ކޮޓަރިއަށް ވެރިވެފައިވާ ރަތްކުލައިގެ ފަނޑު އަލިކަމުގެ ތެރެއިން އެއީ ކާކު ކަމެއް ނޭނގުނެވެ. ހިތް ތެޅެމުން ދިޔައީ އަމިއްލަ ނަފްސަށް އިހުސާސްވާހާ ބާރަށެވެ. އޭސީގެ ފިނިކަން މުޅި ކޮޓަރި ތެރެއަށް ފެތުރިފައި އޮތްއިރުވެސް މުޅި މީހާ ދަލުން ފޯވެއްޖެއެވެ.
އަހަރެންނަށް ހައިރާންކަމެއް ލިބުނީ އެމީހަކު މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރިން ނިކުތީމައެވެ. އެހުރިހާ އިރު އަހަރެންނަށް އިނދެވުނީ އެމީހާގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އަނދިރީގެ ތެރެއިން ހިޔަންޏެއް ފަދައިން ފެނުނަސް އަހަރެންނަށް އެ ހިނގުން ވިއާންގެ ހިނގުމާ ވައްތަރުވިއެވެ. ކޮޓަރި ދޮރުލެއްޕި އަމާންވެއްޖެކަން އެނގުމާއެކު އަހަރެންގެ ނަފްސަށް ހަމަޖެހުން ލިބިއްޖެއެވެ. ހިތުގެ ތެޅުން މަޑުމަޑުން ހަމަޔަކަށް އެޅިއްޖެއެވެ. ތެދުވެގެން ގޮސް ލައިޓްތައް ޖައްސާފައި މުޅި ކޮޓަރި ތެރެއަށް ކަޅި ހިންގައިލީމެވެ. ތަފާތު އެއްވެސް ކަމެއް ފާހަގަވާކަށް ނެތެވެ. އެނދުގައި އިށީނދެފައި އެމީހަކާ މެދު ވިސްނުން ހިންގައިލީމެވެ. އެއީ ވިއާނަށް ވެދާނެ ހެއްޔެވެ؟ އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ނިދުމުގެ ކުރިން ދޮރު ތަޅުލީމެވެ. ތަޅުދަނޑިން ހުޅުވައިގެން އެ ވަނީ ވިއާން ނޫން ދެވަނަ މީހެއް ނޫނެވެ. އެކަމަކު އެއީ ވިއާން ކަމަށް ވާނަމަ ވާހަކަނުދައްކާ އެދިޔައީ ކީއްވެގެން ހެއްޔެވެ. މާގިނައިން ވިސްނާލުމުން ބޮލުގައި ރިއްސައިގަތެވެ. އަލުން ނިދަން އެރީ އިތުރަށް އެކަމާ ނުވިސްނަންވެގެނެވެ. އެކަަމަކު ނިދޭ ގޮތެއް ނުވިއެވެ. މާބޮޑަށް ކަރުތެރެ ހިކި ފެނަށް ބޭނުންވިއެވެ. ނިދުމުގެ ކުރިން ހަނދާން ނެތި ފެން ނުވެއްދޭކަން އިނގުމުން އެނދުން ތެދުވީ ބަދިގެއަށް ފެންބޯން ދާށެވެ.
ބަދިގޭ ދޮރަށް އަރާފައި ލައިޓްތައް ޖެއްސުމާއެކު އަހަރެންނަށް ލިބުނީ ސިހުމެކެވެ. ވިއާން އިނީ ދިމާލަށެވެ. އަހަރެން ފެނުމާއެކު ފުންމައިގެން ތެދުވެއްޖެއެވެ. ދެ ދުވަހު ނުފެނި ހުރެފައި ވިއާން ފެނުމުން އަހަރެންނަށް ގިނައިރު ބަލަން ހުރެވުނެވެ. ވިއާންވެސް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްނުލައެވެ. ކުއްލިއަކަށް އަހަރެން ހަނދާންވިއެވެ. އަހަރެންގެ މޫނު ނުދައްކަން ވިއާން އޮތީ އަންގާފައެވެ. އެތަނަށް އަހަރެން އައީ ވިއާން އިންކަމަކަށް ނޫނެވެ. ފެން ނުބޮއެ އަލުން ކޮޓަރިއަށް ދާން އަހަރެން އެނބުރިލީމެވެ. އެވަގުތު ވިއާން ގޮވައިލި އަޑު އިވުނެވެ. އަހަރެން ހުއްޓުނީމެވެ. އެކަމަކު އެނބުރި ބަލައެއްނުލަމެވެ. ހީވި ގޮތެއް ކަމަށް ބަލާފައި ކުރިއަށް ވުރެ ބާރަށް ހިނގައިތީމެވެ. ކުއްލިއަކަށް އަހަރެން ސިހުނީ ވިއާން އައިސް އަހަރެންގެ ކުރި ބެއްދުމުންނެވެ. އަހަރެން ވިއާންގެ މޫނަށް ނުބަލަމެވެ. ފަރާތަކަށް ޖެހިލާއިރަށް އަހަރެންގެ ކުރި ބައްދައެވެ. ދާން ފުރުސަތެއް ނުދިނެވެ. އެންމެފަހުން އަހަރެންނަށް މަޖުބޫރުވީ ހުއްޓޭށެވެ.
"އަހަރެން ވާހަކަދައްކަން ބޭނުން" ވިއާން ބުނެލިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ވިއާން ބުނި ފަދައިން ކަންތައް ކޮށްދޭން ބޭނުންވިއެވެ. އެކަމަކު އެހާ ފަސޭހައިން ރޫހޭކަށް ބޭނުމެއް ނޫނެވެ.
"މަލް، އަހަރެން ވާހަކަދައްކައިފިން. އަހަރެންނާ ވާހަކަނުދައްކާނަންތަ؟" ވިއާން އެހިއެވެ.
"ވިއާން ބޭނުންވީމަ ވާހަކަދައްކާފަ ބޭނުންވީމަ ވާހަކަނުދައްކާފަ ބޭނުންހާ ގޮތެއް ހަދަން އަހަރެން މިއީ ކުޅޭކުޅޭ ބުދެއްތަ؟" އަހަރެން ބުނީމެވެ.
"ސޮރީ. ހުރިހާ ކަމަކަށް އަހަރެން މައާފަށް އެދެން. މަލް އަހަރެންނާ ދުރުކޮށްލައިގެން އިތުރަށް އަހަރެންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާކަށް ނެތިން" ވިއާން ބުނެލިއެވެ.
"މަޢާފަށް އެދުނީމަ އެނިމުނީ ދޯ. ތިއީ ވިއާންމެން ފިރިހެނުންގެ މައްސަލައަކީ. ހުރިހާ ކަމެއް ކުރާނީ އަމިއްލައަށް. ފަހުން އައިސްފަ ސޮރީ ބުނެފަ ފާރުގަނޑު މަތީގައި މަލަން އެޅުނީމަ އެނިމުނީ. މަލަން ކިތަންމެ ވަރަކަށް އެޅިޔަސް ފާރުގަނޑު ހުރެއޭ. ފާރުގަނޑު ފަސޭހަވިޔަސް އޭގެއިން ނެގި ދިލަ ދާއިމަށް ދެމިހުރޭ. ލަކުނު ފެންނަ ކޮންމެ ފަހަރަކު އަލުން އެތަދު އިހުސާސް ވޭ" އަހަރެން ވާހަކަދެއްކީމެވެ.
"ބުނޭ އަހަރެން ކޮންކަމެއް ކުރަންވީ؟ އެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. މިހާރު އެކަން އިހުސާސް ކުރެވޭ. ދެން މަލްގެ ކޮޓަރިއަށް ވަދެވުނީވެސް ކެތްނުވީމަ. ދެކިލާހިތުން. އެކަމަކު ފަހުން އިނގުނު އެއީ ރަނގަޅު ގޮތެއް ނޫންކަން. އަންހެން ކުއްޖެއްގެ ކޮޓަރިއަށް އެގޮތަށް ވަދެވިގެން ނުވާނެކަން. އެހެންވެ ނިކުތީ" ވިއާން ވާހަކަދެއްކިއެވެ. ވިއާން ރުޅިގަނޑު މައިތިރިކޮށް ވާހަކަދެއްކީތީ އަހަރެންގެ ހިތަށް ފަސޭހަވެގެން ދިޔައެވެ. ބޮލުގެ ރިހުންގަނޑު ފިލައިގެން ގޮސް ހަމަ ނޭވައި ލެވުނުހެން ހީވެއްޖެއެވެ. އިތުރަށް ވިއާން ތަޅުވާން އަހަރެން ބޭނުމެއް ނުވިއެވެ. ވިއާންގެ ދުލުން ބޭރުވެގެން ދިޔަ ކޮންމެ ލަފްޒަކުން އަހަރެންނަށް ލޯބި އިހުސާސް ކުރުވައިފިއެވެ. ދެން އޮތީ ކުރިމަތީގައި އިއުތިރާފު ވުމެވެ.
"އަހަރެން މަޢާފުކޮށްފިން. ކުރެވުނު ކަންތަކަށް އަހަރެންވެސް މަޢާފަށްއެދެން" އަހަރެން ބުނީމެވެ.
"އަހަރެން ހިތުގައި ޝަކުވާއެއް ނެތް. އެންމެ ކަމަކަށް ފިޔަވައި" ވިއާން ބުނެލިއެވެ. އޭނާގެ އަޑުގައި ރިހުމެއްވިއެވެ. އަހަރެންނަށް ވިއާންގެ މޫނަށް ބަލައިލެވުނެވެ.
"ކޮންކަމެއްގެ ޝަކުވާ އޮތް ވާހަކަ ތިބުނީ؟" އަހަރެން ބުނީމެވެ.
"ކުޑައިރުކޮޅަކު ވާހަކަދައްކާލަން ހިނގާބަލަ ބެލްކަންޏަށް ނިކުމެލަން" ވިއާން ބުނެލިއެވެ.
"އަހަރެން ވަރަށް ފެންބޮވާފަ މިހެރީ. ފެންފޮދެއް ބޮއެގެން މިދަނީ. ވިއާން ދޭ" އަހަރެން ބުނީމެވެ.
ވިއާން ހިނގައިގަތެވެ. ބަދިގެއަށް ވަންނަން އަލުން ހިނގައިގަތް އިރު އަހަރެންގެ ތުންފަތުގައި ހިނިތުންވުމެއްވިއެވެ. ވިއާނަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަން އަހަރެންނަށް ފާހަގަވިއެވެ. ލޯބިވާ ކަމަށް ވިއާން އިއުތިރާފު ވާކަށް މާގިނައިރެއް ނެތޭ ހިތް ބުނެލިއެވެ. އެހިނދު އަހަރެންނަށް ހެވުނެވެ.
ގަޑިން ދޭއް ޖެހި އިރު އަހަރެން އިނީ ވިއާނާއެކު ބެލްކަނީގައެވެ. އެހާ އަވަހަށް ދެމީހުންނަށް ތިބެވޭ ގޮތަށް ސިޓިންރޫމުގައި ހުރި ހުދު ކުލައިގެ ކުޑަ މޭޒު ނެރެފައި ދެގޮނޑި ދެފަރާތުގައި ބަހައްޓާފައި ހުއްޓެވެ. ރޭގެ ނިސްބަތުން ހަނދުވަރުދީފައިވާތީ ވަރަށް ރީތި ރެޔަކަށްވެސް ކިއިދާނެއެވެ. ލޯބިވާ މީހަކު ކުރިމަތީގައި އިނުމުން ރޭގަނޑު އިތުރަށް ރީތިކަމަށް އަހަރެންނަށް ދެއްކިއެވެ. އިރުއިރުކޮޅުން ޖެހިލާ ފިނި ރޯޅި އަހަރެންގެ ހަށިގަނޑުގައި ބީހިލާއިރު ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދެއެވެ. އިރުކޮޅުން އެބަ އަންނަމޭ ބުނެފައި ތެދުވެގެން ދިޔަ މީހާ އައީ ހޫނު ދެ ކޮފީތަށި ހިފައިންނެވެ. އަހަރެންގެ ކުރިމަތީގައި ބެހެއްޓި ކޮފީތަށިން ދުވި ތާޒާ މީރު ވަހުން ލަސްލަހުން އެތެރެއަށް ނޭފަތް ދަމައިލެވުނެވެ.
"ވިއާން ކޮން ވާހަކައެއް ބުނަން އުޅުނީ" ވިއާން ގޮނޑީގައި ހަމަޖެހިލުމާއެކު އަހަރެން އެހީމެވެ.
"އަހަރެންނަށް ތެދަށް ކިޔައިދީފާނަންތަ؟" ވިއާން އެހިއެވެ.
"ކޯޗެއް؟" އަހަރެން ބުނީމެވެ. ވިއާން އެހެން ބުނުމުން ކިޔައިދޭންވީ ކޯޗެއް ކަމެއް އަހަރެންނަށް ނޭނގުނެވެ.
"މަލްގެ ވާހަކަ. އަލުން ޒިޔާނާ ރައްޓެހިވި ވާހަކައެއް ނުބުނަމެއްނު. އަހަރެން އެކުވެރިއެއް ކަމަށް ނުދެކެނީތަ؟" ވިއާން ބުނެލިއެވެ. އެހެން ބުނުމުން އަހަރެން ދެރަވިއެވެ. ވިއާނަކީ އަބަދުވެސް އަހަރެންނަށް އެންމެ ހާއްސަ މީހާއެވެ. އަހަރެންގެ ހިތުން ވިއާނަށް އެކުވެރިއެއްގެ މަގާމު ނުދެމެވެ.
"އަހަރެން.... އަހަރެން ޒިޔާނާ" އަހަރެން ބުނަން އުޅުނީމެވެ. ދެ ބަސް ދޭތެރެއިން ވިއާން ބަލަހައްޓައިގެން އިންގޮތް ފެނިފައި އެ ބަސްތައް އަހަރެންގެ ދުލުން ބޭރު ނުވިއެވެ. ހިނދުކޮޅަކަށް ވިއާންގެ ދެލޮލުގެ ތެެރެއިން އަހަރެންނަށް ކަރުނައެއް ފެނުނުހެންވެސް ހީވިއެވެ.
"ތި ސުވާލުގެ ޖަވާބު ވިއާން ވަރަށް ބޭނުންތަ؟" އަހަރެން އެހީމެވެ.
"ވަރަށް ބޭނުން" މަޑުމަޑުން ވިއާން ބުނެލިއެވެ. ވިއާންގެ މިޒާޖަށް އައިސްފައިވާ ބަދަލުން އަދިވެސް އެއްކޮށް ހަމައަކަށް ނޭޅޭކަން އަހަރެންނަށް އިނގުނެވެ. އޭނާގެ މިޒާޖުގައި މަޑުމައިތިރިކަމެއް ވިއެވެ. ލޮލަށް ވެރިވެފައިވީ މަޑު ރަތްކަމެކެވެ.
"އަހަރެންނަށް އަހާލެވިދާނެތަ ތިސުވާލުގެ ޖަވާބު ވިއާނަށް އެހާ މުހިންމު ވަނީ ކީއްވެގެންތޯ" އަހަރެން އެހީމެވެ. އަހަރެން ބަލަހައްޓައިގެން އިނީ ވިއާންގެ މޫނަށެވެ. ވިއާންގެ ފަރާތުން އަހަރެން އެދޭ ޖަވާބު ލިބޭނީ އޭނާގެ ކޮންމެ ހަރަކާތަކަށް އަހަރެން ފާރަވެރިވެގެންނެވެ.
"މަލް، އަހަރެން ކުރި ސުވާލުގެ ޖަވާބުގައި ސުވާލެއް އައިމަ ކަމަކުނުދެއެއްނު. އިހަށް އަހަރެންނަށް ޖަވާބުދީ. އޭރުން އަހަރެން މަލްގެ ތި ސުވާލަށް ޖަވާބުދޭނަން" ވިއާން ބުނެލިއެވެ.
"އެންމެ ރަނގަޅު. ބުނެފާނަން. އަހަރެންނާ ޒިޔާނާ އެއްވެސް ގުޅުމެއް ނެތް" އަހަރެން ބުނީމެވެ. އެވަގުތު ޒިޔާންގެ ދެލޮލުން ވިދުމެއް ފެނިލިއެވެ. ހިތުގައި އުފެދުނު އުފާވެރިކަމުގެ ޝުއޫރު ފޮރުވާލުމަށް އޭނާ މަސައްކަތް ކުރަމުން ދިޔަހެން އަހަރެންނަށް ހީވިއެވެ.
"ތިއީ ތެދެއްތަ؟" ވިއާން އެހިއެވެ.
"އަހަރެން ކީއްވެ ދޮގުހަދަންވީ. އަހަރެން ޒިޔާން ކައިރިއަށް އެނބުރި ދާކަށް ބޭނުމެއް ނޫން" އަހަރެން ބުނީމެވެ.
"އެހެންވިއްޔާ އެރޭ އެފެނުނީ. އޭނަ މަލްގެ..." ޒިޔާން އެހިސާބަށް ބުނެފައި ހުއްޓައިލިއެވެ. ދެން އަހަރެން މޫނަށް ބަލައިލިއެވެ.
"ތިމާއަށް ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތަކަށް ނުވެދާނެ. ދުލުން ބަހެއް ބުނުމުގެ ކުރިން އެކަމެއްގެ ދޮގު ތެދު ބަލައިލުން ރަނގަޅު" އަހަރެން ބުނީމެވެ. ވިއަން ބަހެއް ނުކިޔައެވެ. އަމިއްލަ ކުށް އިހުސާސްވެފައި އިންނަހެން އިސްޖަހާލައިގެން އިނެވެ.
"އަހަރެންނާ ޒިޔާން ދިމާކުރީ ރަށުން. އޭނަ އަހަރެން ކައިރީގައި މަޢާފަށް އެދުނު. އަލުން ގުޅެން ބޭނުންވާ ކަމަށް ބުނި. އަހަރެން އޭނައަށް ވަރަށް ސާފުކޮށް ޖަވާބުދިނިން. އަހަރެން ބޭނުންވާ ގޮތްވެސް ބުނިން. އޭނަ މިފަހަރު މާލެ އައީ އަހަރެމެން އެއްކޮށް. އޭގެފަހުން އޭނަ އަހަރެންނާ ދިމާކުރަމުން އެދަނީ. މިހުރިހާ ވާހަކައެއް އަހަރެން މާމައަށް ކިޔައިދިނިން" އަހަރެން ވާހަކަދެއްކީމެވެ. ވިއާން އިނީ ބަލަހައްޓައިގެންނެވެ. ދެމީހުން ކުރެ އެކަކުވެސް ވާހަކަ ނުދައްކާ ހިނދުކޮޅެއް ފާއިތުވެއްޖެއެވެ. ބައެއް ފަހަރު ދެމީހުންނަށް އެއްކޮށް އެކަކު އަނެކަކަށް ބަލައިލެވެއެވެ.
"އައިމް ސޮރީ. އަހަރެންނަށް މާބޮޑަށް ރުޅިއާދެވުނީ" ވިއާން ބުނެލިއެވެ.
"އަހަރެން މިއަހަނީ ވިއާން ކީއްވެގެންހޭ ރުޅި އައީ. އަހަރެން ކައިރީގައި ޒިޔާން ހުރީމަތަ؟ ނޫނީ އަހަރެން މީހަކާ ގުޅުމެއް ބާއްވާހެން ހީވާތީތަ؟ ވިއާން އެކަމާ ދެރަވާންވީ ކީއްވެ؟ އަހަރެން މިއީ ވިއާންގެ ކާކު؟" އަހަރެން އެހީމެވެ. އެހިނދު ވަރަށް ފުން ނަޒަރަކުން ވިއާން އަހަރެންނަށް ބަލައިލިއެވެ. ދެން ފެނުނީ ވިއާން ގޮނޑިން ތެދުވެގެން ހިނގާލާފައި ގޮސް ރެއިލިންގްގައި އަތް އަޅުވާލައިގެން ހުއްޓުނު ތަނެވެ. ފަޒާގެ ތެރެއަށް ފުން ނޭވައެއް ދޫކޮށްލާފައި ހަމަޖެހެން މަސައްކަތްކުރާ ކަހަލަ ގޮތަކަށް ނަފްސު ހަމަޖައްސާލިއެވެ.
"މަލް، އަހަރެން ހުރީ ދުވަހަކުވެސް މިހެން ނުބުނަން. އަހަރެން މިހެން ބުނަން ޖެހިލުންވޭ. ދުވަހަކުވެސް މިފަދަ އިހުސާސްތަކެއް އަހަރެންނަށް ނުކުރެވޭ. އެހެން މީހަކަށް އަހަރެންގެ ގޮތެއް ނޭނގޭނެ. ބައެއްފަހަރު އަހަރެންގެ އަމިއްލަ ނަފްސު އަހަރެންނަށް މަލާމަތްކުރޭ. ފަސްޖެހެވޭ. އެކަމަކު އެއަށްވުރެ ބޮޑު ބިރުވެރިކަމެއް މިހާރު އަހަރެންގެ ހިތުގައި އެބަވޭ. އެއީ... އެއީ....." ވިއާން ފަސްއެނބުރި އަހަރެންނަށް ބަލައިިލިއެވެ. ބުނަން ބޭނުންވިޔަސް ވިއާން އެބުނާ ބިރުވެރިކަން އޭނާގެ ދުލުގައި ހިފަހެއްޓިއެވެ. އެންމެފަހުން އަހަރެން ތެދުވެގެން ގޮސް ވިއާނާ ދާދި ގާތުގައި ހުއްޓުނީމެވެ. ހިނިތުންވެލާފައި ވިއާންގެ އަތް އަހަރެންގެ އަތުތެރެއަށްލާފައި ފިތާލީމެވެ. އަބަދުވެސް އަހަރެން ހުންނާނީ ވިއާނާ އެކުގައި ކަމަށް ވިއާނަށް ޔަގީންކަމެއް ދިނީމެވެ.
"ވިއާން، ބުނޭ. އަހަރެން މިހުރީ އަޑުއަހަން. ތި ހިތުގައި އޮތް އެއްޗެއް ބުނޭ. ވިއާން ބުނެގެން ނޫނީ އަހަރެމެންގެ ދެމެދުގައި މިއޮތް ގުޅުމަށް ނަމެއް ނުކިޔޭނެ. އަދި ވިއާންގެ ހިތުގައި ތިއޮތް ބިރުވެރިކަން ފިލައިގެންވެސް ނުދާނެ" އަހަރެން ބުނީމެވެ. އެހިނދު ވިއާން އެއް އަތުން އަހަރެންގެ މޫނުގައި ފިރުމާލައިފިއެވެ. އަހަރެންގެ ލޮލާ ލޯ އަމާޒުކޮށްލިއެވެ. ފަނޑު ފިޔާތޮށިކަމެއް އެކުލެވިގެންވާ ދެތުންފަތް ފޭވެގެން ދިޔަ ތަން ފެނުނެވެ. ތުނިތުނިކޮށް ފަޅާފައިވާ ތުނބުޅި ވިއާންގެ މޫނު މައްޗަށް އިތުރު ރީތިކަމެއް ގެނެސްދެއެވެ. އެހާ ގާތުން ވިއާންގެ މޫނު ފެނުމުން އަހަރެންނަށް ބަލަން ހުރެވުނެވެ.
"މަލް، އަހަރެން ބިރުގަނޭ. މަލް އަހަރެން ދޫކޮށްލާފަ ގޮސްދާނެތީ" ވިއާން ބުނެލިއެވެ. ފިނިިފިނި ވައިރޯޅިއެއް އަހަރެންގެ ހިތުގައި ބީހިލި ކަމުގެ އިހުސާސެއް ވިއާންގެ އެޖުމްލައާއެކު އަހަރެންނަށް ކުރެވިގެން ދިޔައެވެ.
"ކީއްވެ؟ ތި ހިސާބަށް ބުނެވުނު އިރު އަހަރެން ގެއްލިދާނެތީ ވިއާން ބިރުގަންނަ ސަބަބެއްވެސް ބުނެދީ" އަހަރެން ބުނީމެވެ. ވިއާންގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އަހަރެންގެ ލޮލުގެ އަރިމަތިން ވެއްޓުނު ކަރުނަތިކި ފޮހެލަދިނެވެ.
"އަހަރެން... އަހަރެން މަލްދެކެ" ވިއާން ބުނެލިއެވެ. އެހިނދު އަހަރެންގެ ހިތް ހީވީ މޭގެތެރެއިން ބޭރަށް ފުންމާލަން އުޅުނު ހެންނެވެ. އަހަރެންގެ އަތު ތެރޭގައި އޮތް ވިއާންގެ އަތްތިލައަށް ބާރުކޮށްލެވުނެވެ.
"އައި ލަވް ޔޫ މަލް" ވިއާން ބުނެލިއެވެ. ވަގުތުން އަހަރެންނަށް ހެވިއްޖެއެވެ. އެތެރެހަށީގައި ތާށިވި ނޭވާ ފަސޭހަކަމާއެކު ބޭރުވިއެވެ. ވަގުތުން ނަށައިގަންނަން ބޭނުންވިއެވެ. ވިއާން އަހަރެންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރީ ހެވިފައެވެ. އުފާވެރިކަމުގެ ކަރުނައެއް ވިއާންގެ ދެލޮލުން އަހަރެންނަށް ފެނުނެވެ. ވިއާންގެ މޭގައި އަހަރެންނަށް ބޯއަޅާލެވުނީ ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ.
"އަދި އެއްފަހަރު ތިގޮތަށް ބުނެދީފާނަންތަ؟" އަހަރެންނަށް ބުނެވުނެވެ. އެއްފަހަރުން ބުނެގެން އަހަރެންނަށް ނުފުދުނެވެ.
"އަހަރެން މަލްދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ" ވިއާން ބުންޏެވެ. އަހަރެންނަށް ރޮވުނެވެ. ބަދަލުގައި އަހަރެން ލޯބިވާ ވާހަކަ ބުނާނެ ހިތްވަރެއް ނުލިބުނެވެ. އަހަރެންގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ވެއްޓިގެން ދިޔައެވެ.
"އަހަރެން މާ ލޯބިވޭ. ކޮންއިރަކުން ފެށިގެންކަމެއް ބުނާކަށް ނޭނގޭ. ވެވުނީ. ވިއާން ނޫން އެހެން ފިރިހެނެއް އަހަރެން ބޭނުމެއް ނޫން" އަހަރެންނަށް ބުނެވުނެވެ. ވިއާން އަހަރެން މޫނު އޭނާގެ ދެއަތުން އުފުލައިލިއެވެ. ނިތުގައި ބޮސްދިނެވެ. ދެއަތް ތިލައިގައި ބޮސްދިނެވެ.
"މަލްއަށް ނޭނގުނަސް އަހަރެން ވަރަށް އިންތިޒާރު ކުރިން. އަހަރެންގެ ދުލުން އެ ތިން ލަފްޒު ބޭރުކުރަން ކުރި ހިތްވަރު. ހެހެހެ. އެކަމަކު މަލް އަހަރެން ބިރުގަނޭ. ވަރަށް ބިރުގަނޭ" ވިއާން ބުނެލިއެވެ.
"ވިއާން ކޮންކަމަކާ ބިރުގަންނަނީ؟ އަހަރެން ހަމަ ހޭގައި ހުރެ ވިއާން ދޫކޮށްފަ ނުދާނަން. އެއަށް ވުރެ އަހަރެން މާ ލޯބިވޭ" އަހަރެން ބުނީމެވެ. ވިއާންގެ ދެއަތުގެ ތެރޭގައި އަހަރެން ހުރި އިރު އުޑުމެދުގައި ހުރި ހަނދާ ތަރިތައްވެސް އަހަރެންގެ އުފަލުގައި ބައިވެރިވަމުން ދިޔައެވެ.
"އަހަރެންނާ އެކު އާދެބަލަ" ވިއާން އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އޭނާ ދިޔައީ ކޮޓަރި އާ ދިމާލަށެވެ. ކޮޓަރިއަށް ވަދެ ކޮޓަރި މެދުގައި އަހަރެން ބަހައްޓާފައި ގޮސް ހުއްޓުނީ އަލަމާރިި ކައިރީގައެވެ. އިރުކޮޅަކުން އަހަރެން އަތަށް ދިނީ މީގެ ދުވަސްތަކެއް ކުރިން އަހަރެން ގެއްލިގެން އުޅުނު ފޮތެވެ. އެ ފޮތް ފެނުމުން އަހަރެންނަށް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލެވުނެވެ. ހިތުގައި ސުވާލު އުފެދުނީ ފަހުންނެވެ.
"މިފޮތް ވިއާނަށް ލިބުނީ ކިހިނެއް؟" އަހަރެން އެހީމެވެ.
"މާމަގެ ކޮޓަރިން. މަލް އާ އަހަރެން އަޅައިގަނެފަ ހުރީމަ ގެންދެވުނީ ކިޔާލަން. ވަރަށް ބޮޑަށް ސޮރީ. މީހެއްގެ ހުއްދަނެތި އަހަރެންނަށް ކުރެވުނު ހަމައެކަނި ކަމަކީ ތިފޮތުގައި ހުރި އެއްޗެހި އެއްކޮޅުން އަނެއްކޮޅަށް ކިޔައިލުން" ވިއާން ބުނެލިއެވެ. އަހަރެން ލަދުގަތެވެ. ވިއާނަށް އަހަރެންގެ ނޭނގޭ ހަމަ އެއްވެސް ކަމެއް މިހާރު ނޯންނާނެއެވެ.
"ތިފޮތުގައި އެބަވޭ މަލް މިދުނިޔެއިން އެންމެ ބޭނުންވާ ހަދިޔާ ލިޔެފަ. އެހަދިޔާ އަހަރެންނަށް މަލްއަށް ހޯދައިނުދެވިދާނެ" ވިއާން ބުނެލިއެވެ. އަހަރެންނަށް ވިއާންގެ މޫނަށް ބަލައިލެވުނެވެ.
"ތިވާހަކަނުދައްކާ. ވަގުތާއެކު ހާލަތުވެސް ދާނީ ބަދަލުވަމުން. އަހަރެންގެ އެންމެ ބޮޑު ބޭނުމަކީ ވިއާންގެ ތިވިސްނުން ބަދަލުކުރުން" އަހަރެން ބުނެލީމެވެ.
ނިދަން ދިޔުމުގެ ކުރިން ވިއާން އަހަރެންނަށް ވައުދެއް ވިއެވެ. ވީ އެންމެ އަވަހަކަށް އަހަރެން އަންބަަކަށް ހަދާނެކަމުގެ ޔަގީންކަން ދިނެވެ. މާމަ އާ އެވާހަކަ ހިއްސާކުރާނެ ވާހަކަ ބުންޏެވެ. ހިތުގައިވާ ހުރިިހާ ކަމެއް އަހަރެންނާ ހިއްސާ ކުރެވުމުން ހިތަށް ލުޔެއް ލިބިއްޖެ ކަމުގައި ބުންޏެވެ.
އާ ދުވަހަކަށް އިރު އަރައިގެން އައީ އަހަރެންގެ ހަޔާތުގައި ވިދާ ރަންކުލައެއް ފަވަމުންނެވެ. ހިތްދަތި ދުވަހެއް މާޒީއާ އެކުވެގެން ހިނގައްޖެއެވެ. އަނެއްކާވެސް އާ ލޯތްބަކަށް ހިތް ހުޅުވައިލެވިއްޖެއެވެ. ފަތިސް ނަމާދުން އަހަރެންގެ ދުވަސް ފެށިގެން ދިޔައީ އަހަރެން ހެއްދެވިފަރާތަށް ކުރެވުނު ދުއާ އަކާވެސް އެއްކޮށެވެ. އަހަރެން ވިއާނާއެކު ޒަވާޖީ ހަޔާތަކަށް އެކަލާނގެ ހަޟްރަތުން އެދުނީމެވެ. އެކަމުގައި އަހަރެންނަށް ހެވެއްވާނަމަ އެކަލާނގެ ނިންމުން އަންނާނީ އެންމެ ރަނގަޅަށެވެ. ހަމަ އެފަދައިން އެއީ ގޯސް ނިންމުމެއް ނަމަވެސް އެކަލާނގެ މެދުވެރިކުރައްވާނީ އެންމެ ރަނގަޅު ގޮތެވެ.
އަހަރެންނާ ވިއާނާއެކު ގޮސް ކޮޓަރި ދޮރުމައްޗަށް އެރި އިރު މާމަ ފާހާނައިން ނިކުންނަނީއެވެ. އަހަރެމެން ދެމީހުން އެކުގައި ފެނުމުން ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް މާމަގެ މޫނުމަތިން ފެނުނެވެ.
"ކިހިނެއްވެފަ ތިތަނުގަ" މާމަ އެހިއެވެ. އެތެރެއަށް ވަދެފައި ވިއާން ބަހެއް ނުކިޔާ ހުއްޓެވެ. ހީވާ ގޮތުން މާމަ ކައިރިން އެކަމަށް އެދެން އޭނާ ހުރީ ލަދުންނެވެ.
"މާމާ، ވިއާން ކޮންމެވެސް ވާހަކައެއް ބުނަންވެގެނޭ ބުނި" އަހަރެން ހީލާފައި ބުނީމެވެ. ސަމާސާއަކުން ވިއާންގެ ނުތަނަވަސްކަން ފިލުވައިލަން އަހަރެން ކުރިި މަސައްކަތް ކާމިޔާބުވިއެވެ.
"އާ މާމާ" ވިއާން ބުނެލިއެވެ. އެހެން ބުނެފައި ވިއާން އިށީނީ މާމަގެ އަނެއް ފަރާތުންނެވެ. ދެން މާމަގެ އަތްތިލައިގައި ހިފައިފިއެވެ.
"މާމާ، ކޮންމެ ބޮޑު ކަމެއް ނިންމުމުގެ ކުރިން އިސްތިޚާރާ ނަމާދު ކުރުމަށް އަބަދުވެސް މާމަ ބުނަމެއްނު. އަޅުގަނޑު ބޮޑު ނިންމުމެއް ނިންމައިފިން" ވިއާން ބުނެލިއެވެ.
"ކޮންކަމެއް ދަރިފުޅާ" މާމައަށް ވިއާން ބުނަން އުޅުނު އެއްޗެއް ލަފައެއް ނުކުރެވުނެވެ.
"މާމަ އަބަދުވެސް ބުނަމެއްނު މާޒީގައި އެލިގަނެގެން ދިރިއުޅުމައިގެން ކުރިއަކަށް ނުދެވޭނޭ. އަޅުގަނޑު މާޒީ ފަހަތަށް ދޫކޮށްލައިފިން. އަޅުގަނޑު ބޭނުންވަނީ ކައިވެންޏެއް ކުރަން" ވިއާން ބުނެލިއެވެ. ވިއާންގެ އެޖުމްލައާއެކު އަހަރެންނަށް ބަލައިލެވުނީ މާމައަށެވެ. ފުސްއަރާފައިވާ މާމަގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ އަހަރެން ބަލަހައްޓައިގެން އިންދައެވެ.
"އަލްހަމްދުލިއްލާހް" މާމަ ވިއާންގެ ދެއަތުގައި ބޮސްދިނެވެ.
"މާމަގެ ތި ދަރިންނަށް މާތްﷲ ހެޔޮ ރަހްމަތްފުޅު މިންވަރުފުޅު ކުރައްވާ އުފާވެރި ދިރިއުޅުމެއް ދެއްވާށި" މާމަ އަހަރެންގެ މޫނުގައި ފިރުމައިލިއެވެ. ވިއާންގެ މޫނުމަތިން ހައިރާން ކަމެއް ފާޅުވެލިއެވެ.
"މާމައަށް ހުރިހާ ކަމެއް އިނގޭ" މާމަ ބުނެލިއެވެ. ދެން ވިއާން ބަލައިލީ އަހަރެންނަށެވެ. އަހަރެން ބޯޖަހައިލުމުން ވިއާން ހީލައިފިއެވެ. މާމަގެ ދެފަރާތުން އަހަރެމެން ދެމީހުން ބޯއަޅާލައިގެން ތިބި އިރު މާމަގެ ފުރަގަހަށް އޮތް އަހަރެންގެ އަތުގައި ވިއާން ފިރުމަމުން ދިޔައެވެ. ވިއާންގެ ކޮންމެ އަމަލެއްގައި ވަނީ ލޯތްބެވެ.
ވާހަކަ
ވާހަކަ