ލަންޑަންގެ އެލްބާޓް ހޯލުގައި ކުރިއަށް ދިޔަ 74ވަނަ ބަފްޓާ 2021 ގައި އިރުފާން ހާން އަދި ރިޝީ ކަޕޫރަށް ހާއްސަ ޓްރިބިއުޓެއް ދީފިއެވެ.

ފިލްމު އިންޑަސްޓްރީއަށް ގިނަ ހިދުމަތްތަކެއް ކޮށްދިން ދެ ތަރިން ކަމަށްވާ އިރުފާން ހާން އަދި ރިޝީ ކަޕޫރު ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ދުނިޔެ ދޫކޮށްފައެވެ. ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދިޔަ މި ދެތަރިންވެސް ދުނިޔެއާ އަލްވަދާއު ކިޔާފައިވަނީ ދާދި ކައިރި ކައިރީގައެވެ.

އިރްފާން ހާން، ހޮލީވުޑްގެ ލައިފް އޮފް ޕައި، ޖުރެސިކް ވޯލްޑް އަދި އިންފާނޯ ފަދަ ކާމިޔާބު ފިލްމުތަކުންވެސް ވަނީ ފެނިގެން ގޮސްފައެވެ.

ސިނަމާގެ ދުނިޔޭގައި ރިޝީ ކަޕޫރުގެ 50 އަހަރުގެ ދިގު މުއްދަތުގައި 100 އަށްވުރެ ގިނަ ފިލްމު އޭނާ ކުޅެފައިވެއެވެ.

އެގޮތުން މި ދެތަރިންގެ މަސައްކަތުގެ އަގު ވަޒަންކޮށް 74ވަނަ ބަފްޓާ އެވޯޑުގައި ވަނީ ޓްރިބިއުޓެއް ދީފައެވެ.

ދުނިޔެ ދޫކޮށްފައިވާ ކާކް ޑަގްލަސް، ޝޯން ކޮނަރީ، އިއޭން ހޯމް، ބާބަރާ ވިންޑްސާ ފަދަ މަޝްހޫރު އެތައް ތަރިންނެއްގެ އަގު ވަޒަންކޮށް މި ހަފުލާގައި ވީޑިއޯ ޓްރިބިއުޓެއް ދީފައިވާއިރު، އޭގެ ތެރޭގައި ބްލެކް ޕެންތާގެ ތަރި ޗެޑްވިކް ބޯސްމަން އާއި އިރްފާން ހާން އަދި ރިޝީ ކަޕޫރުގެ ވީޑިއޯ ޓްރިބިއުޓް ވަނީ ހިމަނާފައެވެ. އިރްފާންގެ ވީޑިއޯކޮޅުގައި އޭނާ ލައިފް އޮފް ޕައި ގައި ދައްކާ ވާހަކަކޮޅު ހިމަނާފައި ވެއެވެ.