ކަންގަނާ އަދި ތާޕްސީއަކީ ދޭތެރެ ދޭތެރެއިން އެކަކު އަނެކަކާ ދެމެދު ބަހުގެ ހަމަލާތައް އަމާޒުކޮށް ރުޅިވެރިކަން އުފެދިފައި އޮންނަ ދެ ތަރިންނެވެ. ނަމަވެސް މި ދެތަރިންގެ ދެމެދު އޮންނަ ރުޅިވެރިކަމަށް ނިމުމެއް އައީތޯ ފޭނުން އަންނަނީ ސުވާލުކުރަމުންނެވެ.

66 ވަނަ ފިލްމު ފެއާ އިން ތާޕްސީ ޕަންނޫގެ ފިލްމު ''ތައްޕަޅް'' އަށް ލިބުނު އެންމެ މޮޅު އެކްޓްރެސްގެ އެވޯޑާއި ހަވާލުވަމުން އޭނާ މިވަނީ ކަންގަނާއަށް ޝުކުރު އަދާކޮށްފައެވެ. ތާޕްސީގެ ވާހަކަކޮޅުގައި ކަންގަނާ އަށް ޝުކުރު އަދާކުރާ ކަމަށާއި ކަންގަނާގެ އެކްޓިންގެ ހުނަރު ކޮންމެ އަހަރަކުވެސް އާ ހަރުފަތަކަށް ގެންދާ ކަމަށް ބުނެފައިވެއެވެ. ތާޕްސީގެ ވާހަކައިގައި އޭނާ ވަނީ ދީޕިކާ، ވިދްޔާ ބާލަން އަދި ޖާންވީ ކަޕޫރަށްވެސް ޝުކުރު އަދާކޮށްފައެވެ.

ކަންގަނާއަށް ޓެގުކޮށް ތާޕްސީގެ ވާހަކައިގައި އޭނާއަށް ޝުކުރު އަދާކުރާ ވީޑިއޯކޮޅެއް ފޭނަކު ޓުވިޓާގައި ޕޯސްޓުކުރުމުން، ކަންގަނާ ވެސް ވަނީ ތާޕްސީއަށް ޝުކުރު އަދާކޮށްފައެވެ.

ކަންގަނާ ޝުކުރު އަދާކުރަމުން ބުނެފައިވަނީ އެ އެވޯޑު ތާޕްސީއަށް ހައްގު ކަމަށާއި ތާޕްސީ ނޫން މީހަކަށް އެ އެވޯޑު ހައްގު ނޫން ކަމަށެވެ.

ނަމަވެސް ކަންގަނާ މިހެން ބުނެފައިވަނީ މަލާމާތެއް ގޮތުގައިކަމަށް އެއް ބަޔަކު ސިފަކުރާއިރު އަނެއް ބަޔަކު ބުނަނީ ކަންގަނާ ބުނި އެއްޗެއްގެ މާނަ އޮޅުވާލައި މައްސަލަ ބޮޑުކޮށްލަން ބަޔަކު އުޅެނީ ކަމަށެވެ.

ތާޕްސީގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ލޫޕް ލަޕޭޓާ، ދިލްރުބާ އަދި ރަޝްމީ ޕޮކެޓް ހިމެނެއެވެ. މިހާރު އޭނާ މަސައްކަތްކުރަމުން އަންނަނީ ޝަބާޝް މިއްތޫގެ ފިލްމު އިންޑިއާގެ އަންހެން ކްރިކެޓް ޓީމުގެ ކެޕްޓަން މިއްތަލީ ދޮރައި ރާޖްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމުގައެވެ.