އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބާ ބެހޭ މައި މަރުކަޒު ހުންނަ ބާޖަމާލުއްދީނަށް ވަޑައިގަތީ އިދިކޮޅު ލީޑަރުން އެތަނަށް ވަދެ ނުނިކުތުމުން ކަމަށް އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންތިހާބީ މަރުކަޒުގެ ގޯތި ތެރެއަށް ރައީސް ނަޝީދު ވަޑައިގެންނެވި އިރު އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު އައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ހުންނެވިއެވެ. އޭގެ އިތުރުން މާލެ ސިޓީގެ އިންތިހާބީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕީއެމް ޕީއެންސީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، އަބްދުއްރަހީމް އަބުދުﷲ (އަދުރޭ) ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.

ނަމަވެސް އެ ސަރަހައްދުގެ މަސްރަހު ހޫނުވުމުން ރައީސް ނަޝީދާއި އެމަނިކުފާނާއެކު އިންތިހާބީ މަރުކަޒަށް ވަޑައިގެންނެވި ބޭފުޅުން ވަނީ އެތަން ދޫކުރައްވައި ވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީގެ އިދާރާއަށް ވަދެވިގެން ނުވާނެ ކަމަށާއި އެމަނިކުފާނު ހުންނެވީ އެތަނުގެ ބޭރުގައި ކަމަށެވެ.

"އަޅުގަނޑު އީސީގެ އިދާރާ ދޮށަށް ދާން ޖެހުނީ ޓީ4ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އީސީ އިދާރާއަށް ވަދެވަޑައިގެން 30 މިނެޓް ވީއިރުވެސް ނުނިކުންނެވީމަ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ކުރި ޓުވީޓެއްގައި ބުނީ، ޓީ4ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމްގެ އިސްވެރިން ވޯޓު މަރުކަޒަށް ވަޑައިގަތް އެތަނުގައި އަޑުގަދަ ކުރައްވާ ހެދުމުން އެމްޑީޕީގެ އިސްވެރިންނަށް އެތަނަށް ދިއުމަށް މަޖުބޫރުވީ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާ އިތުރަށް ކަށަވަރު ކުރުމަށް މިއަދު ބައެއް ވޯޓު ފޮށިތައް ދެވަނަ ފަހަރަށް ގުނަން ހަމަޖެހިފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.