އަބީޝޭކް ބަޗަން އަކީ ފިލްމީ ކެރިއަރުގައި މާބޮޑަށް ކާމިޔާބު އެކްޓަރެއް ނޫން ނަމަވެސް، އޭނާއަކީ ވަރުގަދަ ރޯލުތައް ހުށަހަޅައިދިނުމުގައި ކުޅަދާނަ ތަރިއެކެވެ.
2004 ގައި ނެރުނު ޔޫވާ އަދި ދޫމް، 2005 ގައި ނެރުނު ސަރުކާރު، 2007ގެ ގުރޫ، 2008ގެ ދޯސްތާނާ، 2009ގެ ޕާ، އަދި 2012 ގައި ނެރުނު ބޯލް ބަޗަން ގައި ދައްކައިދީފައިވާ ރޯލުތައް ފާހަގަކޮށްލެވެއެވެ. ދެއަހަރަށްވުރެ ގިނަ ދުވަހުގެ ބްރޭކަކަށްފަހު 2018ގެ މަންމަރްޒިޔާ އިން ފެނިގެން ދިޔަ ރޯލަކީވެސް ތަފާތު ހުށަހެޅުމެކެވެ. މީގެ އިތުރުން މިދިޔަ އަހަރު ޑިޖިޓަލްކޮށް ނެރުނު ވެބް ސީރީސް ބްރީތު، އިންޓު ދަ ޝެޑޯސްގެ އިތުރުން ލޫޑޯގައި ދައްކައިދިން ރޯލުތަކަށް ގިނަބައެއްގެ ތައުރީފު ލިބިގެން ގޮސްފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބިގް ބުލް އިން ވެސް މިވަނީ އަބީޝޭކްގެ ވަރުގަދަ ހުށަހެޅުމެއް ފެނިފައެވެ. އަޖޭ ދޭވްގަން ޕްރޮޑަކްޝަންގެ މިފިލްމު ލިޔެ ޑައިރެކްޓްކޮށްފައިވަނީ ކޫކީ ގުލާޓީ އެވެ. އަދި ރިތޭޝް ޝާހުގެ ޑަޔަލޯގު ފިލްމުގައި ގެނެސްދީފައިވަނީ ޝައުގުވެރިގޮތަކަށެވެ.
މިފިލްމަކީ ވެބް ސީރީސްއެއް ކަމަށްވާ ސްކޭމް 1992 ގައި ގެނެސްދޭ ވާހަކައާ ގުޅިފައިވާ ފިލްމަކަށްވީނަމަވެސް، ގިނަ ބަޔަކު ވަނީ ފިލްމުގެ ޓްރޭލާ ރިލީސްކުރި ހިސާބުން ފިލްމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ދަ ބިގް ބުލް އަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހަކު މުއްސަންޖަކަށް ވެގެންދާގޮތުގެ އާއްމު ވާހަކައެކެވެ.
1987 ވަނަ އަހަރުގެ ތެރޭގައި ހެމާންތު ޝާހު (އަބިޝޭކް ބަޗަން) ބޮމްބޭގައި އާދައިގެ ދިރިއުޅުމެއް އުޅެމުން ދެއެވެ. ބާލް ކާލާ ކެންދްރާ ގައި އާދައިގެ އުޖޫރައެއް ލިބޭ ވަޒީފާއެއް އޭނާ އަދާކުރަމުން ގެންދެއެވެ. އޭނާ ލޯބިވަނީ ޖެހިގެން ހުރި ގޭގައި ދިރިއުޅޭ ޕްރިޔާ (ނިކީ ދައްތާ) ދެކެއެވެ. ނަމަވެސް މާބޮޑު މާލީ ތަނަވަސްކަމެއް ނެތުމުން އަންހެން ކުއްޖާގެ ބައްޕަ ގާތު އެކުއްޖާގެ ކައިވެންޏަށް އަހަން ފަސްޖެހެއެވެ.
އެއް ދުވަހެއްގައި އެތަނުގައި ވަޒީފާގެ ތަޖުރިބާ ހޯދަން ދާ ބާލް ކެންދްރާ އާއި ހެމާންތުއާ ބައްދަލުވެއެވެ. އަދި އޭނާއާ ދެކެވުނު ވާހަކައެއްގައި ބޮމްބޭ ޓެކްސްޓައިލްސްގައި ހިއްސާ ވިއްކައިގެން ރަނގަޅު އެއްޗެއް ލިބޭ ކަމުގައި އޭނާ ކިޔައިދެއެވެ. މިހިސާބުން ހެމާންތު ހިއްސާ ވިއްކުމަށް ޝައުގުވެރިވެކަމެއް އުފެދެއެވެ. އޭނާގެ ކޮއްކޮ ވިރެން ޝާހު (ސޯހަމް ޝާހް) އެދުވަސްވަރު ވިޔަފާރީގައި ލިބުނު ގެއްލުމުގައި އުޅެނީ ފޫ ނުބެދިއެވެ. ވިރެން ހުރީ ދަރައި ވިކިފައެވެ. އެހެންކަމުން ހެމާންތު ހިއްސާގެ ބާޒާރުގައި ވިޔަފާރިކުރުމަށް ނުކުމެއެވެ. ނަމަވެސް އޭނާ ބާޒާރަށް ނުކުތުމުގެ ކުރިން ރަނގަޅަށް ކަންކަން ބަލައި އޮޅުންފިލުވައެވެ. މިކަމުގެ ސަބަބުން އޭނާގެ ކޮއްކޮ ދަރަނިން ސަލާމަތްކޮށްދީ ހެމާންތަށްވެސް ރަނގަޅު ފައިދާއެއް ލިބޭތަން ފެނިގެންދެއެވެ.
އޭނާ ހިއްސާގެ ބާޒާރަށް ނުކުމެ ކަންތިލާލް (ހިތޭޝް ރާވަލް) އަށް މަސައްކަތްކޮށްދޭން ފަށައެވެ. ރަނގަޅު ހިއްސާގެ އެކައުންޓެއް ހެމާންތު އުފައްދައެވެ. ނަމަވެސް ގަވާއިދު ބުނާގޮތުން މިކަމަށް އެނާ 10 ލައްކަ ރުޕީސް ދައްކަން ޖެހެއެވެ. އެ ފައިސާ ހަމަކުރުމަށް އޭނާ ގުޅެނީ ޕްރިމިއާ އޮޓޯގެ ޔޫނިއަން ލީޑަރު ރަނާ ސާވަންތު (މަހޭޝް މަންޖްރޭކަރު) އާއެވެ.
އެތެރޭގެ މުއާމަލާތްކުރުން ތަކުގެ ސަބަބުން ވަރަށް އަވަހަށް ހެމާންތުއަށް އެ އަދަދު ހަމަކުރެވެއެވެ. ހެމާންތުއަށް މިހިސާބުން މިކަމުގެ ފައިދާ ނަގަން އެނގެއެވެ. އަދި ބޭންކުތަކާ ގުޅިގެން، ސިސްޓަމުގައި ހުންނަ މައްސަލަތައް ފާހަގަކުރެއެވެ. މިހުރިހާ ކަމެއްގެ ސަބަބުން ސެންސެކްސްގެ ހަރުފަތް އަތްނުފޯރާ ހިސާބަށް މައްޗަށް އަރައިގެން ދެއެވެ. އަދި ހިއްސާގެ ބާޒާރުގައި އޭނާ ހީރޯއަކަށް ވެގެން ދެއެވެ.
އޭނާގެ މާލީ ތަނަވަސްކަން ރަނގަޅުވުމުން ޕްރިޔާއާ ކައިވެނި ކުރެއެވެ. އެންމެން ހެމާންތު ޝާހު އަށް ސަނާކިޔަމުން ދާއިރު، އިންޑިއާ ޓައިމްސްގެ ފައިނޭންޝަލް ޖާނަލިސްޓް މީރާ ރާއޯ (އިލިއޭނާ ޑީކްރޫޒް) އަށް އޭނާގެ ވާހަކަ ޝައުގުވެރި ކުރުވައެވެ. އަދި ހިއްސާގެ ބާޒާރުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ކަމަށް ޝައްކު ކުރެއެވެ. އޭނާއާ ހިލާފަށް ތަފާތު ތުހުމަތުތައް ކޮށް އެކިއެކި ލިޔުންތައް އޭނާ ލިޔެއެވެ. އަދި އެއް ދުވަހެއްގައި އޭނާ އަށް ހެމާންތުގެ ބޮޑު ސިއްރެއް ފަޅާއަރައެވެ. އެއަށްފަހު ހިނގާ ކަންކަން މިފިލްމުން ފެނިގެންދެއެވެ.
ކޫކީ ގުލާޓީ އަދި އަރްޖުން ދަވަންގެ މިވާހަކަ ވަރަށް ޝައުގުވެރިއެވެ. މި ވާހަކަ ގެނެވިފައިވަނީ ހިއްސާގެ ބާޒާރުގައި މަޝްހޫރު ހަރްޝަދު މެހެތާގެ ހަޔާތަށް ބަލައިގެންނެވެ. އަދި އޭނާގެ ތަޖުރިބާ މިފިލްމުގައި ވަރަށް ގަޔާވާ ގޮތަކަށް ގެނެސްދީފައިވެއެވެ. ބެލުންތެރިން ފޫހި ނުވާނެ ގޮތަށް ވާހަކަ އަތުރާލެވިފައިވެއެވެ. ދެކަމެއް ފިޔަވައެވެ. އެއް ކަމަކީ ފިލްމުގައި ހެމާންތު ޝާހުގެ ހަޔާތުގެ މުހިއްމު ބައިތަކެއް ވަނީ އުނިކުރެވިފައެވެ. ދެވަނަ ކަމަކަށް ސްކޭމް 1992 ގައި ދައްކުވައިދޭ ކަންކަމާއި މިފިލްމާ އަޅައިކިޔޭވަރަށް ބައެއް ކަންކަން ފާހަގަކުރެވެއެވެ.
ކޫކީ ގުލާޓީގެ ޑައިރެކްޝަން ވަރަށް ކަމުދެއެވެ. ފިލްމު ޝައުގުވެރިކޮށް ގެނެސްދިނުމާއި ވާނުވާ ސާފުވާނެހެން ގެނެސްދީފައިވެއެވެ. ކޮންމެ ކޮންމެ މީހަކަށް ހިއްސާގެ ބާޒާރު ރަނގަޅަށް ނޭނގުނު ނަމަވެސް ކޫކީ ވަނީ ފިލްމުގައި އެބައި ކާމިޔާބުކޮށްފައެވެ.
މިހާދިސާއަށް ޕްރަތީކް ގާންދީ ކުޅެފައިވާ ވެބް ސީރީސް ސްކޭމް 1992 ގައި ގެނެސްދީފައިވަނީ އަސްލު ހިނގައިދިޔަ ގޮތާ ގުޅުން ހުރި ގޮތަށެވެ. އެ ވެބް ސީރީސްގެ ކުރިން ދަ ބިގް ބުލް ރިލީސްކޮށްފައި ވާނަމަ މި ފިލްމު ވަރަށް ކާމިޔާބުވާނެ ކަމަށް ލަފާކުރެވެއެވެ.
ސްކޭމް 1992 ގިނަ މީހުން ބަލާފައިވާތީ، އެ ވާހަކަ ގިނަ މީހުންނަށް އެނގި ކުރިއަށް ވާނީ ކިހިނެއްކަން ލަފާކޮށްލެވޭނެއެވެ. އަދި ފިލްމުގައި ކަންކަން ހިނގަމުން ދަނީ ވަރަށް އަވަހަށެވެ. ބައެއް ކުރިއެރުންތައް ރަނގަޅަށް ދެއްކިފައި ނުވެއެވެ. މިސާލަކަށް ހެމާންތުގެ ބައްޕަ އޭނާ ދެކެ ހިތްހަމަ ނުޖެހިގެން ގެއިން ނެރެލައެވެ. ނަމަވެސް ހިނގައިދިޔައީ ކޮން ކަމެއް ކަމެއް ދައްކައިދެވިފައެއް ނެތެވެ.
އަދި ހެމާންތު އޭނާގެ އަމިއްލަ ކޮންސަލްޓަންސީ އޮފީހެއް ކަމަށްވާ މައިލް ހައި ހުޅުވާތަން ދައްކާއިރު މިކަމުން ގިނަ ބެލުންތެރިންނަށް އޮޅުން އަރައިގެން ދެއެވެ. ސަންޖީވް ކޯލީ (ސާމިރް ސޯނީ)ގެ ކެރެކްޓާ ފިލްމުގައި މުހިއްމު ރޯލެއް ކުޅުނުނަމަވެސް ފިލްމުގެ ވާހަކައިގައި އަދި ޑައިރެކްޓަރުގެ މަސައްކަތުގައި އޭނާގެ ބަޔަށް އަހައްމިޔަތުކަމެއް ދީފައި ނުވާކަން ފާހަގަކުރެވެއެވެ.
ސްކޭމް 1992 އާ ހިލާފަށް، ދަ ބިގް ބުލްގެ ވާހަކަ ލިޔެފައިވަނީ ޝައުގުވެރިވާނެ އިތުރު ކަންކަން ހިމަނައިގެންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފިލްމު ނިމުމާ ކައިރިވާއިރު ބެލުންތެރިން ހައިރާންކޮށްލާ ވަރުގެ ބޮޑު ބަދަލެއް ފިލްމުގައި ގެނުވައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން