ކޮވިޑް-19 ގެ ރެންޑަމް ސާމްޕަލް ނެގުމަށް ހަރަކާތްތެރިވާ ރެޕިޑް ރެސްޕޯންސް ޓީމް (އާރުއާރުޓީ) އިން، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސާމްޕަލް ނެގުމަށް އެދުމުން އައިޑެންޓިޓީ ކާޑު ނަންބަރު ހަނދުމަފުޅު ނެތް ކަމަށް ވިދާޅުވު ސާމްޕަލެއް ނުދެއްވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ ކެމްޕެއިން ނިންމަވައިލެއްވުމަށް ފަހު ދަރުބާރުގޭ ސަރަހައްދުން ހިންގަވާފައި ވަޑައިގަންނަވަމުން ރައީސް ނަޝީދު ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި އާރުއާރުޓީ ޓީމާ ބައްދަލު ކުރައްވައިފަ އެވެ.

އެ ޓީމުގެ ފަރާތުން ރައީސް ނަޝީދުގެ ސާމްޕަލް ނެގުމަށް އެދި އައިޑީކާޑު ނަންބަރު ވިދާޅުވެދެއްވުމަށް ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ، އައިޑީ ކާޑު ނަންބަރު ހަނދުމަފުޅު ނެތް ކަމަށެވެ. އެއާ އެކު ސާމަޕަލް ނަގާ ޓީމުގެ ފަރާތުން ރައީސް ނަޝީދުއާ މުއާމަލާތް ކުރެއްވި ބޭފުޅާ ވަނީ އައިޑީ ކާޑު ނަންބަރު ހަނދުމަފުޅު ނެތް ނަމަވެސް މައްސަލައެއް ނެތް ކަމަށާއި އެ ނަންބަރު ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެންނަމަވެސް އެކަމަށް ވަކި އެއްޗެއް ވިދާޅު ނުވެ ރައީސް ނަޝީދު ވަނީ ސާމްޕަލް ނުދެއްވައި އެ ސަރަހައްދުން ހިންގަވާފައި ވަޑައިގެންފަ އެވެ.

މި ކަން ހިނގާފައި ވަނީ ވަން ގެ ނޫސްވެރީން އެ ސަރަހައްދުގައި ތިއްބަ އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރައީސް ނަޝީދުގެ ސާމްޕަލް ވަނީ ނަގައިފަ އެވެ. ރައީސް ނަޝީދުގެ ސާމްޕަލް ނަގާފައިވަނީ މާލޭގައި ކޮމިއުނުޓީ ސްޕްރެޑް ފެށުމުގެ ކުރިންނެވެ. އެއީ މިދިޔަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެން ކޮވިޑް 19އަށް ޓެސްޓް ކުރަން އެއިރު ނިންމުމާ ގުޅިގެންނެވެ.

ނަމަވެސް އެއިރުވެސް ރައީސް ނަޝީދު އެކަމާ ދެކޮޅު ހައްދަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ވެއެވެ. އެއިރު ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، މާޗު މަހުގެ 14 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުން އައި ދިވެހިން ޓެސްޓުކުރަން އެޗްޕީއޭއިން ނިންމީ ކޮން ސައިންޓިފިކް ހަމަތަކެއްގެ މައްޗަށް ބިނާކޮށް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އޭގެ ފަހުން ރައީސް ނަޝީދުގެ ސާމްޕަލް ދެވަނަ ފަހަރަށް ނެގީ ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވުމަށްފަހު ހޯމް ކަރަންޓީނު ފުރިހަމަ ކުރެއްވުމަށް ފަހު އެވެ.

ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ އެކި ހިސާބުތަކުން ވަކީން ހާއްސަކޮށް ކޮމިއުނިޓީ ސްޕްރެޑް އެންމެ ބޮޑު މާލެއިން އެތައް ރެންޑަމް ސާމްޕަލްތަކެއް ނަގަ އެވެ. އެކަމަށް ޓަކައި މާލޭގެ އެކި ހިސާބުތަކުގައި އާރުއާރުޓީ ޓީމުތަކުން ހަރަކާތްތެރިވަމުން އަންނައިރު ރެންޑަމް ސާމްޕަލް ދިނުމަށް ވަރަށް ގިނަ ފަރާތްތަކުން ދެކޮޅު ހަދަމުންދާ ކަމަށް މީގެ ކުރިން ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ބަލީގެ އަލާމާތް ހުރެގެން ޓެސްޓްކޮށް ޕޮޒިޓިވް ވާ މީހުންނާއި ރެންޑަމްކޮށް މަގުމަތިން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް ހުރީ ކަންބޮޑުވާ މިންވަރެއްގައި ކަމަށް މިދިޔަ މަހުގެ ފަހުކޮޅު އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.