ވަން މީޑިއާ ގުރޫޕުގެ ޑިޖިޓަލް ޓީވީ، "ވަން ޕްލަސް" އިން އަންނަ ރޯދަ މަހު ކުރިޔަށް ގެންދަން ނިންމާފައިވާ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވަން އޮންލައިން ގެ ޑެޕިއުޓީ އެޑިޓަރު، އަދި މަދަހަ މުބާރާތުގެ ޕްރޮޑިއުސަރު، އިބްރާހީމް ޒަކީ ވިދާޅުވީ، މި މަދަހަ މުބާރާތަކީ، ބަރަކާތްތެރި ރަމަލާން މަހުގެ މުނާސަބަތުގައި، ދީނީ ޝުއޫރު ފާޅުކޮށް، މަދަހަ ކިޔުމުގެ ޝައުގުވެރިކަން ކުދިންގެ ހިތްތަކުގައި އިތުރުކޮށް ދީނީ ލޯބި ޖެއްސުމުގެ މަގުސަދުގައި ގެނެސްދޭ މުބާރާތެއް ކަމަށެވެ.

މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިން އުމުރު ފުރަޔަކަށެވެ. އެއީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާ އާއި، 11 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރައިގެ އިތުރުން 15 އަހަރާ 17 އަހަރާ ދެމެދުގެ އުމުރުފުރާއެވެ. މިއިން ކޮންމެ އުމުރު ފުރަޔަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވައި ޓްރޮފީ އާއި ހަނދާނީ ލިޔުން ދިނުމަށް ވަނީ ނިންމައިފައެވެ. މީގެ އިތުރުން މި މުބާރާތުގައި ހުރިހާ ބައިވެރީންނަށް ވެސް މުބާރާތުގައި ބައިވެރިވިކަމުގެ ހަނދާނީ ލިޔުން ދިނުމަށް ނިންމާފައިވާ ކަމަށް ޒަކީ ވިދާޅުވި އެވެ.

މި މުބާރާތަށް މަދަހަ ފޮނުވަން ޖެހޭނީ، އޮންލައިންކޮށް އަމިއްލަ އަށް ރެކޯޑުކޮށްގެންނެވެ. ކޮންމެ މަދަހައެއްގެ ވީޑިއޯގެ ދިގުމިން ހުންނަންވާނީ ތިން މިނެޓާއި ފަސް މިނެޓާ ދެމެދުގައެވެ. މިއަށްވުރެ ދިގުވެއްޖެ ނަމަ އެ މަދަހައެއް ބަލައެއް ނުގަނެވޭނެއެވެ.

މަދަހަ ރެކޯޑުކޮށް ފޮނުވަން ޖެހޭނީ ލޭންސްކޭޕްކޮށް، ކުއްޖާގެ އުނަގަނޑުން ފެށިގެން މަތި ފެންނަ ގޮތަށެވެ. ރެކޯޑިންގައި އެއްވެސް އިފެކްޓެއް ހުރެގެން ނުވާނެއެވެ. އަދި މަދަހަ ކިޔާއިރު ނަގާ ވީޑިއޯގެ ބެކް ހުންނަން ޖެހޭނީ ޕްލެއިންކޮށެވެ.

މި މުބާރާތަށް ފޮނުވާ މަދަހަ އަކީ އެހެން އެއްވެސް މުބާރާތަކަށް ނުވަތަ ޓީވީ ރޭޑިއޯއަކަށް ފޮނުވާފައިވާ މަދަހައަކަށް ވެގެން ނުވާނެއެވެ. މުޅިން އަލަށް ހަދާފައިވާ މަދަހައެއް ނަމަ އެ މަދަހަ ހެދި މީހާ ނުވަތަ އެ މަދަހައިގެން ކޮޕީރައިޓްސް އޮތް މީހާގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް ވަން އޮންލައިންއަށް ހުށަހަޅަން ޖެހޭނެއެވެ.

ރެކޯޑުކޮށް ފޮނުވާ މަދަހައިގެ ވީޑިއޯގައި އެއްވެސް މިޔުޒިކެއް ހުރެގެން ނުވާނެއެވެ. ފޮނުވާ މަދަހައިގެ ރެކޯޑިން ވާން ޖެހޭނީ އަޑު ސާފު ރެކޯޑިންއަކަށެވެ. ބަލައިގަނެވޭނީ ލޭންޑްސްކޭޕް ވީޑިއޯތަކެވެ. އަދި ވީޑިއޯގެ ކޮލިޓީ އެންމެ ކުޑަވެގެން "480 ޕީ"ގައި ހުންނަން ވާނެއެވެ. މަދަހަ ރެކޯޑުކޮށް ވީޑިއޯ ފޮނުވަން ޖެހޭނީ ޓެލެގްރާމް މެދުވެރިކޮށް ވަން އޮންލައިންގެ ހޮޓަލައިން ނަމްބަރު 7943663 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރު 3:00 ގެ ކުރީން މަދަހަތައް ފޮނުވަން ވާނެ އެވެ.

މި މުބާރާތަށް މަދަހަ ފޮނުވާއިރު މަދަހައާއެކު، މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ފޯމު ވެސް ފުރިހަމަކުރުމަށްފަހު ފޮނުވަން ވާނެ އެވެ. މި ފޯމު 12 އޭޕްރީލް ވަނަ ދުވަހުގެ ހެނދުނު 10:00 ފެށިގެން ވަން މީޑިއާ ގުރޫޕުން ލިބެން ހުންނާނެ އެވެ. ވަން ގެ ހޮޓްލައިނަށް ގުޅުމުން ވެސް މި ފޯމު ލިބޭނެ ގޮތް ހަމަޖައްސައިދެވޭނެ އެވެ.

މި މުބާރާތް ކުރިއަށްދާނީ ދެ ބުރަކަށެވެ. މި މުބާރާތުގައި މަދަހަތައް ޖަޖު ކުރާނީ ވަން ޕްލަސް އިން ހުރިހާ މަދަހެއް ދެއްކުމަށްފަހުގައެވެ.

ފުރަތަމަ ބުރުގައި ހުރިހާ މަދަހައަކަށް ފަނޑިޔާރުންގެ ޕެނަލަކުން މާކްސް ދޭނެއެވެ. އޭގެ އިތުރުން "ވަން އޮންލައިން"ގެ ފޭސްބުކް ޕޭޖުގައި ހުރިހާ މަދަހައެއް ޕްލޭ ކުރެވޭނެ އެވެ. އަދި ޖަޖުންގެ 50 ޕަސަންޓް މާކްސް އާއި އާންމުންގެ ވޯޓުގެ 50 ޕަސެންޓާއެކު އެންމެ ރަނގަޅު ދިހަ މަދަހަ ހޮވިގެންދާނެއެވެ. އާންމުންގެ 50 ޕަސެންޓް ވޯޓު ނެގުމުގައި ބަލާނީ އެ ވީޑިއޯއަކަށް ޝެއާ ލިބޭ ނިސްބަތެވެ. އެ ގޮތުން ކޮންމެ ޕްރައިމަރީ އެކައުންޓަކުން ވެސް ގުނާނީ އެއް ޝެއާ އެވެ. ފޭކް އެކައުންޓެއް، ނުވަތަ އެފަދަ އެހެންވެސް ގޮތަކުން ހަގީގަތާ ހިލާފަށް އޮޅުވާލަން މަސައްކަތް ކޮށްފައި ހުރި ކަމަށް ޝައްކު ވެގެން ވަން އިން އޭގެ ތަފްސީލު ބޭނުންވެއްޖެ ނަމަ، އެއީ އަސްލު އެކައުންޓެއްކަން ސާބިތުކޮށްދޭން ޖެހޭނެ އެވެ. އެފަދަ ފޭކް ނުވަތަ ހަގީގަތާ ހިލާފު ވޯޓު ބޭނުންކޮށްފައި ހުރިކަން އެނގިއްޖެ ނަމަ އެ މަދަހައެއް އެއްކޮށް ޑިސްކޮލިފައި ކުރެވޭނެ އެވެ.

ދެވަނަ ބުރުގައި، އެންމެ ރަނގަޅު ދިހަ މަދަހައަށް "ވަން އޮންލައިން"ގެ ފޭސްބުކް ޕޭޖުން ވަކިން ވޯޓަށް ހުޅުވައިލެވޭނެއެވެ. ދެވަނަ ބުރުގައި ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނީ ޖަޖުންގެ 50 ޕަސަންޓް މާކްސް އާއި އާންމުންގެ ވޯޓުގެ 50 ޕަސަންޓާއެކުއެވެ. މި ބުރުގައި އާންމުންގެ ވޯޓު ނަގާނީ އެސްއެމްއެސް މެދުވެރިކޮށެވެ. މި ކަމާ ގުޅޭ ތާރީހުތައް ދެވަނަ ބުރާއި ހަމަޔަށް ދިއުމުން ހިއްސާ ކުރެވޭނެ އެވެ. މުބާރާތަށް ލިބޭ މަދަހަތަކުގެ ތެރެއިން ޝަރުތު ހަމަވާ މަދަހަތައް ވަން ޕްލަސް އިން ދައްކަން ފަށާނީ 20 އޭޕްރީލް ވަނަ ދުވަހުން ފެށިގެންނެވެ.