ވަން މީޑިއާ ގުރޫޕުގެ ޑިޖިޓަލް ޓީވީ، "ވަން ޕްލަސް" އިން ރޯދަމަހާ ދިމާކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ވަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު އަދި މަދަހަ މުބާރާތުގެ ޕްރޮޑިއުސަރު އިބްރާހީމް ޒަކީ ވިދާޅުވީ، މި މަދަހަ މުބާރާތަކީ ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި ދީނީ ޝުއޫރު ފާޅުކޮށް، މަދަހަ ކިޔުމުގެ ޝައުގުވެރިކަން ކުދިންގެ ހިތްތަކުގައި އިތުރުކޮށް ދީނީ ލޯބި ޖެއްސުމުގެ މަގުސަދުގައި ގެނެސްދޭ މުބާރާތެއް ކަމަށެވެ.

މި މުބާރާތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ތިން އުމުރު ފުރަޔަކަށެވެ. އެއީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާ، 11 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރައިގެ އިތުރުން 15 އަހަރާ 17 އަހަރާ ދެމެދުގެ އުމުރުފުރާއެވެ. މިއިން ކޮންމެ އުމުރު ފުރަޔަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވައި ޓްރޮފީއާއި ހަނދާނީ ލިޔުން ދިނުމަށް ވަނީ ނިންމައިފައެވެ. މީގެ އިތުރުން މި މުބާރާތުގައި ހުރިހާ ބައިވެރީންނަށްވެސް މުބާރާތުގައި ބައިވެރިވިކަމުގެ ހަނދާނީ ލިޔުން ދިނުމަށް ނިންމާފައިވާ ކަމަށް ޒަކީ ވިދާޅުވިއެވެ.

އެ ކުއްޖެއްގެ އުމުރު ބަލާނީ މި މަހުގެ 23ގެ ނިޔަލަށް އެ ކުއްޖަކަށް ފުރިފައިވާ އުމުރަށެވެ. މި މުބާރާތަށް އޮންލައިންކޮށް އަމިއްލައަށް ރެކޯޑުކޮށްގެންވެސް މަދަހަ ފޮނުވޭނެއެވެ. އަދި ވަންގެ ސްޓޫޑިއޯއަށް އައިސް މަދަހަ ކިޔާތަން ރެކޯޑްކުރަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ލިބިގެންދާނެއެވެ. ކޮންމެ މަދަހައެއްގެ ވީޑިއޯގެ ދިގުމިން ހުންނަންވާނީ ތިން މިނެޓާއި ފަސް މިނެޓާ ދެމެދުގައެވެ. މިއަށްވުރެ ދިގުވެއްޖެ ނަމަ އެ މަދަހައެއް ބަލައެއް ނުގަނެވޭނެއެވެ.

މަދަހަ ރެކޯޑުކޮށް ފޮނުވަން ޖެހޭނީ ލޭންޑްސްކޭޕްކޮށް، ކުއްޖާގެ އުނަގަނޑުން ފެށިގެން މަތި ފެންނަ ގޮތަށެވެ. ރެކޯޑިންގައި އެއްވެސް އިފެކްޓެއް ހުރެގެން ނުވާނެއެވެ. އަދި މަދަހަ ކިޔާއިރު ނަގާ ވީޑިއޯގެ ބެކް ހުންނަން ޖެހޭނީ ޕްލެއިންކޮށެވެ.

މި މުބާރާތަށް ފޮނުވާ މަދަހައަކީ އެހެން އެއްވެސް މުބާރާތަކަށް ނުވަތަ ޓީވީ ރޭޑިއޯއަކަށް ފޮނުވާފައިވާ މަދަހައަކަށް ވެގެން ނުވާނެއެވެ. މުޅިން އަލަށް ހަދާފައިވާ މަދަހައެއް ނަމަ އެ މަދަހަ ހެދި މީހާ ނުވަތަ އެ މަދަހައިގެން ކޮޕީރައިޓްސް އޮތް މީހާގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް ވަން އޮންލައިންއަށް ހުށަހަޅަން ޖެހޭނެއެވެ.

ރެކޯޑުކޮށް ފޮނުވާ މަދަހައިގެ ވީޑިއޯގައި އެއްވެސް މިޔުޒިކެއް ހުރެގެން ނުވާނެއެވެ. ފޮނުވާ މަދަހައިގެ ރެކޯޑިން ވާންޖެހޭނީ އަޑު ސާފު ރެކޯޑިންއަކަށެވެ. އަދި ވީޑިއޯގެ ކޮލިޓީ އެންމެ ކުޑަވެގެން "480 ޕީ"ގައި ހުންނަން ވާނެއެވެ.

މަދަހަ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯ ފޮނުވަން ޖެހޭނީ، މި މުބާރާތުގައި ބައިވެރިވާން ހަދާފައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ. މަދަހައާއެކު، މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ފޯމު ވެސް ފުރިހަމަކުރުމަށްފަހު ފޮނުވަންވާނެއެވެ.

https://docs.google.com/forms/d/e/1FAIpQLSccV-zOTyclH1bZjrMwpCjsocGljB-R6dF_P-E9-mBVYy0Ltg/viewform

https://accounts.google.com/v3/signin/identifier?dsh=S-687125012%3A1678787853654807&continue=https%3A%2F%2Fdocs.google.com%2Fforms%2Fd%2Fe%2F1FAIpQLSccV-zOTyclH1bZjrMwpCjsocGljB-R6dF_P-E9-mBVYy0Ltg%2Fviewform&followup=https%3A%2F%2Fdocs.google.com%2Fforms%2Fd%2Fe%2F1FAIpQLSccV-zOTyclH1bZjrMwpCjsocGljB-R6dF_P-E9-mBVYy0Ltg%2Fviewform&ifkv=AWnogHe85rvca_kh2B3NGxJQtmNrj5hUGVtkobelZ7qV5XSc0eZPVTugFSV1VwN4OIllV66a6xEUtw<mpl=forms&passive=1209600&service=wise&flowName=GlifWebSignIn&flowEntry=ServiceLogin

މީގެކުރިން މި މުބާރާތުގައި ބައިވެރިވުމުުގެ މުއްދަތު ހުޅުވާލާފައި އޮތީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ އިރުއޮއްސި 6:00ގެ ނިޔަލަށް އިތުރުކޮށްފައެވެ.

މި މުބާރާތް ކުރިއަށްދާނީ ދެ ބުރަކަށެވެ. މި މުބާރާތުގައި މަދަހަތައް ޖަޖުކުރާނީ ވަން ޕްލަސް އިން ހުރިހާ މަދަހައެއް ދެއްކުމަށްފަހުގައެވެ.

ފުރަތަމަ ބުރުގައި ހުރިހާ މަދަހައަކަށް ފަނޑިޔާރުންގެ ޕެނަލަކުން މާކްސް ދޭނެއެވެ. އޭގެ އިތުރުން "ވަން އޮންލައިން"ގެ ފޭސްބުކް ޕޭޖުގައި ހުރިހާ މަދަހައެއް ޕްލޭ ދައްކާނެއެވެ. އަދި ޖަޖުންގެ 50 ޕަސަންޓް މާކްސްއާއި އާންމުންގެ ވޯޓުގެ 50 ޕަސެންޓާއެކު އެންމެ ރަނގަޅު ދިހަ މަދަހަ ހޮވިގެންދާނެއެވެ. އާންމުންގެ 50 ޕަސެންޓް ވޯޓު ނެގުމުގައި ބަލާނީ އެ ވީޑިއޯއަކަށް ޝެއާ ލިބޭ ނިސްބަތެވެ.

އެގޮތުން ކޮންމެ ޕްރައިމަރީ އެކައުންޓަކުންވެސް ގުނާނީ އެއް ޝެއާއެވެ. ފޭކް އެކައުންޓެއް، ނުވަތަ އެފަދަ އެހެންވެސް ގޮތަކުން ހަގީގަތާ ހިލާފަށް އޮޅުވާލަން މަސައްކަތް ކޮށްފައި ހުރި ކަމަށް ޝައްކުވެގެން ވަން އިން އޭގެ ތަފުސީލު ބޭނުންވެއްޖެ ނަމަ، އެއީ އަސްލު އެކައުންޓެއްކަން ސާބިތުކޮށްދޭން ޖެހޭނެއެވެ.

ދެވަނަ ބުރުގައި އެންމެ ރަނގަޅު ދިހަ މަދަހައަށް "ވަން އޮންލައިން"ގެ ފޭސްބުކް ޕޭޖުން ވަކިން ވޯޓަށް ހުޅުވައިލެވޭނެއެވެ. ދެވަނަ ބުރުގައި އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނީ ޖަޖުންގެ 50 ޕަސަންޓް މާކްސްއާއި އާންމުންގެ ވޯޓުގެ 50 ޕަސަންޓާއެކުއެވެ. މި ބުރުގައިވެސް އާންމުންގެ 50 ޕަސެންޓް ވޯޓު ނެގުމުގައި ބަލާނީ އެ ވީޑިއޯއަކަށް ޝެއާ ލިބޭ ނިސްބަތެވެ. އެގޮތުން ކޮންމެ ޕްރައިމަރީ އެކައުންޓަކުންވެސް ގުނާނީ އެއް ޝެއާއެވެ. ފޭކް އެކައުންޓެއް ނުވަތަ އެފަދަ އެހެންވެސް ގޮތަކުން ހަގީގަތާ ހިލާފަށް އޮޅުވާލަން މަސައްކަތް ކޮށްފައި ހުރި ކަމަށް ޝައްކު ވެގެން ވަން އިން އޭގެ ތަފްސީލު ބޭނުންވެއްޖެ ނަމަ، އެއީ އަސްލު އެކައުންޓެއްކަން ސާބިތުކޮށްދޭން ޖެހޭނެއެވެ.

މުބާރާތުގެ ދެވަނަ ބުރަކީ މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ކަނޑައެޅިގެންދާނެ ބުރެކެވެ. އެ ވަނަތަކަށް ވަން މީޑިއާ ގްރޫޕުން ދޭ ހާއްސަ އިނާމާއި ޓްރޮފީގެ އިތުރުން ހަނދާނީ ލިޔުން ދެވޭނެއެވެ.

މުބާރާތަށް ލިބޭ މަދަހަތަކުގެ ތެރެއިން ޝަރުތު ހަމަވާ މަދަހަތައް ވަން ޕްލަސް އިން ދައްކަން ފަށާނީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.