވާން. ވިއާނަކީ ކޮންކަހަލަ މިޒާޖެއްގެ ކުއްޖެކަން މިހާރު މަލްއަށް އޮޅިފައެއް ނޯންނާނެ. ކައިވެންޏަށް އޭނާ އެއްބަސް ވިޔަސް ޔަގީން އަދިވެސް އޭނާގެ ނަފްސަށް އުނދަގުކުރާ ކަންތައްގަނޑު އުޅޭނެކަން. މަލް ވާނެ ވަރަށް ކެތްތެރިވާން. ލޯތްބާއެކު ވިއާނަށް ވިސްނައިދޭން. ވިއާން ދެކޭ ގޮތުގައި ވިއާނަކީ ބަލި މީހެއް. އެކަމަކު ހަގީގަތުގައި ވިއާން ބައްޔެއް ނޫން. ވިއާންގެ އެއްވެސް ކަހަލަ ބަލިމަޑުކަމެއް ނެތް. ހުރިހާކަމެއްވެސް މާތްﷲގެ ހެޔޮ ރަހްމަތްފުޅާއެކު މީގެ އަހަރުތަކެއް ކުރިން ރަނގަޅުވެއްޖެ. އެކަމަކު އަދިވެސް އެބިރުވެރިކަން ވިއާންގެ ހިތުގައި އެބަވޭ. ކިޔަމަންތެރި އަންބެއްގެ އޯގާތެރިކަމާ އަޅުލުމަކީ އެއީ ކޮންމެ ފިރިއެއް ކަމުގައި ވި ނަމަވެސް އެމީހެއްގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނޭ ކަމެއް. އެއްވެސް ކަމެއްގައި މަލް ފަސްނުޖެހޭތި. މަލް ތިއީ ކިޔަމަންތެރި އޯގާތެރި އަންބެއްކަން ހުރިހާ ސިފައެއްގައި ވިއާނަށް އިހުސާސްކޮށްދޭތި" މާމަ ނަޞޭޙަތްދެމުން ދިޔައެވެ.

ބޯޖައިލެވުނުއިރު އަހަރެންގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ކައިވެންޏެއް ކުރެވެން މިއުޅެނީ އަދި ކިރިޔާއޭ ހީވިއެވެ. މީގެކުރިން ނޭނގޭ އެތައް އެތައް ކަމެއް މިވީ ކުޑަ ހިނދުކޮޅު ތެރޭގައި އިނގިއްޖެއެވެ. މީގެކުރިން ނުކުރެވޭ އެތައް އިހުސާސްތަކެއް ކުރެވިއްޖެއެވެ.

މުޅިން އާ ދުވަހެކެވެ. ރޭގަނޑުގެ ވަގުތެވެ. އަހަރެން އިނީ ސޯފާގައެވެ. ކުރިމަތީގައި ހުރި ޓީވީ ހުޅުވާފައި ހުއްޓަސް އަހަރެންގެ ސަމާލުކަން ޓީވީއަށް ނެތެވެ. އޭގެ ބަދަލުގައި އިރުކޮޅަކާ އަތުކުރީގައި އޮތް ގަޑިއަށް ނަޒަރެއް ދެވެއެވެ. ހުސް ޖަގު ހިފައިގެން މާމަ ކޮޓަރިން ނިކުތީވެސް އަހަރެން އެހެން އިންދައެވެ. މާގިނަ އިރެއް ނުވެ ވިއާންގެ ކޮޓަރި ދޮރު ހުޅުވައިލި އަޑު އިވިއްޖެއެވެ. އަހަރެން ފަހަތަށް އެނބުރުނު އިރު ވިއާން ސޯފާ އާ ދިމާލަށް އަންނަނީއެވެ. އަޅިކުލައިގެ އަތްދިގު ގަމީގުގައި ވިއާން ހާދަ ރީއްޗެވެ. ހިތާހިތުން އަހަރެންނަށް ވިއާނަށް ތައުރީފު ކޮށްލެވުނެވެ.

"އަދިވެސް އެކުދިން ނާދޭތަ؟" ފެންޖަގު ހިފައިގެން ކޮޓަރިއާ ދިމާލަށް ދިޔަ މާމަ އެހިއެވެ. އަހަރެން މާމައަށް ބޯޖަހައިލީމެވެ. ވިއާން އިށީނީ ވަކިން ހުރި އެކަކަށް އިނދެވޭ ސޯފާގައެވެ. އިރުކޮޅަކާ އަހަރެންނަށް ބަލައިލައެވެ. ވިއާން ބަލައިލާ ކޮންމެ ފަހަރަކު އަހަރެންނަށްވެސް ހީލެވެއެވެ. އެކަކު އަނެކަކާ ބަހެއް ނުކިޔާ އެގޮތުގައި ހިނދުކޮޅެއް ފާއިތުވެއްޖެއެވެ. ކުޑަ މޭޒުމަތީގައި އޮތް އަހަރެންގެ ފޯނު ރިންގުވާން ފެށި އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެނެވެ.

"އެގުޅީ" ފޯނަށް އަރައި އިން ރީޝަމްގެ ނަން ފެނުމާއެކު އަހަރެންނަށް ބުނެވުނެވެ. އަހަރެންނަށް ވުރެ ކުރިން ވިއާން ތެދުވެގެން ހިނގައި ގަނެއްޖެއެވެ. ޓީވީގެ އަޑު މަޑުކޮށްލާފައި އަހަރެން ހިނގައިގަތް އިރު ވިއާން ހުރީ ދޮރު ހުޅުވައިގެންނެވެ. މާގިނަ އިރު ނުވަނީސް ހުޅުވުނު ލިފްޓުން ރީޝަމް އަދި އާލިމް ނިކުތެވެ. ދެމަފިރިން އެކުގައި ހިނގާފައި އައިސް އެޕާޓްމަންޓުން އެތެރެއަށް ވަދެއްޖެއެވެ.

"މިރޭ މަލް އެބަހުރި ޕިއްޒާ އަޅާފަ" ވިއާން ބުނެލިއެވެ. ރީޝަމް އަހަރެންނާ އެއްހަމައެއްގައި ހުރި އިރު އާލިމް ހުރީ ވިއާނާއެކު ތަންކޮޅެއް ފަހަތުގައެވެ.

"އެ ދޮގެއް މަށެއް ނޫން ހެދީ. ވިއާން ގެ މަސައްކަތް އެއި" އަހަރެން ބުނީމެވެ.

ހަތަރު މީހުން އެކީގައި ގޮސް މަޑުކޮށްލީ ކާ މޭޒު ކައިރީގައެވެ. ތަށިތަކަށް އެއްޗެހި އަޅަން ވިއާން ކައިރިވުމުން އަހަރެންގެ އެދުމަށް ގޮސް މޭޒު ކައިރީގައި އިށީނެވެ. އަހަރެންނާ ކައިރިއަށް ޖެހުނީ ރީޝަމްއެވެ.

"ހާދަ ސާމާނެއް" ރީޝަމް ބުނެލިއެވެ.

"އަހަރެން ހަމައެކަނި ސްޕެގެޓީ ހެދީ. ޕިއްޒާ އެޅީ ހަމަ ސީރިޔަސްކޮށް ވެސް ވިއާން" އަހަރެން ބުނީމެވެ.

"ރަނގަޅު ގޯހެއް ނޫން. ވައްތަރަކުން އެތިކޮޅެއް. އިސްރާފު ކުރާ ގެއެއް ނޫން ކަން އިނގިއްޖެ" ރީޝަމް ބުނެލިއެވެ.

"މިގޭ އިސްރާފު ކުރުމެއް ނެތް. އެއީ މާމަ ރުހޭ ކަމެއް ނޫން. އެތިކޮޅެއް ބާކީވިޔަސް މާމަ ގަދަކަމުންވެސް ކާންދޭނެ" ހީލާފައި އަހަރެން ބުނީމެވެ.

ހުރިހާ މީހުން ކާން ފެށުމުގެ ކުރިން އަހަރެން އެބަ އަންނަމޭ ބުނެފައި ހިނގައިގަތީމެވެ. ކޮޓަރިއަށް ވަން އިރު މާމަ ނުނިދައެވެ. ފައިން ތަދުވާ ތަނެއްގައި ބޭސްހާކަން އިނެވެ. މުޅި ކޮޓަރި ތެރެއަށް ފެތުރިފައިވަނީ އާވި ވަހެކެވެ. އަހަރެން ފެނުމާއެކު ލައިގެން އިން ހައުސްކޯޓު ތިރިކޮށްލާފައި ފައި ނިވާކޮށްލިއެވެ. އަދި އަހަރެންނަށް ހިނިތުންވުމެއް ދީފައި ބޭސްފުޅި އެނދުގެ ހެޑްބޯޑު މަތީގައި ބޭއްވިއެވެ.

"ދަރިފުޅު ކަމަކުތަ؟" މާމަ އެހިއެވެ.

"މާމައަށް ބޭރަށް ނިކުމެލެވޭނެތަ؟ އެމީހުން އަތުވެއްޖެ. އެމީހުން މާމަ އާ ބައްދަލުކޮށްދޭން ބޭނުން" އަހަރެން ބުނީމެވެ. މާމަ ނިދަން ތައްޔާރުވެގެން އިންދާ ކޮޓަރިން ބޭރަށް ނެރެން އަހަރެންނަށް އުނދަގުވިއެވެ.

"މާމަ ބޭނުމިއްޔާ އެހެން ފަހަރަކުންވެސް ބައްދަލުކޮށްދެވިދާނެ" އަހަރެން ބުނީމެވެ.

"ނޫނޭ. މިއީ އެހާވަރުގެ ކަމެއް ނޫނެއްނު. މާމައަށް އުނދަގުލެއްނުވޭ" މާމަ ބުނެލިއެވެ.

ރީޝަމްގެ ދެމަފިރިން މާމައަށް އިހުތިރާމް އަދާކުރިއެވެ. ހާލު އެހިއެވެ. ބައްދަލުވީތީ އުފާކުރާކަމަށް ބުނެލިއެވެ. ބަދަލުގައި އެދެމަފިރިންނަށްޓަކައި މާމަގެ ދުލުންވެސް ބޭރުވެގެން ދިޔައީ ހެޔޮ ބަސްތަކެވެ. އެދެމަފިރިންގެ ކައިވެނި ތާއަބަދު އޯގާތެރިކަމާ ލޯބި މަތީގައި ލެހެއްޓެވުމަށް އެދި ދުއާ ކުރިއެވެ. މާމަ އެނބުރި ދިޔައީ ކުރިއަށް އޮތް ދުވަސްތަކުގައި ބައްދަލުވާނެ ކަމަށް އުންމީދުކުރާ ވާހަކަ ބުނެފައެވެ. އަހަރެންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އަހަރެންނަށް ރީޝަމް ކަހަލަ އެކުވެރިޔަކު ލިބުނު ކަމަށްޓަކައި މާމަ އުފާކުރާ ވާހަކަ ބުނެލުމުންނެވެ. އެވަގުތު ރީޝަމް އަހަރެންނަށް ބަލައިލީ ޝުކުރުވެރި ލޮލަކުންނެވެ.

"ހޫމް. މިހާރުވެސް މާގިނައިރު ވެއްޖެ. މިތާ އެހުރިހާ ވާހަކަތަކެއް ދެކެވުނު އިރު އަހަރެންނަށް އިނދެވުނީ މި ކާއެއްޗެހިތަކަށް ބަލަން" މާމަ ގޮސް ތަން ހިމޭންވުމުން އާލިމް ބުނެލިއެވެ. އަދި ޕިއްޒާ ފޮއްޗެއް ވަކިކޮށްލާފައި އޭނާގެ ކުރިމަތީގައި ހުރި ތައްޓަށް ލިއެވެ.

"އޭ. ގަދަ އިނގޭ. ސީރިޔަސްލީ ވަރަށް މީރު" ކައިރީގައި އިން ވިއާންގެ އަތުގެ ފަލަމަސްގަނޑުގައި ކޮނޑުން ޖަހައިލަމުން އާލިމް ބުނެލިއެވެ.

"ކައިވެނީގެ ފަހުން މަލްއަށް ކިހާ ލުއިވާނެ. ޔަގީނެއްނު މަލް ފަލަވާނީ ލޯބި ލިބިގެނެއް ނޫން. މިކަހަލަ މީރު އެއްޗެހި ވިއާން އަތުން ކައްކާފަ ކާންދީގެން. އާލިމްވެސް ވިއާން އަތުން ރެސިޕީ ގެންދެބަލަ" ކާން އިން ރީޝަމް ބުނެލިއެވެ. އެވަގުތު އެންމެންގެ ހުނުމުގެ އަޑުން ތަން ހަލަބޮލި ކޮށްލިއެވެ.

"ވިއާން ވަރަށް މޮޅެތި ކެއްކުން ކައްކާނެ. އެކަމަކު އޭނައަށް އެންމެ މީރު ކެއުމަކީ ގަރުދިޔަ އާއި ބަތް. ހެޔޮވާނެ މިރުހެއް ލުނބޮއެއް ނެތަސް. މަގޭ ވިއާން ވަރަށް ހިތްތިރި" އަހަރެން ބުނީމެވެ. އެވަގުތު ލޯބި ބަލައިލުމެއް ވިއާން އަހަރެންނާ ބަދަލުކޮށްލިއެވެ.

"ހޮއެ...ހޮއެ.... މަގޭ ވިއާނޯ...." ރީޝަމް އަހަރެންނާ ދިމާކޮށްލިއެވެ. އާލިމް އިނުމުން އަހަރެން ލަދުވެސްގަތެވެ.

"ދެން މިހާރު އެހެން ކިޔަސް މައްސަލައެއް ނެތެއްނު" ވިއާން ބުނެލިއެވެ.

"އާނ. ދެން ލަހެއްނުވެ ދެމަފިރިންގެ ލިސްޓަށް އަރާނެތާ. ވަރަށް ބޮޑަށް މަރުހަބާ ދެކުދިންނަށް. އަހަރެންގެ ދުއާ އަކީ ދެކުދިންނަށް ގިނަގިނައިން ދަރިން ދެއްވުން" އާލިމް ބުނެލިއެވެ. ހަމަ އެވަގުތު އަޑަށް ބާރުލާފައި ނިކަން ބާރަށް 'އާމީން' އޭ ރީޝަމް ކިޔައިލިއެވެ. އަނެއްކާވެސް ތަނުން ހުނުމުގެ އަޑު އިވިލިއެވެ. އަހަރެން ރީޝަމްއަށް ދެލޯ އަޅައިލީމެވެ.

ރީޝަމްގެ ދެމަފިރިން ގެއަށް ދާން ނުކުތީ ވަރަށް ގިނަ ވަގުތު ގޭތެރޭގައި ހޭދަކޮށްފައެވެ. ދޮރާ ހަމައިގައި ހުރެފައި ރީޝަމް ލިފްޓަށް އެރުމުން އަހަރެމެން އެތެރެއަށް ވަދެ ދޮރު ތަޅުލީމެވެ. ތަނަށް ވެރިވެގެން ދިޔަ ހިމޭންކަމާއެކު އަހަރެންނަށް ވިއާނަށް ބަލައިލެވުނެވެ. ވިއާން ވެސް ހުރީ ބަލަހައްޓައިގެންނެވެ. އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ.

"ވިއާން ކޮޓަރިއަށް ދާންވީނުން. އަހަރެން ދާނަން ކުޑަކޮށް ބަދިގެ ސާފުކޮށްލާފަ" އަހަރެން ބުނީމެވެ.

"މަލް އެކަނި ބަހައްޓާފަ ކިހިނެއް އަހަރެން ދާނީ" ވިއާން ބުނެލިއެވެ. ބަދިގެ އާ ދިމާލަށް ހިނގައިގަތީ ދެކުދިން އެއްކޮށެވެ.

ތަށިތައް ނަގައި މޭޒުމަތި ސާފުކުރަން ވިއާން އަހަރެންނަށް އެހީވިއެވެ. އެންމެފަހުން ހުސްވެފައި ހުރި ފުޅިތަކަށް އަހަރެން ފެން އަޅަން ހުރި އިރު ބަދިގެތެރެ މޮޕް އަޅަން ވިއާން ހުއްޓެވެ. އަހަރެންނަށް ވުރެ ވިއާންގެ ހަރަކާތްތައް މާއަވަހެވެ. ބަދިގޭ ހުރިހާ މަސައްކަތްތަކެއް ނިންމާފައި ލައިޓްތައް ނިއްވުމަށްފަހު ދެކުދިންއެކު ނިކުމެގެން ގޮސް މަޑުކޮށްލީ އަހަރެންގެ ކޮޓަރި ދޮރުމަތީގައެވެ.

"މާދަމާއަށް ރެޑީތަ؟" ވިއާން އެހިއެވެ.

"ހޫމް. ވިއާން ތައްޔާރުތަ؟" އަހަރެން އެހީމެވެ.

"ހެހެހެ...އަހަރެން ކޮން ރެޑީއެއް ވާނީ؟ އެއީ މަލްއަށް ހާއްސަ ކަމެއްނު" ވިއާން ބުނެލިއެވެ.

"ދެން ބުނެބަލަ. މަލް ކޯޗަކަށް ރަން ކިޔާނީ" ވިއާން ބުނެލިއެވެ. ކެތްތެރިކަން ކުޑަވެފައިވާ ރާގެއްގައެވެ.

"ސޮރީ. ނުއެއް ބުނެވޭނެ. މާދަމާ ރޭ އިނގޭނެއްނު. ވިއާން އަހަރެން އަންބަކަށް ހަދަން ބޭނުމިއްޔާ އަހަރެން ބުނި ކޮންމެ އެއްޗެއް ރަނުގެ ގޮތުގައި ދޭނަމެއްނު" އަހަރެން ބުނީމެވެ.

"ޔަގީނެއްނު. މިހާރު ބުންޏަސް މި އުޑުދަށުން ލިބެން ހުރި ކޮންމެ އެއްޗެއް މަލްއަށް ގެނެސްދޭނަން. ފިހާރައެއްގެ ވިއްކާކަށް ނުހުންނާނެ އަހަރެންނަށް ނުގަނެވޭނެ އެއްޗެއް. އެކަމަކު ނުބުނައްޗެ އުޑުގައި ހުރި ތަރިތައް ގެނެސްދޭށޭ. ހަނދު ފުޅިއަކަށް ލައިދޭށޭ" ވިއާން ވާހަކަދެއްކިއެވެ. އޭނާގެ ކޮންމެ ބަހެއްގައި އެކުލެވިގެން ވަނީ ސަމާސާއެވެ. ލޯތްބެވެ. އަހަރެން ހިތްހަޖައްސުވައިދޭން މިހާރުވެސް މަސައްކަތް ފަށައިފިއެވެ. ކައިވެނި ކުރެވޭނެ ވަގުތަކަށް މިހާރުން ފެށިގެން އަހަރެން ކެތްތެރިކަން ކުޑަވެއްޖެއެވެ.

"ދެން ހިނގާ ނިދަން ދަމާ. ބާއްޖަވެރި ރޭގަނޑަކަށް އެދެން" އަހަރެން ބުނީމެވެ. ވިއާން ހިނިތުންވެލިއެވެ. އަހަރެންނަށް ރޭގަނޑުގެ ފަހު ސަލާން ފޮނުވައިލިއެވެ. އަހަރެން ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު އަތުގައި ހިފައިފިއެވެ.

"ނޫން ވިއާން. ތިކަހަލަ ސަމާސާ ކުރީމަ އެހެން ކަހަލަ ނަތީޖާއެއް ނިކުމެދާނެ. އަހަރެންގެ އިނގިއްޔެއްހާ ހިސާބުގައި ވެސް ވިއާން ބީހިލަން އަހަރެން ބޭނުންވަނީ އަހަރެމެންގެ ބޮޑު ރެއަށް ފަހު" އަހަރެން ބުނީމެވެ. މާމަ ދިން ނަޞޭޙަތްތައް އަހަރެންގެ ސިކުނޑިން ބޭރެއް ނުވެއެވެ. ހުރިހާ ވާހަކަތަކެއް ހަނދާނުގައި އެބަހުއްޓެވެ.

"ތިކަހަލަ އަންހެން ކުއްޖެއް ހުރިހާ ފިރިހެނުންގެ އަންބަކަށް ލިބުމަށް އެދެނީ. ސޮރީ. އަހަރެން ދެން މަލްގެ އަތުގައި ކީއްކުރަން ހެދުމުގައިވެސް އަތް ނުލާނަން" ވިއާން ބުނެލިއެވެ. އަހަރެންނަށް ހީލެވުނެވެ.

"މަލް،" އަހަރެން ކޮޓަރިއަށް ވަންނަނިކޮށް އަނެއްކާ ވިއާން ގޮވައިލިއެވެ. އަހަރެން ބަލައިލުމާއކު ހީލައިފިއެވެ.

"ގަދަ ފެއްސާ މަލް ވަރަށް ގުޅޭ" ވިއާން ބުނެލިއެވެ. އަހަރެންނަށް ލައިގެން ހުރެވުނު ހެދުމަށް ބަލައިލާފައި ހީލެވުނެވެ.

އާ ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. އަހަރެންގެ ހަޔާތުގައި އައި އުފާވެރި ދުވަހެކެވެ. ވަށައިގެންވި ކޮންމެ އެއްޗަކުން އަހަރެންނަށް އުފާވެރިކަން އިހުސާސްވަމުން ދިޔައެވެ. އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ ހާއްސަ އިންސާނާއާ ކައިވެނި ކުރަން ރަން ކިޔަން އޮތީ ކުޑަ ވަގުތު ކޮޅެކެވެ. އަހަރެންގެ ތުންފަތުން ހިނިތުންވުން ފިލައި ނުދެއެވެ. ދިރިއުޅުމުގައި ފަހަތަށް ގޮސްފައިވާ ހިތްދަތި ދުވަސްތައް މަތިން އެއްކޮށް ހަނދާންނެތިއްޖެއެވެ. އަލަތު ކައިވެނިކުރަން އުޅޭ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އަހަރެންގެ ފަސްފަހަތުން ހިޔަނި ފަދައިން ކޮންމެ ހަރަކާތެއްގައި ބައިވެރިވާން އެންމެ ގާތް އެކުވެރިޔާ ރީޝަމް ހުއްޓެވެ. ރަންކިޔުމަށްޓަކައި ކުޑަކުޑަ ހަފްލާއެއް ބާއްވަން ނިންމީ މާމައެވެ. އެއީ ވިއާނާ ގުޅޭ ކޮންމެ ކަމަކީ މާމައަށް ހާއްސަ ކަމަކަށްވާތީއެވެ. އެކަން މަނާ ކުރަން އަހަރެންވެސް ވިއާން ވެސް މަސައްކަތެއް ނުކުރަމެވެ.

"ހިނގާ. ކަމަނާގެ އޭނަ އެބައިން މިހާރު" ކޮޓަރިއަށް ވަން ރީޝަމް ބުނެލިއެވެ. ރަންކިޔުމުގެ ހަފްލާއަށް އަހަރެން ލައިގެން ހުރީ މާމަގެ ލިބާހެކެވެ. އެއީ މީގެ އަހަރުތަކެއް ކުރިން މާމައަށް ހާއްސަ ހަދިޔާއަކަށް ކާފަދިން ރަތްކުލައިގެ ކަސަބު އެޅި ލިބާހަކާ ފޭއްޔެކެވެ. ފައްޓަރުބައި އަހަރެންގެ ފޫޅާ ހަމައަށް އަރައެވެ. ރަން ތަނޑުގަނޑެއް އެއް އަތުގައި އަޅުވައިދިނީ މާމައެވެ. އަހަރެން ތައްޔާރުކުރީވެސް މާމައެވެ. މާމަގެ ޒަމާނުގައި މީހުން ތައްޔާރުވާ ސްޓަލައިލަކަށެވެ.

ކޮޓަރިން ނިކުމެގެން އައިސް އަހަރެން އިށީންނަންދެން ވިއާން އަހަރެންނަށް ބެލިއެވެ. ލަދުން ދެފައި އޮޅިދާނެހެން ހީވި ކިތަންމެ ވަގުތެއް ދިޔައެވެ. ރަންކިޔުމުގެ ވަގުތު ޖެހުމުން ހުރިހާ މީހުންގެ ސަމާލުކަން އަހަރެންނަށް ހުއްޓިއްޖެއެވެ. ވަކިން ވިއާންގެ ބެލުން ތަފާތެވެ.

"ނުވަދިހަ ނުވަ ރުފިޔާ" އަހަރެން އިއްވާލީމެވެ. އަހަރެން ވިއާނަށް ބަލައިލާފައި ހިނިތުންވެލީމެވެ. އޭރުވެސް ކަޅިޖަހައިނުލާ ވިއާން އިނީ ބަލަހައްޓައިގެންނެވެ.

"ބުނީމެއްނު އަހަރެން ރަންކިޔާނީ މާތްﷲގެ ނުވަދިހަ ނުވަ އިސްމުފުޅާ ގުޅުވައިގެންނޭ" އަހަރެން އެކަނި ވިއާނަށް އިވޭވަރަށް ބުނެލީމެވެ.