ޚަބަރު

ހެނބަދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ރިފާ ހަލީލު

ނ. ހެނބަދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ، ހެނބަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އީސާ އާއި ހެނބަދޫ ކައުންސިލްގެ ރައީސް އާދަމް ސަމީރު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. މި ރަސްމީޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ހެނބަދޫ އަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ހޮޅި ވަޅުލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައްވެސް މިހާރު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމާއި އާރްއޯ ފެސިލިޓީ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނޭ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން މި މަޝްރޫއުގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ. އަދި މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓާ ސެޓް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

ހެނބަދޫގެ ފެނުގެ މަޝްރޫއަކީ 41.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މުއްދަތަކީ 15 މަސް ދުވަހެވެ. މި މިމަޝްރޫއުގެ މަސައްކަތް ނިމުމުން ހެނބަދޫ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.