ޚަބަރު

އާ ކައުންސިލަރުން ހުވާކުރުން މެއި 18 ގައި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލުތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުން، މަގާމުގެ ހުވާކުރުން މި ހިނގާ ރޯދަ މަސް ނިމި، އަންނަ މެއި މަހުގެ 18 ގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު މިއަދު ވިދާޅުވީ، ރޯދަ މަހާއި ކުޑަ އީދަށްފަހު، އާ ކައުންސިލަރުން ހުވާކުރުމުގެ ކަންކަން އަންނަ މަހުގެ 18 ގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހުސްވި 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރެއްގައި ބާއްވަން އޮތް ކައުންސިލް އިންތިހާބު، މިމަހުގެ 10 އަކަށް ފަސްކޮށް ބާއްވަން ޖެހުނީ ކޮވިޑުގެ ސަބަބުންންވެ.

ކޮވިޑްގެ ސަބަބުން މާލޭ ސަރަހައްދުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ތިން ފަހަރެއްގެ މަތިން އިންތިހާބު ފަސް ކުރުމަށްފަހު، އެންމެ ފަހުން މިމަހު 10 ގައި އިންތިހާބު ބޭއްވީ ގާނޫނަށްވެސް ބަދަލު ގެނަސްގެންނެވެ.

ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީންނެވެ. ނަމަވެސް މާލޭ ސިޓީގެ މޭޔަރުކަމާއި އެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.