ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިފަދައިން ވިދާޅުވީ، މާފުށީ ޖަލުގައި ހުންނަވައި ދިވެހި ރައްޔިތުންނަށް މިއަދު ފޮނުއްވި ހާއްސަ މެސެޖެއްގައެވެ.
އެ މެސެޖުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލަށްލާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ފިކުރު ދެކެ ސަރުކާރުން ބިރުގަންނާތީއާއި އަމާން ދީފާނެކަމުގެ ފިނޑި ހިޔާލުގައި ކަމަށެވެ.
"ނަމަވެސް އަޅުގަނޑަކީ މިފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫން. އަޅުގަނޑުގެ އަމިއްލަ ހިތްހަމަޖެހުމާއި އުފަލަށްވުރެ އަޅުގަނޑު އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތު،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލަށް ލާފައިވަނީ މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. ނަމަވެސް ޖަލުން މިނިވަންވެ، އުފާވެރިކަމުގެ ދަންމަރު އަލުން ރޯކޮށް ނަފާވެރިކަން ގެނެސްދޭން އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް އާއި ޕީއެންސީގެ ފިކުރު ރާއްޖޭގައި އޮއްވައި ގައުމަށް ވާނެ އެއްޗެއް ވާން ދޫކޮށް ނުލައްވާނެ ކަަމަށެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ.
މަނީލޯންޑާކޮށްގެން ރައީސް ޔާމީން ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތްތައް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.
އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާ އިރު، ރައީސް ޔާމީން ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު