މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ސަރުކާރުގެ ހިންގާ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަނަސް އަބްދުލް ސައްތާރަށް ލިބިވަޑައިގެން ނާކާމިޔާބީ ގަބޫލުކުރައްވައި، އެމްޑީޕީގެ ސިޔާސަތުތައް ބަދަލުކުރަން އޭނާ ގޮވާލައްވައިފިއެވެ.
މިހާތަނަށް އިއުލާނު ކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު މާލެ ސިޓީގެ މޭޔަރު ރޭހުގައި ކުރީގައި އުޅުއްވަނީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ މޭޔަރު ކެނޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. ޑރ. މުއިއްޒުއަށް ވަނީ 9500 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. އަނަސް އަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ 5623 ވޯޓެވެ. ބައެއް ފޮށިތަކުގެ ނަތީޖާ އަދި ލިބިފައި ނުވި ނަމަވެސް ދެން ހުރި ފޮށިތަކުން ވެސް ޖުމުލަ ނަތީޖާއަށް ބަދަލެއް އަތުވެދޭނެ ކަމަކަށް ނުބެލެވެއެވެ.
އަނަސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުން ބަސް އިއްވައިފި ކަމަށާއި އިންތިހާބުގެ ނަތީޖާ އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި މާލެ ސިޓީގެ މޭޔަރު ގޮނޑި ކާމިޔާބު ކުރެއްވި މުއިއްޒަށް އޭނާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.
އަނަސް ވިދާޅުވީ، މިރޭގެ ނަތީޖާއަށް ބަލައި، މާލޭގެ ރައްޔިތުންގެ އިތުބާރު އަލުން އެމްޑީޕީއަށް ހޯދޭނެ ގޮތަކަށް ޕާޓީގެ ސިޔާސަތުތައް ބަދަލުކުރަންޖެހޭ ކަމަށެވެ.
މާލެ ސިޓީގެ މޭޔަރު ގޮނޑި އެމްޑީޕީއަށް ގެއްލުނު ނަމަވެސް، އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީން މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. އެއީ އައްޑޫ ސީޓީ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރާއި ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިސްމާއިލް ރަފީގުގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް ވާދަ ކުރާ މުހައްމަދު އާތިފެވެ. އާތިފަކީ ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ މޭޔަރަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު