ތ. ކިނބިދޫން އިތުރު ހަތް މީހަކު ޕޮޒިޓިވް ވެ އެރަށުން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 12 އަށް އަރައިފި އެވެ.

އެންމެ ފުރަތަަމަ ކިނބިދޫން ޕޮޒިޓިވް ވެފައިވަނީ އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލުގައި އެޑްމިޓް ވެ ފަރުވާ ހޯދައި އަނބުރާ ރަށަށް ދިޔަ ދެ މީހެކެވެ. އޭގެ ފަހުން ހުން އައިސްގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި ބައެއްގެ ސާމްޕަލްތައް ނަގައި ޓެސްޓުކުރުމުގެ ތެރެއިން ހަތަރު މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ޖުމުލަ ފަސް މީހުން ޕޮޒިޓިވް ވުމާ ގުޅިގެން ކިނބިދޫ މިމަހުގެ 11 ވަނަ ދުވަހު ވަނީ މޮނިޓަރިން އަށް ލާފަ އެވެ.

ކިނބިދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު މުހައްމަދު އާތިފް "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، މިއަދު އިތުރު ބައެއްގެ ނަތީޖާ ލިބިފައިވާއިރު އެ މީހުންގެ ތެރެއިން ހަތް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި ހަތް މީހުންނަކީ ހުން އައިސްގެން މަރުކަޒަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ވި މީހުން ކަމަށް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ އެންމެ ފުރަތަމަ ޕޮޒިޓިވް ވި މީހާ، ވޭމަންޑޫއަށް ދިއުމަށްފަހުވެސް ހުރީ ކަރަންޓީނުގައި ކަމަށާއި އެހެން ކަމުން މިހާރު ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންނަކީ އެމީހާއާ ކޮންޓެކްޓްވި ބައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ކަމުން މިއީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ރަށަށް ބަލި ފެތުރުނު ގޮތް އަދި ދެނެގަނެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ކިނބިދޫން ޕޮޒިޓިވް ވި މީހުންގެ އަދަދު 12 އަށް އަރާފައިވާއިރު، ވޭމަންޑު އަށް ދަތުރުކުރި ގިނަ އަދަދެއްގެ މީހުން އަދިވެސް ތިބީ ކަރަންޓީނުގައި ކަމަށް އާތިފް ވިދާޅުވި އެވެ.

މިފަދަ ނާޒުކު ހާލަތެއްގައި ރައްޔިތުންނަށް ދަތި އުދަނގޫތަކެއް ހުންނާނެ ކަމަށާއި ނަމަވެސް އެންމެ ރައްކާތެރި ގޮތަކީ އެއްވެސް މީހަކު ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ތ. އަތޮޅުގައި ކޮވިޑް ފެތުރެމުންދާއިރު އެއަތޮޅު، ވޭމަންޑު އާއި، ކިބިދޫ އަދި އޮމަދޫވެސް ވަނީ މޮނިޓަރިން ހާލަތުގަ އެވެ.