ކަބީރު ބޭދީ މިވަނީ އޭނާގެ ހަޔާތުގެ މައްޗަށް އެކުލަވާލާ ފޮތުގައި ޕަރްވީން ބާބީ އާއެކު އޮތް ލޯބީގެ ގުޅުމުގެ ވާހަކަ ދައްކާފައެވެ.
ކަބީރު ބޭދީ އަކީ 80ގެ އަހަރުތަކުގައި އަންހެންކުދިންގެ ހިތްތައް ފަތަހަކުރަމުން ދިޔަ ތަރިއެކެވެ. އެތައް ތަރިންނަކާ އޭނާއާ ލޯބީގެ ގޮތުން އޮންނަ ގުޅުންތަކަކީ އަބަދުވެސް އެދުވަސްވަރު ދެކެވުނު ވާހަކަތަކެކެވެ.
ޕަރްވީން ބާބީ އާ ކަބީރުބޭދީ ގެ ގުޅުމުގެ ވާހަކައަށް ބޮޑު ސަމާލުކަމެއް އެދުވަސްވަރު ލިބިގެން ދިޔަ ނަމަވެސް އެ ގުޅުން ދެމިއޮތީ ކުޑަދުވަސްކޮޅަކަށެވެ.
''ސްޓޯރީސް އައި މަސްޓް ޓެލް''ގެ ނަމުގައި ނެރެން އުޅޭ އޭނާގެ ހަޔާތުގެ މައްޗަށް ބިނާކުރާ ފޮތުގައި ޕަރްވީންއާ އޮތް ގުޅުމުގެ ވާހަކަ ދައްކާފައިވެއެވެ.
ޕަރްވީން ބާބީ 2005ގައި މަރުވެފައިވަނީ އޭނާގެ ގުނަވަންތައް ފޭލިވެގެންނެވެ. މަރުވެފައިވާ ހަށިގަނޑު އޭނާ ޖޫހޫގައި ދިރިއުޅޭ ގެއިން ފެނިފައިވަނީ އޭގެ 4 ދުވަސް ފަހުންނެވެ.
ކަބީރުބޭދީ ގެ އިތުރުން ޕަރްވީން އާ ލޯބީގެ ގޮތުން ގުޅުން އޮތް ޑެނީ ޑެންޒެންޕާ އަދި މަހޭޝް ބަޓް އާއި އެކު ޕަރްވީންގެ ޖަނާޒާގައި ބައިވެރިވި ވާހަކަ އޭނާ ޖަބީރުބޭދީ ކިޔައިދީފައި ވެއެވެ.
''އަހަރެމެން ތިން މީހުން އޭނާއަށް އެންމެ ފަހުގެ އަލްވަދާއު ކީން. އިސްލާމީ އުސޫލުތަކުގެ މަތިން ބޭއްވުނު ޖަނާޒާގައި އޭނާގެ ހަށިގަނޑު ކަށްވަޅަށް ތިރިކުރަންދެން އެކުގައި ތިބިން. އޭނާ ތަހައްމަލް ކުރަމުން ދިޔަ ވޭން އަހަންނަށް އިހުސާސް ކުރެވޭ. އެހެން މީހުންނަށް ނޭނގޭ އެތައް ގޮތަކުން އަހަރެމެން 3 މީހުންނަށް އޭނާ ދަސްވެފައިވޭ. އަދި އަހަރެމެން ތިން މީހުންވެސް އޭނާ ދެކެ ތަފާތުކޮށް ލޯބިވިން.'' ޕަރްވީންގެ ޖަނާޒާގެ ވާހަކަ ދައްކަމުން ކިޔާދީފައިވެއެވެ.
ކަބީރު ބޭދީ ބުނާގޮތުގައި އޭނާ އޭނާގެ އަންހެނުން ކައިރިން ދުރުވީ ޕަރްވީން ދެކެ ވާ ލޯބިން އޭނާއާ އެކު އުޅެން ނިންމައިގެންނެވެ. ނަމަވެސް ޕަރްވީން އޭނާ ދޫކޮށްދިޔައީއެވެ. ޕަރްވީން އެދުވަސްވަރު އުޅެމުން ދިޔައީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައެވެ. އޭނާއަށް އެހީވުމަށް ދާ ކޮންމެ ފަހަރަކު އެކަމަށް އިންކާރު ކުރާ ކަމަށް ކަބީރުބޭދީ ބުނެފައިވެއެވެ.
''އަހަރެން އެކަނިވާ ކޮންމެ ފަހަރަކު، އަހަރެމެން އެކުގައި ހޭދަކުރި ވަގުތުތައް މަތިން ހަނދާންކުރިން. އޭނާ ތަހައްމަލް ކުރަމުން ދާ ވޭން އިހުސާސް ކުރެވޭ. ނަމަވެސް އަހަންނަށް ލިބުނު އަނިޔާމަތިން ކޮންމެ ފަހަރަކު ހަނދާން އާވޭ'' ކަބީރުބޭދީ ބުނެފައިވެއެވެ.
''ޕަރްވީންގެ ސަބަބުން އަހަރެންގެ އުފާތަކަށް ހިޔަނި އެޅުނު. އެއީ އޭނާގެ ވެސް ކުށެއް ނޫން. ފަހަރުގައި އަހަރެންވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭނެ. އަހަރެން ކުރިން އެ ގުޅުމާ ދުރަށް ދިޔަ ނަމައޭ ހިތަށް އަރާ. ނަމަވެސް އަހަންނަކަށް ނުދެވުނު. އޭނާއަށް އަހަރެންގެ އެހީ ބޭނުންވި. އަހަރެންނަށް ގަބޫލުކުރެވުނީ އަހަރެން އޭނަ ހިމާޔަތް ކޮށްދޭން ޖެހޭކަމަށް.''
ކަބީރު ބޭދީ އިތުރަށް ބުނެފައިވާ ގޮތުގައި ޕަރްވީންގެ ސަބަބުން އޭނާވެސް ނަފްސާނީގޮތުން ވަރަށް ބޮޑަށް ބަލިވިއެވެ. އަދި އެކަންތައްތަކުން އެއްކިބާވާން އޭނާ އެކި މީހުންނާ ލޯބީގެ ގުޅުންތައް ބާއްވަމުން ދިޔަ ކަމަށެވެ. ''މީހުންނަށް ހީވެދާނެ އަހަރެން ހާދަ ނަސީބު ގަދައޭ، ނަމަވެސް އަހަރެން ނަފްސާނީގޮތުން ބަލިވެފައިވާ ވަރެއް އެކަކަށްވެސް ނޭނގޭނެ.'' ކަބީރުބޭދީ އެކި މީހުންނާ އޮންނަ ގުޅުންތަކުގެ ވާހަކައަށް އިޝާރާތްކޮށް ބުނެފައިވެއެވެ.
ޕަރްވީން އަކީ 80ގެ އަހަރުތަކުގައި ފިޔަޖަހާލި ކާމިޔާބު ރީތި ތަރިއެކެވެ. އަމަރް އަކްބަރް އެންތަނީ، ޝާން، ނަމަކް ހަލާލް ފަދަ މަޝްހޫރު ފިލްމުތައް ޕަރްވީން ވަނީ ކުޅެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން