ފިނިބުރު

ފިނިބުރު: ރޯދަ ކުރު ކުރަން ކުރަނީ ކޮން ކަމެއް؟

އަލީ އަފާފް ރަމީޒު

މިއަހަރުގެ ރޯދަ މަސް އައިސް މިއޮތީ ފެށިފައެވެ. ރޯދަ މަހަކީ ދިވެހީންގެ ތެރޭގައި އެކިއެކި ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ކަންކަން އެންމެ ފޯރީގައި ކުރިއަށްދާ އެއް މަހެވެ. ރޯދަ މަހު ފޫހިފިލުވުމާއި ރޯދަ ކުރުކުރަން ދިވެހީންގެ ތެރޭގައި އަބަދުވެސް އެކި ކުޅިވަރުތައް ކުޅެވެއެވެ. ނަމަވެސް ހާލަތު ބަދަލުވެ، ކުޅޭ ކުޅިވަރުތަކާއި ކުރާ ކަންތައް ވެސް މިވަނީ ބަދަލުވެފައެވެ. އެހާރާއި މިހާރު ކުޅޭ ކުޅިވަރުތަކާއި ހަރަކާތްތައް މިވަނީ މޫޅީންހެން ބަދަލުވެފައެވެ. އެހެންކަމުން ރޯދަ ކުރު ކުރަން މިހާރު ކޮށް އުޅެނީ ކޮންކަމެއް ހެއްޔެވެ؟

މުޅި ދުނިޔެއަށް ކޮވިޑުގެ ބަލިމަޑުކަން ފެތުރި، ރާއްޖެވެސް އެ ބަލީގައި ތަހަންމަލު ކުރާތާ މިވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ. ކޮވިޑާއެކު ދެވަނަ ރޯދަ މަސް ބައްދަލުކުރާ އިރު، ދިރިއުޅުމަށް ނުވަތަ ލައިފް ސްޓައިލަށް މިވަނީ ތަފާތުތަކެއް އައިސްފައެވެ. ނަމަވެސް ދިވެހީންގެ މެދުގައި އާދަވެފައިވާ ކަންކަން އަދިވެސް ހަރުލާފައި އެބަހުއްޓެވެ. އެއިރުވެސް އަދި މިހާރުވެސް ރޯދަ ކުރުކުރުމަށް ކޮށް އުޅޭ ކަންކަން އެބަހުއްޓެވެ. އޭގެ ތެރެއިން މިއީ ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ.

ގުޑި އެރުވުން

ރޯދަ މަހު މާލެ ސަރަހައްދުން ފެންނާނެ އެއް މަންޒަރަކީ ހަމަގައިމުވެސް ގުޑި އެރުވުމެވެ. ކުދި ބޮޑު އެންމެން ހަވީރުގެ ފިންޏަށް މާލޭގެ އެކި ސަރަހައްދުތަކުގަ އާއި ހުޅުމާލެ އަދި ވިލިމާލޭގައިވެސް ގުޑި އަރުވަން ނުކުމެ އުޅުއެވެ. ހާއްސަކޮށް މާލޭގެ އުސްފަސްގަނޑަކީ އެކަމަށް އެންމެ ހާއްސަ ސަރަހައްދެވެ.

އެކި ކުލަކުލަ އާއި އެކި ޑިޒައިން އަދި އެކި ސައިޒުގެ ހިތްގައިމު ގުޑިތަކުން ހަވީރު ގަޑީގައި އުޑުމަތި އޮންނަނީ ޖަރީކޮށްލައިފައެވެ. ވަކި އުމުރުފުރާއެއް މިކަމުގައި ނޯވެއެވެ. އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ބޮޑެތި މީހުންވެސް ގުޑި އެރުވުމުގައި އަވަދިނެތި އުޅޭ ހިތްގައިމު މަންޒަރު ފެނިގެންދެއެވެ.

ބުރު ޖެހުން

ރޯދަ ކުރުކުރަން އެންމެ ގިނަ ބަޔަކު ކޮށް އުޅޭ އެއް ކަމަކީ ބުރު ޖެހުން ކަމުގައި ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިއީ ހަމައެކަނި މާލެ ސަރަހައްދުގައި ކުރާ ކަމެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް މިއީ މިހާރު ރޯދައިގެ އާދަތަކުގެ ތެރެއިން އާދައެކެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި މިއީ މިހާރު ސަގާފަތެކެވެ.

ރޯދަ މަހުގެ ހަވީރު ގަޑިއަކީ އެންމެންވެސް ހިތްހަމަ ޖައްސާލައި، ބޯ ހަމަޖައްސާލަން ނުކުންނަ ގަޑިއެވެ. އެވަގުތަކި މާލޭގެ ބޮޑުތަކުރުފާނު މަގު ނުތަކާ ވަރަށް އެންމެ ބާރުބޮޑުވާ އެއް ގަޑިއެވެ. ރޯދަ ކުރުކޮށްލަން އެންމެންވެސް އެންމެ ގިނައިން ކޮށް އުޅޭ އެއް ކަމަކީ ސައިކަލް ބުރު ޖެހުން ނުވަތަ ކާރު ބުރު ޖެހުމެވެ. ހަވީރު ފިންޏަސް ބުރު ޖަހާލައި، ދުއްވާލަން ނުކުންނަ އެތައް ބަޔަކު މި ރޯދަ މަހުވެސް ފެންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ރިމޯޓް ކާރު ދުއްވުމާއި ރޭސިން ކާރު ސްޓަންޓްތައް

ތިން ރުށް ޕާކް ސަރަހައްދު ނުވަތަ މިހާރުގެ ސުނާބީ ބިނާ ހުރި ސަރަހައްދަކީ ކާރުގެ ޗަރުކޭސްތައް މާލެ އިން ފެންނާނެ އެއް ސަރަހައްދެވެ. ރޯދަ މަހު ރިމޯޓް ކޮންޓްރޯލް ކާރުތަކުން އެ ސަރަހައްދު އޮންނަނީ ފުނި ޖެހިފައެވެ. އެ މަންޒަރު ބަލަންދާ މީހުންވެސް މަދެއް ނޫނެވެ. އެ ސަރަހައްދުގައި ރިމޯޓް ކާރުތަކުން ސްޓަންޓްތައް ޖެއްސުމަކީވެސް ރޯދަ މަހު އާންމުކޮށް ރޯދަ ކުރުކުރަން ކޮށްއުޅޭ ކަމެކެވެ.

ހަމައެކަނި ރިމޯޓް ކޮންޓްރޯލް ކާރެއް ނޫނެވެ. ދުނިޔޭގެ ނަން މަޝްހޫރު ކާރުތައް ހުޅުމާލޭގައި ޖައްސާ ޑްރިފްޓްތައް ފެނިގެން ދިއުމަކީވެސް ރޯދަ މަހުގެ ރޯދަ ކުރުކުރުމަށް މިހާރު ހިމެނިފައިވާ އާދައެކެވެ. ޒުވާނުން، އެމީހުންގެ ހުނަރުވެރިކަން ދައްކާލުމާއި، ކާރުގައި ރޭސް ޖެހުމަކީ ރޯދަ ކުރުކުރަން ކޮށް އުޅޭ ކަމެކެވެ. އެ މަންޒަރު ބަލައިނަން ބޭނުން ނަމަ މިއަދު ހުޅުމާލެއިން އެ މަންޒަރު ފެންނާނެއެވެ.

ރާޒުވާ ކުޅުން

މިއީ ހަމަ ގައިމުވެސް ދިވެހީންގެ ތެރޭގައި ރޯދަ މަހުގެ އާދަތަކުގެ ތެރެއިން ބަދަލު ނުވާ އާދައެކެވެ. އެންމެ ކުރީއްސުރެވެސް އެންމެ ގިނަ މީހުން ރޯދަ ކުރުކުރަން ކޮށް އުޅޭ އެއް ކަމަކީ ރާޒުވާ ނުވަތަ ޗެސް ކުޅުމެވެ. މާލޭގެ ހަރު މީހުންނާއި ޒުވާނުން ދުވާލު ގަޑީގައި އެންމެ ގިނައިން ކޮށް އުޅޭ އެއް ކަމަކީ މިއީއެވެ. އާންމުކޮށް މާލޭގެ ޕާކުތަކާއި މައިޒާންތަކަކީ އެކަމަށް ހާއްސަ ތަންތަނެވެ.

ތާސް ކުޅުން

ރޯދަ މަހާއި ތާސް ކުޅުމަކީ ގުޅި ލާމެހިފައިވާ ކަމެކެވެ. ތާސް ނުކުޅޭނަމަ ރޯދަ މަސް ފުރިހަމަ ނުވާނެއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެންމެ ކުރީއްސުރެވެސް ރޯދަ ކުރުކުރަން ނުވަތަ ރޯދަ މަހު މުނިފޫހިފިލުވުމަށް ކޮށްއުޅޭ އެއް ކަމަކީ ތާސް ކުޅުމެވެ. ޑިގު ކުޅުމާއި 10 ކުޅުމާއި ބޮނޑި ކުޅުމަކީ ރޯދަ މަހުގައި އެންމެ ގިނައިން ކުޅޭ ތާހުގެ ކުޅިވަރެވެ.

މާލޭގެ ޕާކުތަކާއި ކެފޭތަކާއި މައިޒާންތަކުގެ އިތުރުން ގާޑިއާތަކުގައިވެސް އެންމެ ގިނައިން ކުޅޭ އެއް ކުޅިވަރަކީ މިއެވެ. ޒުވާނުންނާއި ހަރު މީހުންގެ "ފެވަރިޓް" ގޭމް އަކީ މިއެވެ. ރޯދަ މަހުގެ ދުވާލުގެ ވަގުތުގެ އިތުރަށް ރޭގަނޑުގައިވެސް އެންމެ ގިނަ ބަޔަކު ކުޅޭ ކުޅިވަރަކީ ތާހެވެ. މިފަހަރުގެ ރޯދަ މަހުވެސް އެންމެ ގިނަ ބަޔަކު ކުޅޭނެ އެއް ކުޅިވަރަކީ މިއީކަން ޔަގީނެވެ.

ކެރަމް ކުޅުން

ކެރަމް ކުޅުމަކީ ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އެއް ކުޅިވަރެވެ. މި މުބާރާތުން ދިވެހި ޒުވާނުން ވަނަތައްވެސް ހާސިލުކޮށްފައި އެބަހުއްޓެވެ. އެހެންކަމުން ކެރަމާއި ދިވެހިންގެ އާދަތަކާ ގުޅިފައިވާ މިންވަރު ވަރަށްވެސް ސާފެވެ. ރޯދަ މަހަކީ ހާއްސަކޮށް ކެރަމްގެ މަހެކެވެ. ބޯޑުތައް ހިފައިގެން، ބޭރުގައި ނުވަތަ ގޭ ތެރޭގައިވެސް ފޯރި ނަގާފައި ކެރަމް ކުޅޭ މަންޒަރަކީ އާ މަންޒަރެއް ނޫނެވެ. ރޯދަ މަހުގެ އާދަތަކުގެ ތެރެއިން އާދައެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ފުޓްބޯޅަ ކުޅުން

ރާއްޖޭގެ ޒުވާން ފިރިހެނުންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ ކުޅުމެވެ. މިއީ ރޯދަ މަހަށް ވަކި ހާއްސަ ކަމަކަށް ނުވި ނަމަވެސް، ރޯދަ މަހުގައިވެސް ރޯދަ ކުރުކުރަން ހަވީރު ގަޑީގައި ގިނަ ޒުވާނުން އެންމެ ޝަރުގުވެރިކަން ހުންނަ އެއް ކަމަކީ ފުޓްބޯޅަ ކުޅެން ދިއުމެވެ. ހަވީރު ގަޑީގައި މާލޭގެ ފުޓްސަލް ދަނޑުތައް ބަލާލުމުން އެކަން ސާފުވެގެންދާނެއެވެ.

ނެޓް ފްލިކްސް...

މިއީ ރޯދަ ކުރު ކުރުމުގެ ލިސްޓުގެ އެއް ވަނައިގައި ހިމެނޭނެ އެއް ކަމެވެ. ރޯދަ ކުރު ކުރުމަށް އެންމެ ގިނަ މީހުން ކުރާ އެއް ކަމަކީ ފިލްމާއި ސީރީޒް ބެލުމެވެ. އެހެން ގޮތަކަށް ބުނާނަމަ ނެޓް ފްލިކްސް ބެލުމެވެ. ޒުވާނުންގެ ބޮޑު މެޖޯރިޓީއެއް ރޯދަ ކުރު ކުރަނީ ފިލްމާއި ސީރީސް ބެލުމުގައެވެ.

ރޯދަ ވަރުބަލި ކަމުން ބޭރަށް ނުދެވޭ މީހުންނާއި ބޭރަށް ދާ ހިތް ނުވާ މީހުންގެ އިތުރުން ބޭރަށް ގޮސް ސަކަރާތް ޖަހައި ފޫހިފިލުވާލާނެ މީހަކު ނެތުމުން، އެންމެ ފުރަތަމަ ވެސް ހުޅުވާލާ އެކައްޗަކީ ނެޓް ފްލިކްސްއެވެ. މުނިފޫހިފިލުވާލުމަށް ފިލްމު ބެލުމާއި ސީރީޒް ބެލުމަކީ މިހާރު އާދައެކެވެ. މިއީ އެންމެ ގިނަ މީހުން ރޯދަ މަހުގައި ފޫހިވުމުން ނުވަތަ ރޯދަ ކުރު ކުރަން ކޮށް އުޅޭ ކަމެވެ.

ޒަމާނަށް އައި އެންމެ ބޮޑު ބަދަލާއެކު އާންމު ދިރިއުޅުމަށްވެސް މިވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ކުރީން ނުކުރާ އެތައް ކަމެއް މިހާރު ކުރެވެމުންދެއެވެ. ރޯދަ މަހުގައި ކުޅުނު އެތައް ކުޅިވަރެއް މިހާރު ހަނދާން ނެތިފައިވާ އިރު، އެތައް އާ ކުޅިވަރުތަކެއްވެސް މިވަނީ ތައާރަފުވެފައެވެ. ރޯދަ ކުރު ކުރުމަށް އެހާރާއި މިހާރު ކުރާ ކަންތައް ތަފާތުވި ނަމަވެސް، ބައެއް އާދަތަކަކީ ޒަމާންވީ އާދަތަކެވެ. އެހެންކަމުން މިފަހަރު ރޯދަ މަހު، މުނިފޫހިފިލުވާލުމަށް ނުވަތަ ރޯދަ ކުރު ކުރުމަށް ކުރާނީ ކޮންކަމެއް؟