ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ގޮއިދޫގައި އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފިއެވެ.
މި ޕްރޮޖެކްޓުގެ ދަށުން ވަނީ ރަށުގެ ޕާކުތަކާއި ޕިކްނިކް ސަރަހައްދަށް ދިއުމަށް ބޭނުންކުރާ މައި މަގުގެ ދެ ކިލޯމީޓަރުގެ ސަރަހައްދެއްގައި 50 އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފައެވެ.
ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ކާމިޔާބުކުރި އިބްރާހިމް ނިޝާމް އަހުމަދު ވިދާޅުވީ، ބައްތިތައް ހަރުކުރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
"މީގެ ތެރޭގައި ދަނޑުވެރިންނާއި، ފަންވިޔާ ފަރާތްތަކާއި، ކަނަމަދު އެއްކޮށް އެކަމުގެ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ފަތިހާއި ރޭގަނޑު ކަސްރަތަށް މި މަގު ބޭނުންކުރާ ފަރާތްތަކަށާއި ޕާކުތަކާއި ޕިކްނިކް ދާ މީހުންވެސް ހިމެނޭ. މިހާ ފުރިހަމަކަމާއެކު މި ޕްރޮޖެކްޓް ނިންމާލުމަށް ބީއެމްއެލުން ވެދެއްވި މާލީ އެހީތެރިކަމަށާއި އަދި ރަށުގެ ޒުވާނުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދިވެސް މިފަދަ ރަށުގެ ތަރައްގީއަށް ފަހިވާނެ އިތުރު ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ވިސްނުން އަޅުގަނޑުމެން ޒުވާނުންގެ އެބަހުރި." އޭނާ ވިދާޅުވިއެވެ.
"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ބީއެމްއެލުން ވަނީ ހދ. ކުމުންދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށް، އަލަށް މީހުން އާބާދުވަމުން އަންނަ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކޮށްފައެވެ.