ލައިފް ސްޓައިލް

ވަން ފިނިބުރު: މިއަހަރުގެ ރޯދަމަސް ވެސް ކޮވިޑާއެކު

އަލީ ޔާމިން

ފަހުގެ ތާރީހެއްގައި ދިވެހިންނާ ބައްދަލުކުރި އެންމެ ބިރުވެރި އަދި އެންމެ ހިތްދަތި ރަމަޟާން މަހަށް މިދިޔަ އަހަރުގެ ރަމަޟާން މަސް ވެގެންދާނެއެވެ. އެ މާތް މައްސަރުގައި މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުމުން އެތައް ދިވެހިންނެއް މަހުރޫމް ވިއެވެ. މާލޭ ސަރަހައްދުގެ ރައްޔިތުން ގެތަކުގައި ބަންދުވިއެވެ. އެހެން އަހަރުތަކާ ހިލާފަށް މިދިޔަ އަހަރުގެ ރަމަޟާން މަސް ވެގެން ދިޔައީ ފަޅު މަހެއްގެ ގޮތުގައެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. ލޮލަށް ނުވެސް ފެންނަ ކުޑަކުޑަ ވައިރަހެއްގެ ބާރުންނެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަސް ވެގެން ދިޔައީ މާލޭގެ މުޖުތަމައުގެ ތެރޭގައި ފަތު އަޑުކިޔާފައި ކޮވިޑް ފެތުރުން މަހަކަށެވެ. އެގޮތުން މިިދިޔަ އަހަރުގެ ރަމަޟާން މަސް ފެށުން އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 102 މީހެކެވެ. ނަމަވެސް ރަމަޟާން މަސް ނިމުން އިރު ކޭސްތައް ވަނީ 1،313 އަށް އަރައިފައެވެ. އޭގެ ތެރެއިން ގިނައީ މާލޭ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ.

މާލޭ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ ރަމަޟާން މަސް ނިމުނު އިރުވެސް ރައްޔިތުން ތިބީ ގޭބަންދެއްގައެވެ. ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވައިގެން ހިދުމަތެއް ނުދެއެވެ. ހުއްދަ ދީފައިވާ ފިހާރަތައް ފިޔަވައި އެހެން ފިހާރަތައް ބަންދުކުރިއެވެ. ޒަރޫރީ ތަކެތި ގަންނަން ނޫން ގޮތަކަށް ބޭރަށް ނުކުތުން މަނާވިއެވެ. މިދިޔަ އަހަރުގެ ރަމަޟާން މަސް ވެގެންދިޔައީ ތަށިބަރި ހިފައިގެން އެއްގެއިން އަނެއް ގެއަށް ދިއުންވެސް މަނާވި މަހަކަށެވެ. އާއިލީ ރޯދަވީއްލުންތައް އެއްގޮތަކަށްވެސް ނެތް މަހަކަށެވެ. ކުޅިވަރުތައް އެއްވެސް ގޮތަކަށް ނެތް މަހަކަށެވެ. މި ހުރިހާ ސަބަބަކަށްޓަކައި މިދިޔަ އަހަރުގެ ރަމަޟާން މަސް ގިނަ ބަޔަކު ސިފަކުރީ ދިގު މަހެއްގެ ގޮތުގައެވެ.

ކޮވިޑާއިއެކު މިދިޔަ އަހަރު ނިންމާލައި އާ އަހަރު ވެސް ދިވެހިން ފެށީ ކޮވިޑާ އެކުގައެވެ. ނަމަވެސް ވެކްސިނެއް ވުޖޫދު ވާން އުޅޭ ކަމުގެ އުފާވެރި ހަބަރާ އެކުގައެވެ. އެއިރުވެސް ސިއްހީ މާހިރުން ވިދާޅުވަމުން އައީ ކޮވިޑް ހުއްޓުވޭނީ ވެކްސިނެއް އައިސްގެން ކަމަށެވެ. ކުރިން އުޅުނު ދިރިއުޅުމަށް އަލުން އަނބުރާ ދެވޭނީ ވެކްސިނެއް އުފެއްދި، ގިނަ ބަޔަކަށް ވެކްސިން ޖެހިގެން ކަމަށެވެ. ހިނގަމުން މިދާ 2021 ވަނަ އަހަރު ނިމެންވާއިރަށް ކޮވިޑުން މިންޖުވުމަށް ގިނަ ގައުމުތަކުން ވަނީ އަމާޒު ހިފާފައެވެ. އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. މާތް ﷲގެ ރަހުމަތްފުޅުން މިއަހަރުގެ ރަަމަޟާން މަސް ދިވެހިންނާ ބައްދަލުކުރީ ފޯރިއާއެކު ކޮވިޑް ވެކްސިން ރާއްޖޭގައި ޖަހަމުން އަންނަ ދުވަސްވަރެއްގައެވެ. މިހާރުވެސް ދެލައްކައަށް ވުރެ ގިނަ މީހުން ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ. ދެވަނަ ޑޯޒް ވަނީ 25،000 ވުރެ ގިނަ މީހުން ޖަހައިފައެވެ. ރާއްޖޭގައި ކޮވިޑްގެ ތިން ވެކްސިނެއް އަންނަނީ ދެމުންނެވެ. އެއީ އިންޑިއާގެ އެސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިން، ޗައިނާގެ ސިނޮފާމް ވެކްސިން އަދި ފައިޒާ ވެކްސިނެވެ. ފައިޒާ ވެކްސިނާއި ސިނޮފާމްގެ ދެމުން އަންނަނީ ފުރަތަމަ ޑޯޒެވެ. ދެވަނަ ޑޯޒް ފަށާފައިވަނީ ކޮވިޝީލްޑް ވެކްސިންގެ އެކަންޏެވެ.

ރަމަޟާން މަސް އައުމުގެ ކުރިން ވެކްސިން ސެންޓަރުތައް އޮތީ ފުރި ބާރުވެފައެވެ. ވެކްސިން ދޭ ގަޑިތައް އިތުރުވި ނަމަވެސް ތަރުހީބު ވަކި ކުޑައެއް ނޫނެވެ. ރަމަޟާން މަހުގައި ވެކްސިން ދޭ ގަޑިތައް މަދުކޮށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ރަމަޟާން މަހުގައި ވެކްސިން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވަނީ ރޭގަނޑު 21:00 އިން 23:00 އަށެވެ. މާލޭ ސަރަހައްދުގެ ހަތް ސެންޓަރެއްގައި އަންނަނީ ވެކްސިން ދެމުންނެވެ. އެއީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒާއި ސެނެހިޔާގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

މިދިޔަ އަހަރުގެ ރަަމަޟާން މަހު ގިނަ ބަޔަކު ގޭބަންދެއްގައި ތިބިއިރު މިއަހަރުގެ ރަމަޟާން މަހުގައި ގިނަ ބަޔަކު އަންނަނީ ކޮވިޑް ވެކްސިން ލިިބިގަންނަމުންނެވެ. މިދިޔަ އަހަރާ ހިލާފަށް މިއަހަރުގެ ރަމަޟާން މަހު ބޮޑެތި ލުއިތައް ދީފައިވާއިރު، އާންމު ދިރިއުޅުމަކަށް ދެވޭނެ ކަމުގެ އުންމީދު މިވަނީ އާވެފައެވެ. އާއިލީ ރޯދަވީއްލުންތަކާއި ފިނިބުރުތަކަށް ދިއުމަށް މި އަހަރުގެ ރަމަޟާން މަހުގައި ހުރަހެއް ނެތެވެ. މިސްކިތްތަކަށް ދިއުމަށް ހުރަހެއް ނެތެވެ. ކުޅިވަރުތައް ކުޅުމަށް ހުރަހެއް ނެތެވެ. ހުރިހާ ގަޑިއެއްގައިވެސް ބޭރުގައި އުޅެވެއެވެ. އެޗްޕީއޭއިން މީގެ ކުރިން ބުނި ގޮތުގައި ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައަކަށް ދެވަނަ ޑޯޒް ދިނުމުން ލުއިތައް ދެވޭނެއެވެ. އަދި އާންމު ދިރިއުޅުމުގެ ރަހަ އަލުން އަރުތެރޭގައި ލާން ފަށާނެއެވެ. އުންމީދަކީ އަންނަ އަހަރުގެ ރަމަޟާން މަހަކީ ކޮވިޑުން އެއްކޮށް މިންޖުވެފައިވާ ރަމަޟާން މަހެއްކަމުގައި ވުމެވެ.