ހއ. ހޯރަފުށީ ފެރީ ޓާމިނަލް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަޝްރޫއުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށުމަށް މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިންނާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޓާމިނަލަކީ ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 (ހއ.، ހދ.، ށ.) އަށް ފޯރުކޮށްދޭ ފުރަތަމަ ސްޕީޑް ފެރީގެ ހިދުމަތެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 41 ޓާމިނަލެއް 41 ރަށެއްގައި ގާއިމުކުރެވޭނެއެވެ.
މި ނިޒާމު ފަރުމާކުރެވިފައިވަނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކަނޑުދަތުރުކުރުމުގައި މިހާރު ބޭނުންކުރަމުން އަންނަ ފެރީގެ ނިޒާމުގައި ހުރި މައްސަލަތައް ބަލައި، އެކަންކަމަށް ހައްލު ލިބޭނެ އައު ނިޒާމެއްގެ ގޮތުގައެވެ. މިގޮތުން މި އައު ނިޒާމަކީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން މިހާރު ހޭދަވާ ވަގުތު ތިންގުނަ އަވަސްކޮށްދޭނެ ނިޒާމެކެވެ. އަދި މި ނިޒާމުގައި ބޭނުންކުރާނެ ފެރީތަކަކީ ސީދާ މިކަމަށް ފަރުމާކޮށް އަލަށް ބަންނަ ފެރީތަކެވެ.
މި ފެރީތައް ބަނުމުގައި އިސްކަންދީފައިވަނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއް ކުރެވޭނޭ ގޮތަށެވެ. މިގޮތުން ފެރީގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާކުރެވިފައިވާނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމުތަކެއް މި ފެރީތަކުގައި ގާއިމުކުރެވޭނެއެވެ.
ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުމަކީ އެމްޓީސީސީގެ މަގުސަދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު