ޖާންވީ ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ. ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓުގައި ޖާންވީ ޗުއްޓީ ހޭދަކުރާ ފޮޓޯތައް އޭނާގެ އިންސްޓަގްރާމުގައި މިއަދު ވަނީ ދައްކާލައިފައެވެ.

ރަށްޓެހިންނާއެކު މިރިސޯޓުގެ ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތަކާއި ސްވިމިން ޕޫލުގައި ނަގާފައިވާ ޖާންވީގެ ނަލަ ފޮޓޯތަކުގައި ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަން ހުއްޓެވެ.

މިފޮޓޯތައް ލުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ. މިދިޔަ އާދިއްތަ ދުވަހު ޖާންވީ އޭނާގެ ކޮއްކޮ ހުޝީއާ އެކު ނިއުޔޯކުގެ ރެސްޓޯރެންޓެއްގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ އިންސްޓަގްރާމުގައި ހިމަނާފައެވެ.

ޖާންވީ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ރާޖްކުމާރު ރާއޯ އާއެކު ކުޅުނު ފިލްމު ރޫހީ އިންނެވެ. ބިރުވެރި މަޖާ ފިލްމު ރޫހީ އަކީ ކޮވިޑުގެ ސަބަބުން އެގައުމުގެ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިން ފަހުން ސިނަމާގައި އެޅުވި ފުރަތަމަ ފިލްމެވެ.

ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ދޯސްތާނާ 2، ގުޑްލަކް ޖެރީ އަދި ކަރަން ޖޯހަރުގެ ފިލްމު ތަހްތު ހިމެނެއެވެ.