ނަވާރަވަނަ ބައި

ގޭ ކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު އޭގައި އިން ވިއާން އަހަރެންނަށް ފެނިއްޖެއެވެ. ފުރުސަތަކަށް ބަލަބަލާ ހުރި ޒިޔާން އަހަރެން އުނގަނޑުގައި ހިފައި ގާތްކޮށްލާފައި އަހަރެންގެ ބޮލުގައި ބޮސްދީފިއެވެ. އެހުރިހާ މަންޒަރެއް ބަލަން ވިއާން ހުއްޓެވެ. އިރުކޮޅަކުން ބަހެއް ނުކިޔާ ގޭތެރެއަށް ވަދެއްޖެއެވެ.

އަހަރެން ރުޅި އިންތިހާއަށް ގަދަވިއެވެ. ވިސްނައިވެސްނުލާ އަހަރެން ޒިޔާންގެ އަތުގައި ދަތްއެޅީމެވެ. އެވަގުތު އަނގައިން ލައްވައިލި ވޭނީ އާހެއްގެ އަޑާއެކު ޒިޔާން އަހަރެންގެ ހަށިގަނޑުން ދެއަތް ނައްޓުވައިލިއެވެ. އެހިނދު އަހަރެން ޒިޔާނާ ދުރަށް ޖެހުނީމެވެ.

"ކިހިނެއްވެގެންތަ މޮޔަވެގެން ތިއުޅެނީ. ބަލަ އަހަރެންނަކީ ޒިޔާން ބޭނުންނުވެގެން މެންދަމު ތި ހަޔާތުން އަދި ތިގެއިންވެސް ބޭރުކުރި އަންހެންކުއްޖާ އޭ. ހަނދާންކޮށްބަލަ. އަހަރެން ޒިޔާނާއެކު އުޅެން ބޭނުމެއްނޫން. އަހަރެންނަށް ހީވަނީ ތިހެރީ މޮޔަވެފަހެން. އެންމެ ފުރަތަމަ ގޮސް މޮޔައިންގެ ހޮސްޕިޓަލަކަށް ދައްކާ" ހިތަށް އައިހާ އެއްޗެއް ކިޔާފައި އަހަރެން ގޭތެރެއަށް ވަދެ ދޮރުލެއްޕީމެވެ. ކަރުނަތާ ނަފްރަތާ އެކުވާ އިހުސާސްތަކެއް މޫނުމައްޗަށް ވެރިކުރުވައިގެން ޒިޔާން އަހަރެންނަށް ބަލަން ހުއްޓަސް އެއްވެސް ފަރުވާލެއްނެތެވެ.

އެޕާޓްމަންޓަށް ވަންއިރު އެއްވެސް މީހަކު ފެންނަން ނެތެވެ. އަހަރެން ގެއިން ނިކުތް އިރުވެސް ހުރި ގޮތަށް ޓީވީ ހުޅުވާފައި ހުއްޓެވެ. ސިޓިންރޫމުގެ އެންމެ ލައިޓެއް ނޫން އެހެން ހުރިހާ ލައިޓެއް ހުރީ ނިއްވާފައެވެ. އަހަރެންނަށް ބަލައިލެވުނީ ވިއާންގެ ކޮޓަރި އާ ދިމާލަށެވެ. ފިޔަވަޅުތަކަށް ބާރުލާފައި އަހަރެންނަށް ހިނގައިގަނެވުނީ އެ ކޮޓަރި އާ ދިމާލަށެވެ. މީގެކުޑައިރުކޮޅެއް ކުރިން ވިއާން އަހަރެންނަށް ބަލަހައްޓައިގެން ހުރި ގޮތް އަދިވެސް ފެންނަ ކަހަލައެވެ. ހިތްތޮރުފާ ކަހަލަ އަސަރުގަދަ ބެލުމެކެވެ. އަހަރެންނާ މެދު ވިއާން ހީކޮށްފާނެ އެއްޗެއް ނޭނގޭތީ ހިތުގައި ރިހެމުން ދިޔައެވެ.

"ވިއާން" އަހަރެން ދޮރުގައި ޓަކި ޖަހާލާފައި ގޮވައިލީމެވެ.

"ވިއާން، ޕްލީޒް ދޮރު ހުޅުވަބަލަ" އަހަރެން ގޮވީމެވެ. އެތެރެއިން އެއްވެސް ޖަވާބެއް ނައެވެ. ދެރަވީވަރުން އަހަރެންނަށް ދޮރު ބުޑުގައި އިށީނދެވިއްޖެއެވެ. ފޯނު ނަގާފައި ވިއާންގެ ނަންބަރަށް ގުޅަން ފެށީމެވެ. ދެފަހަރަކު ފޯނު ރިންގުވާއިރަށް ފޯނު ކެނޑިއްޖެއެއެވެ. އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެއްވެސް އިރެއްގައި ވިއާން އަހަރެންގެ ކޯލެއް ނުނަގައެވެ. ބިޒީކޮށްފައި އޭނާ ގުޅާނެއެވެ. މިފަހަރުވެސް ބިޒީކޮށްލުމުން އަހަރެން ހީކުރީ ވިއާން ގުޅާނެ ކަމަށެވެ. ނަމަވެސް އެހެނެއް ނުވިއެވެ. ހިނދުކޮޅެއް ފާއިތުވެގެން ދިޔައިރުވެސް ހަބަރެއް ނުވިއެވެ. ދެވަނަ ފަހަރަށް އަހަރެން ވިއާންގެ ނަންބަރަށް ގުޅާލީމެވެ. ހީވީ އަހަރެންގެ ހިތް ފޮތިފޮތިވެގެން ދިޔަ ހެންނެވެ. ވިއާންގެ ފޯނު ނިވާލައިފިއެވެ. އަހަރެންނަށް އިންތަނުން ފުންމައިގެން ތެދުވެވިއްޖެއެވެ. އަނެއްކާވެސް ދޮރުގައި ޓަކިޖަހަމުން ވިއާނަށް ގޮވަމުން ދިޔައިމެވެ.

"ޕްލީޒް ވިއާން ދޮރުހުޅުވަބަލަ. އަހަރެން ވާހަކަދައްކަން ބޭނުން" އަހަރެން ބުނަމުން ދިޔައީމެވެ. އިސާހިތަކު އަހަރެން ދެލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ. ވިއާން އަހަރެންދެކެ ދުވަހަކުވެސް ހިތްހަމަނުޖެހޭ މިންވަރަށް ހިތްހަމަނުޖެހިފަ ހުރިކަން އިހުސާސް ވެއްޖެއެވެ. ކޮޅަށް ހުރެހުރެ ދެފައިން ދިލަނަގަން ފަށައިފިއެވެ. ވިއާން ދޮރުނުުޅުވަނީސް ކޮޓަރި ދޮރުމަތިން ދުރަށްދާން އަހަރެން ބޭނުންނުވިއެވެ. އެހެންކަމުން ދޮރުފަތުގައި ލެގިލައިގެން އަނެއްކާވެސް އިށީނީމެވެ. ދެފައި ކުރުކޮށްގެން ދެ ކަކުލުގައި ބޯއަޅާލައިގެން އިންއިރު ވިއާނާ މެދު އަހަރެންނަށް ވިސްނެމުން ދިޔައެވެ. ރީޝަމް ބުނިހެން އަހަރެން ޒިޔާނާ އެކު ފެނުމުން ވިއާނަށް ހާދަ ވަރެއް ވެއްޖެއެވެ. ވިއާން ބޭނުންވަނީ އެގޮތަށް ހިތުގައި ހުރިހާ ކަމެއް ބާއްވައިގެން ހިތަށް ތަކުލީފު ދޭން ހެއްޔެވެ؟ އެންމެ ފަހަރަކު ހިތުގައި އޮތް އެއްޗެއް ބުނިއްޔާ ވާނީ ކީއްހެއްޔެވެ؟

ދަންވަރު އެކެއްޖެހީ އަހަރެން ފޯނަށް ބަލަހައްޓައިގެން އިންދައެވެ. ފޯނު ނިވާލާފައި އޮތްކަން އިނގޭ އިރުވެސް އަހަރެން އިނީ ފޫހިކަމެއްނެތި ވިއާންގެ ފޯނަށް ގުޅާލަ ގުޅާލައެވެ. އެއްވެސް ވަރުބަލިކަމެއް އަހަރެންނަށް އިހުސާސެއް ނުވެއެވެ. އެހެން އިންދާ ކުއްލިއަކަށް ދޮރު ހުޅުވާލައިފިއެވެ. އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. ކަނު އަނދިރިކަން އެކުލެވިފައިވާ ކޮޓަރި ދޮރުމަތީގައި ހުރީ ވިއާން ނޫން ދެވަނަ މީހެއް ނޫނެވެ. އަނދިރިކަމުން މޫނު ރަނގަޅަށް ސާފެއް ނުވެއެވެ. އެހެންކަމުން އެވަގުތު ވިއާންގެ މޫނުމަތިން ފެންނަން ހުރި ކުލަވަރެއް އަހަރެންނަށް ނޭނގެއެވެ.

"ވިއާން، ހާދަ އަނދިރިއޭ" އަހަރެންނަށް ބުނެވުނެވެ. އެވަގުތު ވިއާން އަހަރެންގެ އަތުގައި ހިފާފައި ކުއްލިއަކަށް އެތެރެއަށް ދަަމައިގަތެވެ. އެހާ އަވަހަށް ކޮޓަރި ދޮރުފަތްވެސް ލައްޕައިފިއެވެ. ފޯނުން އަލިކުރަމުން ގޮސް އަހަރެން ލައިޓްތައް ޖެއްސީމެވެ. އެނބުރުނުއިރު ވިއާން ހުރީ އަހަރެންނަށް ފުރަގަސްދީގެންނެވެ.

"ވިއާން،" އަހަރެން ގޮވައިލީމެވެ.

"ވާހަކަދައްކަން ބޭނުން ވާހަކަ ބުނީމެއްނު. އަހަރެން މިހުރީ އަޑުއަހަން" ވިއާން ބުނެލިއެވެ. ވިއާންގެ އަޑަށް ބަދަލު އައިސްފައިވާކަން އަހަރެންނަށް ފާހަގަވިއެވެ. އެހެންކަމުން މަޑުމަޑުން ހިނގާފައި ގޮސް އަހަރެން ހުއްޓުނީ ވިއާންގެ ކުރިމަތީގައެވެ. އެހިނދު އަހަރެން ހުއްޓުން އެރިއެވެ. ކަޅިޖަހައިވެސްނުލާ ރަތް ފިޔައެއް ފަދަ ވިއާންގެ ދެލޮލަށް ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނެވެ. ހިތުގައި ރިއްސަލީ ވިއާން އެހާ ވަރަށް ރޮއެފައި ހުރިކަން އިނގުމުންނެެވެ. އަހަރެންނަށް ނަޒަރު ދިމާނުކުރަން ވިއާން މަސައްކަތްކުރަމުން ދިޔައެވެ.

"ވިއާން" އަނެއްކާވެސް އަހަރެންނަށް ގޮވައިލެވުނެވެ.

"ބުނޭ. އަވަސްކުރޭ" މިފަހަރު ވިއާންގެ އަޑުގައިވީ ރުންކުރު ކަމެވެ.

"އަހަރެން ބުނަން އުޅުނީ އަހަރެން... ޒިޔާން...." ބުނެވުނީ އެހިސާބަށެވެ. ވިއާން އައިސް ހިފީ އަހަރެންގެ ދެކޮނޑުގައެވެ. ނޭވައެއް ނުލެވި އުޅެނިކޮށް އަހަރެން ފަހަތަށް ގެންގޮސް ކޮޓަރީ ދޮރުފަތުގައި ޖައްސާފައި އަހަރެންނަށް ހަރަކާތެއްވެސް ނުކުރެވޭނެ ގޮތަށް ދެއަތް އަހަރެންގެ ބޮލާ ދިމާލުން ދެފަރާތުން ދޮރުގައި ވިއްދައިފިއެވެ. ވިއާންގެ އެ އަމަލުން އަހަރެން ޖެހިލުންވިއެވެ. މީގެކުރިން ވިއާންގެ ފަރާތުން އަހަރެންނަށް ފެނުނީ މަޑުމައިތިރިކަމާ އޯގާތެރިކަމެވެ. އެހެނަސް މިރޭ ތަފާތެވެ. ކުއްލިއަކަށް ވިއާނަށް އައިސްފައިއެވާ ބަދަލުގެ ފަހަތުގައި ވަނީ ލޯބިކަން އަހަރެންގެ ސިކުނޑި އަހަރެންނަށް ހަނދާންކޮށްދިނެވެ. ރީޝަމް ބުނި ގޮތަށް އަހަރެން ޒިޔާނާ އެކު ފެނުމުން ވިއާނަށް ހަޖަމެއް ނުކުރެވުނެވެ.

"ކީއްވެ ހުއްޓާލީ. ދެން ބުނެބަލަ. ޒިޔާނާ ދެމީހުން ރައްޓެހިވީތަ؟ އަނެއްކާ އިންނަންތަ ތިއުޅެނީ؟ އަނެއްކާ ލޯބިވީތަ އޭނަ ދެކެ. ދެވަނަ ފަހަރަށް ބޮނޑިއެއް ބޯނެގޮތެއް ނޭނގިގެންތަ ތިއުޅެނީ؟ މާޒީ އިން ލިބުނު ފިލާވަޅުން އިބްރަތެއް ހާސިލު ނުކުރެވުނު ދޯ. މިފަހަރު ރަށަށް ގޮސްފަ ކުރި ކަންތައް ދޯ މިއީ" ހުރިހާ އެއްޗެއް އެއްފަހަރާ ވިއާންގެ ދުލުން ބޭރުކޮށްލިއެވެ. އެއިން އެއްވެސް ޖުމްލައަކުން ވިއާނާ މެދު އަހަރެންގެ ހިތުގައި ޝަކުވާއެއް ނުއުފެދުނެވެ. ދެރައެއްވެސް ނުވިއެވެ. އޭގެ ބަދަލުގައި އަހަރެންގެ މޭގެތެރޭގައި ވިއާނަށްޓަކައި ތެޅިފޮޅެމުންދިޔަ ހިތް އުފާކުރަމުން ދިޔައެވެ. ދީވާނާއެއް ފަދައިން ވިއާން އަހަރެންދެކެ ލޯބިވާކަން އެއްވެސް ޝައްކަކާ ވަހުމަކާ ނުލާ އަހަރެންނަށް ޔަގީންވެއްޖެއެވެ. ވާހަކަދެއްކުމުގެ ތެެރެއިން ދާދި ކައިރިން އަހަރެންގެ ދެލޮލަށް އަމާޒުކޮށްފައި ހުރި ރަތް ލޭކޮޅެއް ފަދަ ވިއާންގެ ދެލޮލުން ވެއްޓުނު ކަރުނަތިކި އެކަން އިތުރަށް އަހަރެންނަށް ޔަގީންކޮށްދިނެވެ.

"ކީއްވެ އެއްޗެއް ނުބުނެ ތިހުންނަނީ. ދޮރުމަތީގައި ތިބެ ދެމީހުން ބޮސްދީ ކުޅުނީ އަހަރެންނަށް ދައްކަންތަ؟ އެނ؟ ބުނެބަލަ؟" އަނެއްކާވެސް ވިއާން ބުނެލިއެވެ. ވިއާންގެ އެހާލަތު ދެކެން އަހަރެންނަށް ދަތިވަމުން ދިޔައެވެ. އެހާ ގާތުގައި ހުރުމުން އެމޭގައި ބޯއަޅާލަން ކިތަންމެ ފަހަރަކު އަހަރެންގެ ހިތް އެދެމުން ދިޔައެވެ. އަހަރެންނަށްޓަކައި ކަރުނަ އަޅަމުން ދިޔަ ދެލޮލުގައި ބޮސްދޭން ހިތްއެދެމުން ދިޔައެވެ. އެހެންނަމަވެސް އަހަރެން ބޭނުންވަނީ އެންމެ ފަހަރަކު ނަމަވެސް ވިއާންގެ ދުލުން ލޯބިވާ ވާހަކަ ބުނެލާ އަޑު އަހާށެވެ. އެވަގުތުކޮޅު އަންނަންދެން އަހަރެންނަށް ޖެހޭނީ ވިއާން ރޮއްވާށެވެ. އެހުރިހާ އިހުސާސްތަކެއް ވިއާންގެ ދުލުން ބޭރުކުރަން އަހަރެން ބޭނުމެވެ.

"ތިހުރިހާ ކަމެއް ތިހާ ސީދަލަށް ބުނަން ވިއާނަށް ކިހިނެއް އިނގުނީ" ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އަހަރެން ބުނެލީމެވެ. އެވަގުތު ދޮރުފަތުގައި ވިއްދައިގެން ހުރި ވިއާންގެ ދެއަތް ތިރިއަށް ދޫވެއްޖެއެވެ. މޫނުމަތީގެ ކުލަވަރު އިތުރަށް ފަނޑުވެއްޖެއެވެ. ވިއާންގެ ދަތްދޮޅީގެ ތިރިން ބޭރަށް ނިކުމެފައި ހުރި ލަގޮނޑި އެއްވަރަކަށް ރޫރޫ އަޅަމުން ދިޔައެވެ. ހީވާގޮތުން އަހަރެންގެ ބަސްތަކުން ވިއާނަށް އެދަނީ ވަރަށް އަނިޔާ ލިބެމުންނެވެ.

"އައިމް ސޮރީ މަގޭ ޖާނާ" އެބަސްތައް ވީ އަހަރެންގެ ހިތުގައެވެ. އަނެއްކާވެސް ނިކަން ބާރަށް ދޮރުފަތުގައި ދެއަތް ވިއްދާފައި އަހަރެންނަށް ބަލައިލިއެވެ. ސިކުންތަކަށް ފަހު ސިކުންތެއް އަހަރެންގެ މޫނާ މޫނު ގާތްކުރަމުން އައިސް ވިއާންގެ ނޭވާގެ ހޫނު އަހަރެންގެ މޫނަށް އިހުސާސްވާހާ ގާތަށް އައިސް މަޑުކޮށްލިއެވެ. އަހަރެންގެ ހިތުގެ ތެޅުން އިހުނަށް ވުރެ ބާރުވިއެވެ. ނުރައްކާތެރި ދަރަޖައަކަށް ވިއާންގެ މޫނު ކައިރިވެފައި ވީއިރު އަހަރެންގެ ހަތަރެސްފައި އެކީ ގަނޑުފެން ކޮޅަކަށް ވެއްޖެއެވެ.

"ގެޓް އައުޓް" ވިއާން ބުނެލިއެވެ. މަޑުމަޑުންނެވެ. އަހަރެންނަށް ގަބޫލެއް ނުކުރެވުނެވެ.

"ވަޓް..."؟ ޔަގީން ނުކުރެވިފައި އަހަރެން އެހީމެވެ.

"ނިކުންނާށޭ. އަޑެއް ނީވޭތަ؟" ވިއާން ބުނެލިއެވެ. ބާރަށެވެ. އަހަރެންނަށް ހިންދިރުވައިލެވުނެވެ. ހިނދުކޮޅަކަށް ވިއާންގެ ދެލޮލުގެ ތެރެއިން އަނދަ އަނދާ ހުރި އަލިފާން ފެނުނުހެން ހީވިއެވެ. އަހަރެންނާ އެހާ ގާތަށް ވިއާން އައއީ ހަމައެކަނި އެހެން ބުނެލަން ހެއްޔެވެ.

"ވި އާ ން....،

"އައި ސެއިޑް ގޯ" ހީވީ ކަންފަތް ދަށުން ހޮނު ގުގުރިއެއްގެ އަޑު އިވުނު ހެންނެވެ. އެހާވެސް ވިއާންގެ އަޑު ބާރެވެ.

"އަހަރެން ދާން ތަންދެއްކީމަ ދެވޭނީ" އަހަރެން ބުނީމެވެ. ވިއާން އެއްފަރާތަކަށް ޖެހުނީ ދެނެވެ. ދޮރާ ދިމާލަށް ދަމުން އަދި އެއްފަހަރު ވިއާނަށް ބަލައިލީމެވެ.

"އަހަރެން ހަމަ ދާންވީތަ؟" އަހަރެން އެހީމެވެ. ހިތްއެދުނީ ވިއާންގެ ވިސްނުން ބަދަލުވުމަށެވެ. ހަމަޖެހިގެން ވާހަކަދައްކާލުމަށެވެ.

"ދާށޭ... އަހަރެން ކުރިމައްޗަށް ދެން އައިސްގެން ނުވާނެ" ވިއާން ބުނެލިއެވެ. އަހަރެން އެކޮޓަރިން ނިކުތީ ދުވެފައެވެ. ވިއާން ކުރިމަތީގައި އިތުރަށް ހުންނާނެހާ ހިތްވަރެއް ނެތެވެ.

***

ކޮލެޖުގައި އިންއިރު އަހަރެންނަށް ވަނީ ވަރަށް ބޮޑަށް ބަދަލު އައިސްފައެވެ. ދުވަސް ފެށިގެން ދިޔައީ ރަނގަޅަކަށް ނޫނެވެ. އެއްވެސް ކަމެއް ކުރަން ހިތްވަރެއް ނެތެވެ. ވިއާން އަހަރެން ވަރަށް ބޮޑަށް ދެރަކޮށްލައިފިއެވެ. ރޭގައި ރަނގަޅަށް ނުވެސް ނިދެއެވެ. ހެނދުނު ކޮލެޖަށް އަންނަންޖެހޭކަން ނަސީބެކެވެ. އަހަރެން ބޭނުންވަނީ މުޅި ދުވަސް ވިއާނަށް ނުފެނި ހޭދަކުރާށެވެ. އަހަރެންގެ މޫނު ބަލަންވެސް ބޭނުން ނުވާކަމަށް ރޭގައި ވިއާން ބުންޏެވެ.

ކްލާސްތައް ނިމުމުން ކޮލެޖް ގޯތިތެރޭގައި ހުރި އައްޓެއް މަތީގައި އަހަރެން އިނީ ގެއަށް ނުދާށެވެ. ގެއަށް ދާން ބޭނުންވަނީ ވިއާން އޮފީހުން އައުމުގެ ކުރިންނެވެ. ނޭނގުމުގެ ތެރެއިންވެސް ވިއާންގެ ކުރިމައްޗަށް އަރަން އަހަރެން ބޭނުމެއްނޫނެވެ. ބަނޑުހައިވެގެން ގޮހޮރުން ވައި އަޑު ކިޔަން ފަށައިފިއެވެ. މާމަގެ ކޯލެއް ލިބުނީ ފޯނަށް ބަލަހައްޓައިގެން އިންދައެވެ.

"މަލް، ނުނިމޭތަ؟ ހެނދުނު ސައިވެސް ނުބޮއެ ހާދަ އަވަހަކަށޭ ދިޔައީ. މާމަ ކޮޓަރިން ނިކުތްއިރު މަލް ނެތް ފެންނަންވެސް" މާމަ ބުނެލިއެވެ.

"އެއީ މިއަދު ތަންކޮޅެއް އަވަހަށް އަންނަން ޖެހިގެން. ބަނޑުހައެއެއްނުވޭ. ޕެކެޓަކާ އެއްޗެހި ގަނެގެން ބުއިން" އަހަރެން ބުނީމެވެ. ދޮގުހެދީ ހަދާހިތަކުން ނޫނެވެ. މާމަ ކަންބޮޑުވެދާނެތީއެވެ.

"ސައިކަލުގައެއް ނޫން ދޯ ދިޔައީ" މާމަ އެހިއެވެ.

"އާނ. މިއަދު ހަމަ ހިނގާލާހިތުން" އަހަރެން ބުނީމެވެ.

ކޮލެޖުން އެންމެން ހުސްވުމުން އަހަރެން މަޑުމަޑުން މަގުމައްޗަށް ނިކުތީމެވެ. މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތަށް ވާތީ މަގުތަކުގައި މީހުން މަދެވެ. ސްކޫލަށްދާ ދަރިވަރުންނާ ބެލެނިވެރިން ކޮންމެސް ވަރަކަށް ހަރަކާތްތެރިވަމުން ދިޔައެވެ. މަގުގެ އެންމެ ބޮޑަށް ހިޔާ އަރާފައިވާ ފަޅިން ހިނގާފައި ގޮސް އަހަރެން މަޑުކޮށްލީ ރީޝަމްގެ ގޭ ކައިރީގައި ހުންނަ ކެފޭއެއް ކައިރީގައެވެ. ރީޝަމްއަށް ގުޅައިގެން ބޭރަށް ނެރެފައި ދެމީހުން އެއްކޮށް މަޑުކޮށްލީ ކެފޭ ތެރޭގައެވެ.

"ހާދަ ފާޑަކަށް. ވަރުބަލިވެފަތަ؟" ރީޝަމް އެހިއެވެ.

"ނުވާ އެއްގޮތެއްވެސް ނެތް. އިނގޭތަ ރޭގަ ފަހުން ކަންތައް ވީގޮތް" އަހަރެން ބުނީމެވެ. އަހަރެންނާ ވިއާނާ ދެމެދު ހިނގާދިޔަ ހުރިހާ ކަމެއް އަހަރެން ރީޝަމް އާ ހިއްސާކުރީމެވެ. އެވާހަކަތައް އަހާފައި އެންމެ ފުރަތަމަ ރީޝާމް އެއްވެސް އެއްޗެއް ނުބުނެ އިނެވެ. އޭނާވެސް އެކަންތައްތަކާ ވިސްނާލީއެވެ.

"އަސްލު ވިއާން މަލްދެކެ ވަރަށް ވަރަށް ލޯބިވޭ" ރީޝަމް ބުނެލިއެވެ.

"ރޭގަ އެކަން އިނގިއްޖެ. އެކަމަކު އަހަރެން އެހެން ބުނީމަ ފަހުން ވިއާން ހުރީ ހަމައިން ނައްޓާފަ. އަހަރެންނާ އެހާ ގާތަށް އައިސްފަވެސް ނިކުންނާށޭ ބުނީ. އެގަޑީގަ ވަރަށް ދެރަވި" އަހަރެން ކިޔައިދިނީމެވެ.

"އަހަރެން ބުނީމެއްނު. އެކަމަކު މިފަހަރު ތިކަމުގަ ވިއާން ކުއްވެރިއެއް ނުވޭ. އޭނަ އެ އައީ ރުޅިއެއްނޫން. ވަރަށް ވަރަށް ދެރަވެގެން އެގޮތަށް ކަންތައްކުރީ. މައްސަލަ ހައްލުކުރަން ޖެހޭނީ މަލް" ރީޝަމް ވާހަކަދެއްކިއެވެ.

"އަހަރެން ހުންނާނަން އޭނަ އަހަރެން ހޯދަން އަންނަންދެން ކުރިމައްޗަށް ނުގޮސް" އަހަރެން ބުނީމެވެ.

"ދެން ބަލަމާ ދޯ ވިއާން ކަންތައްކުރާ ގޮތެއް" ރީޝަމް ބުނެލިއެވެ.

ގިނަވަގުތުތަކެއް ކެފޭގައި ހޭދަކޮށްފައި އަހަރެން ގެއަށް ދާން ހިނގައިގަތީ ރީޝަމްއާއެކު އެގެއަށް ގޮސް ނަމާދުވެސް ކޮށްގެނެވެ. އޭރު އަސުރުން ތިރިވެއްޖެއެވެ. ވިއާން ގެއަށް އައުމުގެ ކުރިން ގެއަށް ދިޔުމަށް ދެފަޔަށް ބާރުލާފައި އަހަރެން ހިނގަމުން ދިޔައީމެވެ. ގެއާ ކައިރިވަމުން ދާވަރަކަށް އަހަރެންނަށް ފަހަތަށް ބެލެމުން ދިޔައީ ވިއާން އާދޭތޯއެވެ. ގެއާ ކައިރިވެފައި ވަނިކޮށް ކުއްލިއަކަށް ޒިޔާން އަހަރެންގެ ކުރި ބައްދައިފިއެވެ. އަހަރެންނަށް ހުއްޓެވުނީ ކުއްލިއަކަށެވެ.

"މަލް، ކިހިނެއްތަ؟" ޒިޔާން އެހިއެވެ.

އަހަރެން ޖަވާބެއް ނުދެމެވެ. ކުރިއަށް ހިނގައިގަންނައިރަށް ޒިޔާން ފަހަތުން އަޅުވާލައިފިއެެވެ. އިރުއިރުކޮޅުން ފަހަތް ބަލައިލެވެއެވެ. ޒިޔާން އަހަރެން ކައިރީގައި ހުއްޓާ ދެވަނަ ފަހަރަށް ވިއާނަށް ފެންނަން އަހަރެން ބޭނުމެއްނުވެއެވެ.

"މިދެން ކިހާ ދެރަކަމެއް. ޒިޔާން ކީއްވެގެންތަ ތިހެން ތިއުޅެނީ؟" އަހަރެން ބުނީމެވެ.

"މަލް ކީއްވެ އަހަރެން ދެކެ ތިހާ ރުޅި ތިއަންނަނީ. އަހަރެންނަށް ކުރެވުނު ކަންތަކަށް މަޢާފަށްއެދުނީމެއްނު" ޒިޔާން ބުނެލިއެވެ.

"އަހަރެން މަޢާފްކޮށްފިން. ޕްލީޒް. ތިގޮތަށް އަހަރެންނަށް އުނދަގު ނުކޮށްބަލަ" އަހަރެން ބުނީމެވެ.

"އަހަރެން މަލް އާ ބައްދަލުކޮށްލަން ބޭނުން" ޒިޔާން ބުނެލިއެވެ.

"އަހަރެން ބޭނުމެއްނޫން" އަހަރެން ބުނެލީމެވެ. އަހަރެން ގެއާ ދިމާލަށް ދުއްވައިގަތްތަނާ ޕާކިން ޒޯނުގައި ހުރި ވިއާންގެ ސައިކަލް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން ވިއާން ގޭގައި އުޅޭކަން އަހަރެންނަށް އިނގިއްޖެއެވެ. ޒިޔާން ކައިރިއަށް އަންނަކަން އިނގުމުން ދުވެލާފައި ގޮސް ގެއަށް ވަނީމެވެ. ޒިޔާނަށް އިތުރަށް ވާހަކަދައްކަން ފުރުސަތު ދޭކަށް އަހަރެން ބޭނުމެއްނޫނެވެ.

ގޭ ދޮރު ހުޅުވާލިއިރު ސިޓިންރޫމުން އެއްވެސް މީހަކު ފެންނަން ނެތެވެ. ސިއްރު ފިޔަވަޅު އަޅަމުން ގޮސް ކޮޓަރީ ދޮރުމަތީގައި ހުއްޓުނު ވަގުތު މާމަ ކޮޓަރި ދޮރު ހުޅުވައިލި އަޑު އިވިއްޖެއެވެ. މާމަ ބަލަން ހުރިތަން ފެނުމުން ވާހަކަނުދައްކާ ކޮޓަރިއަށް ވަންނަން ނުކެރުނެވެ.

"ދެން އާދޭ ސައިބޯން" މާމަ ބުނެލިއެވެ.

"ރީޝަމް އާއެކު ސައިބޮއެގެން މިއައީ މާމާ. ވަރަށް ބޮލުގައިވެސް ރިއްސާތީ މިއުޅެނީ. ކުޑައިރުކޮޅަކު ނިދާލާން ބޭނުމީ" އަހަރެން ބުނީމެވެ. މާމަ އައިސް އަހަރެން ކައިރީގައި ހުއްޓިއްޖެއެވެ. ދެން އަތުގައި ހިފާފައި އަހަރެން މޫނަށް ނަޒަރު ހުއްޓާލައިފިއެވެ.

"ހުރިހާކަމެއް ރަނގަޅުތަ؟ ތެދަށް ބުނައްޗެ. ވިއާނާ ދެކުދިން ކަމަކާ ދެބަސްވީތަ؟" މާމަ އެހިއެވެ. އަހަރެން އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލީމެވެ.

"ހައްލު ނުކުރެވޭ ވަރުގެ ކަމެއް ވިއްޔާ މާމަ ކައިރީގައި ބުނައްޗެ. ވިއާންވެސް މިއަދު އޮފީހަށް ނުނިކުމޭ" މާމަ ބުނެލިއެވެ.

"ވިއާނަށް ކިހިނެއްވީ؟ ބަލީތަ؟" އަހަރެން އެހީމެވެ.

"ބޮލެއްގަ ރިއްސަނީޔޯ. މިއަދު ރަނގަޅަށް އެއްޗެއް ނުވެސް ކައި. އެހެންވެގެނޭ މާމަ މިއެހީ މައްސަލައެއް ޖެހުނީތޯ. ދެކުދިންގެ ބޮލުގައި އެއްފަހަރާ ރިއްސާނީ ކޮންމެސް ކަމެއްވެގެނެއްނު" މާމަ އެހިއެވެ. އަހަރެން ކަންބޮޑުވާކަން މާމައަށް އަންގަން ބޭނުމެއް ނުވިއެވެ. މޫނުމައްޗަށް މާބޮޑު ބަދަލެއް ނުގެނެއް އަހަރެން ދެއަތުން މާމަގެ ދެކޮނޑުގައި ހިފައިލީމެވެ.

"އަޅުގަނޑުގެ ބޮލުގަ ރިއްސަނީ ރޭގަ އެހާ ލަހުން ނިދިފަ މިއަދު އެހާ އަވަހަށް ހޭލައިގެން ދިޔައިމަ. ވިއާން ބޮލުގައި ރިއްސަނީ ކީއްވެކަމެއް ނެނގޭ. އޭނަވެސް ނިދާލަން ބާއްވާ. މާމަ ކަންބޮޑުނުވޭ. އެއްވެސް ކަމެއް ގޯހެއްނުވޭ އިރާދަކުރެއްވިއްޔާ" އަހަރެން ބުނީމެވެ.

ރޭގަނޑު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. އަހަރެން ކާން ނިކުތީ މާމަ އެއްޗެއް ހީކޮށްފާނެތީއެވެ. މާމަ ވިއާންގެ ކޮޓަރިއަށް ކާއެއްޗެހި ހިފައިގެން ދިޔައެވެ. ވިއާން އަދިވެސް ރަނގަޅު ނުވާކަމަށް ބުނެލިއެވެ. މުޅި ދުވަހު ވިއާނަށް ނުފެނި އުޅެން އަހަރެންނަށް ވީ ބޮޑު ވޭނަކަށެވެ. އެސޫރަ ދެކިލާހިތުން އަހަރެންނަށް ކެތްވާވަރެއް ނޫނެވެ. ކިތަންމެ ފަހަރަކު ފޯނަށްވެސް ބެލިއްޖެއެވެ. ދެ ނޭވާ ދޭތެރެއިން ފޯނުގައި ވިއާންގެ ނަންބަރު ޖަހާލެވެއެވެ. އަޑުއަހާލާހިތުންވެސް ދެކަންފަތް ކޮޅަށް ޖެހިއްޖެއެވެ.

އަހަރެން ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅީ ބާރަޖަހައި ބޮޑުވި ފަހުންނެވެ. ސިއްރުން ހިނގާފައި ގޮސް ހުއްޓުނީ ވިއާންގެ ކޮޓަރި ކައިރީގައެވެ. ދޮރު ދަށުން ލައިޓްގެ ހުދު އަލި ފެންނަން ހުރުމުން އަހަރެންނަށް ވިއާން ހޭލާ އުޅޭކަން އިނގުނެވެ. ތަޅުގައި އަތްޖައްސާލާފައިވެސް އަތް ދުރުކޮށް ލެވިއްޖެއެވެ. ވިއާން އޭނާގެ ކުރިމައްޗަށް ނާންނަން ބުނެފައި ވާތީ އެބަސްތައް އަހަރެންގެ ނަފްސު ހުއްޓުވަމުން ދިޔައެވެ. ވިއާނަށް އަނެއްކާ އަހަރެން ފެނިއްޖިއްޔާ ރުލިއައިސްދާނެއެވެ. އަލުން އަނބުރާ ކޮޓަރި އާ ދިމާލަށް ހިނގައިގަތްއިރު އަހަރެން މުޅިން މާޔޫސް ވެއްޖެއެވެ.

ވިއާނަށް ނުފެނި އަހަރެންނަށް އެއްގެއެއްގެ ތެރޭގައި ދެދުވަސް ހޭދަކުރެވުނުއިރު ހީވީ ދެގަރުނު ފާއިތުވެގެން ދިޔަ ހެންނެވެ. މާމަ ކިތަންމެ ފަހަރަކު ސުވާލުކޮށްފިއެވެ. އެންމެފަހުން އަހަރެންނަށް މަޖުބޫރުވީ މާމައަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭށެވެ. މާމަ އަހަރެން ކުރާ ކޮންމެ ކަމެއްގައި އެއްބައިވާނަމޭ ބުނީ ވިއާނަށްޓަކައެވެ. މާޒީގެ ހިތްދަތި ދުވަސްތަކުން ވިއާން ބޭރަށް ނިކުމެ އުފާވެރި ދިރިއުޅުމެއްގެ ދޮރުގައި ވިއާން ޓަކިދޭ މަންޒަރު ބަލާހިތުން މާމަ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ވިއާނަށް އެ އުފާވެރިކަން ހޯދައިދެވޭނީ އަހަރެންނަށޭ މާމަ ބުނިއިރު ދެލޮލުން އުފާވެރިކަމުގެ ކަރުނަ ވިދަ ވިދާ ހުއްޓެވެ.

ނިދީގައި އޮވެފައި ފުރޮޅިލިތަނާ އެނދު ކައިރިން ހިޔަންޏެއް ފެނުނުހެން ހީވިއެވެ. މޭގަނޑު ހީވި އަނގައަށް އައި ހެންނެވެ. ފުންމައިގެން ތެދުވި ގޮތަށް ކުއިލްޓް ގެނެސް މުޅި ހަށިގަނޑުގައި އޮޅާލެވިއްޖެއެވެ. ކޮޓަރިއަށް ވެރިވެފައިވާ ރަތްކުލައިގެ ފަނޑު އަލިކަމުގެ ތެރެއިން އެއީ ކާކު ކަމެއް ނޭނގުނެވެ. ހިތް ތެޅެމުން ދިޔައީ އަމިއްލަ ނަފްސަށް އިހުސާސްވާހާ ބާރަށެވެ. އޭސީގެ ފިނިކަން މުޅި ކޮޓަރި ތެރެއަށް ފެތުރިފައި އޮތްއިރުވެސް މުޅި މީހާ ދަލުން ފޯވެއްޖެއެވެ.

(ނުނިމޭ)