މީހުން

އަސްލު އިނގޭތަ؟ ދިވެހި ސިނަމާގެ އާ ތަރިއަކީ ވާޝިޔާ

އަލީ އަފާފް ރަމީޒު

"އަސްލު އިނގޭތަ... ކޮމްބޯއެއް މާ ސަޅިވާނެ،" މިއީ ދިރާގުން މި ފަހުން މަޝްހޫރުވި އިސްތިހާރެއްގެ ތަންކޮޅެކެވެ. މި އިސްތިހާރުން ފެނިގެންދާ މޫނަކީ ގިނަ ބަޔަކަށް އާ މޫނަކަށް ނުވާނެ އެވެ. މިހާރު ދިވެހި ސިނަމާގައި ނަން ހިނގާ އެއް މޫނަކީ އެއީ އެވެ. މީގެ ދެ އަހަރު ކުރިން ފިލްމީ ދާއިރާއަށް ތައާރަފުވި ވާޝިޔާ މުހައްމަދު (ޝިޔާ) އަކީ މިހާރު ދިވެހި ސިނަމާގެ އާ ތަރި އެވެ. އަދި އެހާމެ ހުނަރުވެރި މޮޑެލްއެކެވެ. ޝިޔާގެ ހުނަރުން ދިވެހި ސިނަމާގައި އަންނަނީ އާ ކުލަތަކެއް ޖައްސަމުންނެވެ. މޮޑެލިންގައި ޝިޔާގެ ޕޯސްތަކުން އަންނަނީ އެންމެން ޖާދޫގައި ޖައްސަމުންނެވެ. މިއީ އޭނާގެ ވާހަކަ އެވެ.

ޝިޔާގެ އެކްޓިން ކެރިއަރުގެ ފުރަތަމަ ބިންގާ އެޅިގެން ދިޔައީ ސުކޫލް ދައުރުގަ އެވެ. ސުކޫލް ދައުރުގައި ޑްރާމާތަކުގައި ބައިވެރިވުން ވެގެންދިޔައީ މި ދާއިރާއަށް ކޮންމެވެސް ވަރެއްގެ ޝައުގުވެރިކަން އުފެދުނު ކަމަކަށެވެ. ނަމަވެސް ޝިޔާގެ ވިސްނުން ހުރީ ފިލްމެއްގެ ކުޑަކުޑަ ރޯލަކުން އެއް ފަހަރު ފެނިލުމެވެ.

"ސްކޫލު ދައުރުގައި ހުންނާނެ ޑްރާމާގައި ބައިވެރިވެފަ. ދެން އޭރުވެސް ބޮޑު ކެރެކްޓާއެއްގެ ގޮތަށް މި އިންޑަސްޓްރީން ފެންނާކަށް ދުވަހަކުވެސް ބޭނުމެއް ނުވޭ. ހަމަ މިހެން އަރިމަތިން އެކްސްޓްރާއެއްގެ ގޮތަށް ވަންސް އިން އަ ލައިފްޓައިމް އެއްޗެއް ގޮތަށް. އެގޮތަށް އިންނާނީ ވިސްނާފަ. އޭރަށް ބުނެވޭނެއެއްނު ކުޅުނީމޭ. ކެރިއާއެއް ބިލްޑް ކުރާކަށް އެކްޓާއެއް ގޮތަށް ދުވަހަކުވެސް އޭރު ނުވިސްނަން،،" ޝިޔާ ބުންޏެވެ.

ޝިޔާގެ ވިސްނުން މުޅީން ބަދަލުކޮށްލީ، ފިލްމީ ދާއިރާއަށް އޭނާ ތައާރަފުވި ބައިސްކޯފްގެ ފިލްމު، "ތިން ބިބީ"ގެ ސަބަބުންނެވެ. ރައްޓެއްސެއްގެ އެދުމަށް ކުޅުނު ފިލްމު ވެގެން ދިޔައީ ޝިޔާގެ ތަރި ދިވެހި ސިނަމާގައި ވިދާލުމަށް އެޅުނު ފުރަތަމަ ފިޔަވަޅަށެވެ. ދާއިރާއަށް ޝައުގުވެރިކަން ވެސް އުފެދުނީ އެހާ ހިސާބުންނެވެ.

"ތިން ބިބީ އަށް ފުރުސަތު ލިބުނީ ނަތާގެ ފަރާތުން. މުންކޮ ތިން ބިބީއަށް ކުއްޖަކު ހޯދާ ވާހަކަ ބުނީމަ، ބިބީއެއް ހޯދާ ވާހަކަ ބުނީމަ، ނަތާ ބުނީ ޓްރައި ކުރަންވީ ނޫންހޭ، އައި ސެއިޑް އިޓްސް ނޮޓް މީއޭ،" ޝިޔާ ބުންޏެވެ.

"އަސްލު މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ނުކުތް ފަހުންނޭ ބުނެވޭނީ. އެއީ ކުރިއަކުން ބޭނުން ނުވި މިކަން ކުރާކަށް. ހަމަ އެކްޓް ކުރުމަކީ ކުރަން ބޭނުންވި ކަމެއް ނޫން. ތިން ބިބީ ކުޅެފަ އައި ލައިކްޑް ދި އެކްސްޕީރިއެންސް. އެހިސާބުން ދޯ އިންޓަރެސްޓެޑް ވީ،" ޝިޔާ ބުންޏެވެ.

އަލަށް ދާއިރާގައި ބޮޑު ފިލްމަކަށް މަސައްކަތް ކުރަން ލިބުން ވެގެން ދިޔައީ ޝިޔާއަށް ބޮޑު ޗެލެންޖަކަށެވެ. ދާއިރާއަށް އާ ވުމުން ބައެއް ކަންކަން ނޭނގުނު ނަމަވެސް ޝިޔާއަށް ފުރަތަމަ ދުވަސްވެސް ވީ މަޖާ ދުވަހަކަށެވެ. އަދި އެ ދުވަހުގެ ތަޖުރިބާ ވެގެން ދިޔައީ ޝިޔާއަށް ވަރަށްވެސް ހާއްސަ ތަޖުރިބާއަކަށެވެ.

"ފުރަތަމަ ދުވަހު ވަރަށް މަޖާ، ވަރަށް ތަފާތުދޯ. ފިލްމުތަކުން ފެންނަ އެއްޗަކާ އެތަނަށް ގޮސް އެކްޓް ކުރުމާ، އެއީ ވަރަށް ތަފާތު އެކްސްޕީރިއެންސެއް. އޭރު ފްރޭމްވެސް ނޭނގެ. ޝިޔާ އިނިން ފްރޭމަށް އަރާކަމަށް ހީއްކޮށް މޫނުން އެކްޓް ކުރަން އަތުގެ ޝޮޓެއް ނެގިއިރު، އެވަރަށްވެސް ޝިޔާއަކަށް ނޭނގެ އޭރު،" ޝިޔާ ބުންޏެވެ.

"ތިން ބިބީ" އަށްފަހު ޝިޔާއަށް ދާއިރާއިން ފުރުސަތުތައް ލިބެން ފެށިއެވެ. އެގޮތުން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބިގެން ދިޔައީ މިދިޔަ އަހަރުގެ އެންމެ މަޝްހޫރު އެއް ސީރީޒް، "އެހެނަސް" އިން ޝިޔާ ކުޅެދީފައިވާ ރޯލެވެ. ފޮތުގައި ނުވެސް ނެތް ކެރެކްޓާއެއް އުފަންކޮށް، އަހްމަދު އިގްބާލް (އައިކިއު) "ޕިންކް"ގެ ރޯލު ޝިޔާއަށް ދިނީ ބޮޑު އިތުބާރަކާއި ޔަގީން ކަމާއެކު އެވެ. "އެހެނަސް" ސީޒަން ދޭއްގައި ފެނިގެންދާ ޕިންކްގެ ރޯލުން ޝިޔާއަށް ގިނަ ބައެއްގެ ތައުރީފު ލިބިގެންދިޔަ އެވެ.

"އެއީ ހަމަ އިގްބާލް ތުރޫކޮށް ލިބުނު އެއްޗެއް. އިގްބާލް އަމިއްލައަށް ޝިއާއަށް އެޕްރޯޗް ކޮށްފަ ބުނީދޯ ޝިޔާ ޕިންކްގެ ކެރެކްޓާ ކުޅެންވީ ނޫންހޭ. އޭގެ މާ ކުރިން އެހެނަސް ބަލަންދޯ ޝިޔާ. އަބަދުވެސް ބުނަން އިގްބާލް ކައިރީ ކޮންމެވެސް ތަންކޮޅަކަށް ޝިޔާ ބޭނުމޭ ކުޅެން. އެހެނަސް ވަރަށް ރީއްޗޭ. އިގްބާލް ތޯޓް ހީ ކުޑް ރިލައި އޮން މީ ޕިންކްގެ ކެރެކްޓާއަށް. އެއީ ނުވެސް ނެތް ކެރެކްޓާއެއް ފުރަތަމަ ލިޔެފަ، ޝިޔާއަށް ކުޅެވޭނެ ކަމަށް ފީލް ވެގެން އެޕްރޯޗް ކުރީ، މިއަދުވެސް ބުނަން ބޭނުން އިގްބާލް ވަރަށް ބޮޑަށް ތެންކިޔުއޭ،" ޝިޔާ ބުންޏެވެ.

ދިވެހި ސިނަމާގައި ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ޝިޔާ ވަނީ އިތުރު ފިލްމުތަކެއްގެވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން "ކަޅަކި" އާއި "ހެހެސް" އަކީ ޝިޔާ އެންމެ އަވަހަށް ފެންނާނެ ދެ ފިލްމެވެ. ކޮވިޑްގެ ސަބަބުން ދެ ފިލްމު އަދި ބެލުންތެރިންނާ ހިސާބަށް އައިސްފައި ނުވާއިރު، ވަރަށް އަވަހަށް އެ ދެ ފިލްމުވެސް ސިނަމާތަކަށް އަންނާނެ ކަމަށް ޝިޔާ ބުންޏެވެ.

އޭގެ އިތުރުން މިހާރުވެސް ބައިސްކޯފުން ދައްކަމުން އަންނަ "ހުވާކޮށްފާ ބުނަން" ސީރީޒްގައިވެސް ޝިޔާ އަންނަނީ އޭނާގެ ހުނަރު ދައްކަމުންނެވެ. ޝިޔާ ބުނި ގޮތުގައި އޭނާގެ އިތުރު ޕްރޮޖެކްޓްސްތައްވެސް އެބަހުއްޓެވެ. ނަމަވެސް އެއީ ފޭނުންނަށް ސަޕްރައިޒެއް ކަމަށް އޭނާ ބުންޏެވެ.

ޝިޔާ ބުނި ގޮތުގައި އޭނާ މި ދާއިރާގައި މިހާތަނަށް އެންމެ ހިތްހަމަ ޖެހޭ ރޯލެއް ކުޅެފައިވަނީ "ކަޅަކި"ގަ އެވެ. އެއީ އޭނާ އެންމެ ކުޅެން ބޭނުންވި ރޯލެވެ. އޭގެ ކުޑަ ސްޕޮއިލާއެއް ދެމުން ޝިޔާ ބުނެފައިވަނީ އެ ފިލްމުގައި އޭނާ ފެނިގެން ދާނީ ބިރުވެރި ކެރެކްޓާއެއްގެ ރޯލުން ކަމަށެވެ. އަދި އޭނާ ކުޅެފައިވަނީ "ޒިޔާނާ"ގެ ކެރެކްޓާ ކަމަށެވެ. ޝިޔާ ހުރީ "ކަޅަކި" ބެލުންތެރިންނާ ހަމައަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

"ޝިޔާ އެންމެ ކުޅެލަން ބޭނުންވާ ރޯލް އިންނާނީ ކަޅަކީގަ. އެއީ ކަޅަކި އެއީ މިހާތަނަށް ޝިޔާއަށް ކުރެވުނު އެންމެ ޕްރައުޑް އެއް މަސައްކަތް. އައި ކާންޓް ވެއިޓް ކަޅަކި ބެލުން ތެރިންނާ ހަމައަށް އަންނާނެ ދުވަހަކަށް. އޭގެ ޝިޔާ ކުޅެފަ އިންނާނީ ހަމަ ބިރުވެރި ކެރެކްޓާއެއް. ޒިޔާނާގެ ކެރެކްޓާ އިންނާނީ ކުޅެފަ،" ޝިޔާ ބުންޏެވެ.

މަޝްހޫރު ފިލްމީތަރިންނާއި ޑައިރެކްޓަރުންނާއެކު ވެސް މަސައްކަތް ޝިޔާ ކޮށްފައިވާއިރު، އޭނާ މިހާރު ހުރީ "ބަވަތި" ގެނެސްދިން ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) އާއެކު މަސައްކަތް ކޮށްލުމަށް ކެތް މަދުވެފަ އެވެ. ދާއިރާއަށް ވަނީއްސުރެ، ޝިޔާ ބޭނުންވީ އިއްލެއާއެކު މަސައްކަތް ކުރުމަށެވެ. އަދި އެ ފުރުސަތު ލިބިފައި ނުވި ނަމަވެސް ޝިޔާ ހުރީ އިއްލެ "އެކްޝަން" ބުނާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

"އިއްލެއާ އެކު މަސައްކަތް ކުރަން ކިޔާތާ ފުދޭ ވަރަށް ގިނަ ދުވަސް ވެއްޖެ. ތިން ބިބީން ފަށައިގެން އިއްލެގެ ބަވަތި، އޭރުއްސުރެ އިއްލެއާ އެކު މަސައްކަތް ކުރަން ކިޔައިގެން މި ހުންނަނީ. އަދި ނުލިބޭ އެ ފުރުސަތެއް. އިއްލެގެ ވޯކެއްގައި މަސައްކަތް ކުރަން ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަނީ. އިއްލެ އެކްޝަން ބުނާ ދުވަހަކަށް ޝިޔާ މި މަޑު ކުރަނީ. އެދުވަސް ވަރަށް އަވަހަށް އަންނާނެ،" ޝިޔާ ބުންޏެވެ.

ޝިޔާ ދިވެހި ސިނަމާގައި ފިޔަޖަހަމުން އަންނައިރު، އޭނާގެ ރޯލް މޮޑެލުންގެ ގޮތުގައި ބަލާ ބަޔަކުވެސް އެބަތިއްބެވެ. އޭގެ ތެރޭގައި ދިވެހި ސިނަމާގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ނިއުމާ މުހައްމަދާއި ޝީލާ ނަޖީބަކީ އޭނާގެ އިންސްޕިރޭޝަނެވެ. ޝިޔާ ގަބޫލުކުރާ ގޮތުގައި އެކި މީހުން ކައިރިން އިންސްޕަޔާ ވާނީ އެކި ކަންކަމެވެ.

ފިލްމުތަކާއި ސީރީސްތަކުން ޝިޔާއަށް ފުރުސަތު ލިބުނު ނަމަވެސް، އަމިއްލަ ކުރިއެރުމަށް އަދިވެސް ޝިޔާ މަސައްކަތް ކުރެ އެވެ. އެގޮތުން އެކްޓިން ހުނަރު ކުރިއެރުވުމަށް ބޭރުގެ ފިލްމުތަކާއި ދިވެހި ފިލްމުތައް ބަލައި، އޭގައި އެކްޓަރުން ގެންނަ އިމޯޝަންތައް އަމިއްލައަށް ގެނައުމަށް މަސައްކަތް ކުރެ އެވެ. ޝިޔާގެ ލޯގަނޑަކީ އޭނާގެ އެކްޓިންގެ ހުނަރު ކުރިއަރުވަން އެހީވެދޭ އެންމެ ގާތް ބައިވެރިޔާ އެވެ.

"ވަރަށް ގިނަ ފިިލްމު ބަލަން. ފިލްމުތައް ބަލައިގެން އެމީހުން އެކި ކަހަލަ އިމޯޝަންސްތައް ޑެލިވަ ކުރާ އިރު، އެމީހުންގެ ފޭޝަލް އެކްސްޕްރެޝަންސާ އެއްޗެހި ދަސްކޮށް، ޝިޔާ އޭތި ލޯގަނޑު ކުރިމަތީގައި ހުރެގެން އެކަހަލަ ގޮތަކަށް އަމިއްލަ ގޮތަކަށް، ޓްރައި ކުރަން އެ އިމޯޝަން އެންމެ ރަނގަޅަށް ފީލްވާނެ ގޮތަކަށް ނެރެވޭތޯ. ދެން ހަމަ ކުރިން ކުޅެފަ ހުންނަ އެއްޗެހިވެސް ބަލަން ދެން ޝިޔާ ކުޅެފަ އިން އިރު އިނީ ކިހިނެއްތޯ، އަނެއްކާ އޭތި ބަލާފަ އެއަށްވުރެ ރަނގަޅަށް އޭތި މަސައްކަތް ކުރެވޭތޯ ބަލަނީ،" އޭނާ ބުންޏެވެ.

ދިވެހި ސިނަމާގެ އާ ތަރި، ޝިޔާ ފިލްމުގެ އިތުރުން ލަވަތަކުންވެސް އަންނަނީ ފެންނަމުންނެވެ. އިތުރު ފުރުސަތުތަކާ އެކު ޝިޔާ ހުރީ މި ދާއިރާއިން އެންމެ އުހަށް ދިއުމަށް ތައްޔާރަށެވެ. ދިވެހި ސިނަމާގައި ވިދާލުމަށް ކެތް މަދުވެފަ އެވެ. އާއިލާ އާއި ރައްޓެހިގެން އެހީތެރިކަމާ އެކު ޝިޔާ ހުރީ މި ދާއިރާގައި "ޓޮޕަށް" ދާށެވެ.