ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓު ގުޅިގެން ރޯދަ މަހަށް ހާއްސަކޮށް ގެނެސްދޭ ވަން ކިޗަން ރެސިޕ ގައި މިއަދު މި ހިމަނާލަނީ ދިވެހިންގެ ރަހަތަކާ ގުޅުން ހުރި ޑިޝްއެކެވެ.

މަސް ރިހަ އަކީ ދިވެހިންގެ ބަދިގެ ތަކުގައި އާއްމުކޮށް ކައްކައި އުޅޭ ރިހައެއް ނަމަވެސް، ސޯލައިޓްގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތަ ހުށަހަޅައިދޭ މަސް ރިހަ އަކީ އޭނާ ބުނާގޮތުގައި އެ ރެސްޓޯރަންޓުގައި ވަރަށް ޑިމާންޑު ބޮޑު ރިހައެކެވެ. އެހެންކަމުން ޕްރަދީޕް ސްޓައިލްގެ މޯލްޑިވިއަން ޓޫނާ ކަރީގެ ރެސިޕީ ހިމަނާލާނަމެވެ.

250ގ ކަނޑުމަސް (ކުދިކޮށް ކޮށާފައި)

3 މޭޒުމަތީ ސަމުސާ ތެޔޮ

1 ޖޯޑު ފިޔާ (ތުނިކޮށް ކޮށާފައި)

12-10 ހިކަނދިފަތް

1 ސައިސަމުސާ އިނގުރު (ގާނާފައި)

4 ލޮނުމެދު (ކުދިކޮށް ކޮށާފައި)

3 ރާނބާފަތް (2/1 އިންޗިއަށް ކޮށާފައި)

3 ކާފޫރުތޮޅި

2 މޭޒުމަތީ ސަމުސާ ހަވާދު (ކަރީ ޕައުޑާ)

2 މޭޒުމަތީ ސަމުސާ ތެޅިމިރުސް

1 ޖޯޑު ކާށިކިރު

1 ޖޯޑު ފެން

2 ސައިސަމުސާ ލޮނު

1 ސައިސަމުސާ އަސޭމިރުސް

ކެއްކުމުގެ 1 ގަޑިއިރު ކުރިން މަސްކޮޅު މެރިނޭޓްކޮށްލާފައި ބަހައްޓާލާށެވެ. މެރިނޭޓް ކުރުމަށްޓަކައި، މަސްކޮޅުގެ ތެރެއަށް 1 ސައިސަމުސާ ލޮނު، އަސޭމިރުސް، 1 މޭޒުމަތީ ސަމުސާ ހަވާދު އެއްކޮށް، ލުނބޯ ހުތްކޮޅެއް ޖަހައިގެން ރަހަ ވަންނަ ވަރަށް އެއްކޮށްލާށެވެ.

ރިހަ ތައްޔާރުކުރުމަށް، ތަވައެއްގައި ތެޔޮކޮޅު ހޫނުކުރަން ޖެއްސުމަށްފަހު ފިޔާކޮޅާއި، އިނގުރު، ލޮނުމެދުކޮޅު އަދި ހިކަނދިފަތާއި ރާނބާފަތް އަޅައިގެން، ފިޔާކޮޅު މީރުކޮށްލާށެވެ. ރަނގަޅަށް މީރު ވަސް ނުކުންނަންދެން 5 ވަރަކަށް މިނިޓު ފިޔާކޮޅު

އުނދުންމަތީގައި ތެލުލާށެވެ. އެއަށްފަހު ބާކީހުރި 1 މޭޒުމަތީ ސަމުސާ ހަވާދު އަދި ތެޅިމިރުސްކޮޅު އަޅައި، ހާކަމުން ގެންދާށެވެ. މެރިނޭޓް ކުރަން ބެހެއްޓި މަސްކޮޅު މީގެ ތެރެއަށް އެއްކޮށްލާށެވެ. ކާފޫރުތޮޅިކޮޅާއި، 1 ސައިސަމުސާ ލޮނު، 1/2 ޖޯޑު ކާށިކިރު އަދި 1 ޖޯޑު ފެން އަޅާލުމަށްފަހު ގިނިމަޑުކޮށް ރިހަކޮޅު ހާކަމުން ކައްކާލާށެވެ.

10 ވަރަކަށް މިނިޓު ކެއްކުމަށްފަހު ބާކީ ހުރި 1/2 ޖޯޑު ކާށިކިރު އަޅައި އެއްކޮށްލައި 4-3 މިނިޓް ކައްކާލުމަށްފަހު އުނދުންމަތިން ބާލާށެވެ.

މިހާރު ތިހުރީ މޯލްޑިވިއަން ޓޫނާ ކަރީ ތައްޔާރު ވެފަ އެވެ.