މާލޭގެ ރައްޔިތުން ބޯހިޔާވަހިކަމުން މަހުރޫމު ކޮށްފަ، ދެން މާފަށް އެދިވަޑައިގަންނަވާނެކަމެއް ނެތް ކަމަށް ވިދާޅުވެ، މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު، މާލޭ މޭޔަރު ކަމަށް އިދިކޮޅުން ނުކުންނަވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތަށްފަހު އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި ބައްދަލުވުމުގައި އަނަސް ވިދާޅުވީ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުންދިޔައީ ލާމަރުކަޒީ ނިމާޒަކީ އަބަދުވެސް އެ ޕާޓީން އެންމެ އިސްކަމެއްދޭ ނިޒާމު ކަމަށެވެ. ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ދެވޭނީ، އަދި ރައްޔިތުންގެ ހާލަތު އެންމެ ގާތުން ބެލޭނެ ނިޒާމަކީ ލާމަރުކަޒީ ނިޒާމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ކުރީ ސަރުކާރުގައި ފެނިގެން ދިޔައީ 100 އަށްވުރެ ގިނަ ކައުންސިލަރުން ސަސްޕެންޑުކޮށް، އެބޭފުޅުންގެ މުސާރަ އުނިކޮށް، ޖަލަށްލި މަންޒަރު ކަމަށާއި އެގޮތަށް އަމަލުކުރި ސަރުކާރެއްގެ އެންމެ އިސްކޮށް ހުންނެވި ފަރާތަކީ މުއިއްޒު ކަމަށްވެސް އަނަސް ވިދާޅުވިއެވެ.

"ފްލެޓުތައް، ގޯތިތަކުން މަހުރޫމު ކުރި ފަރާތްތައް މަތިން އެބޭފުޅުން (މާލެ ރައްޔިތުން) ހަނދާން ހުންނާނެ. އިންތިހާބު ކައިރިވެފައި ވަނިކޮށް ކޮންމެހެން މައާފަށް އެދިވަޑައިގަންނަވާނެ ކަމެއް ނެތް. ބޯހިޔާވަހިކަމުން މަހުރޫމު ކޮށްފަ، ދެން މާފަށް އެދިވަޑައިގަންނަވާނެ ކަމެއް ނެތް. އެކަން ގެއްލިއްޖެ، އެބޭފުޅުން އުމުރު ދުވަހު ކުރި މަސައްކަތުން އެބޭފުޅުން މަހުރޫމު ކުރައްވައިފި،" އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ އަނެއްކާވެސް ހަނގުރާމަ ކުރަން ޖެހިފައިވަނީ މި ނިޒާމު ގަބޫލު ނުކުރާ ފަރާތްތަކާ ކަމަށާއި މުއިއްޒަކީ މި ނިޒާމު މުގުރާލައި، އެކަންކަން ތަންފީޒު ކުރި ފަރާތް ކަމަށެވެ. އަދި އޭނާ އަކީ އެމްޑީޕީ އާއި މާލެއާ ދެކޮޅަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތް ކަމަށްވެސް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް ދަފްތަރުގައި ޖައްސައިގެން އެތައް ރައްޔިތުންނަކަށް ބަހާލީ މުއިއްޒު ކަމަށާއި ހައްގުވެރި އެތައް ފަރާތެއް މަހުރޫމުކޮށް، ހައްގު ނުވާ އެތައް ފަރާތަކަށް ފްލެޓުތައް ބައްސަވާލެއްވި ފަރާތަކީވެސް މުއިއްޒު ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާތްތިމާގެ މީހުން، ޕާޓީގެ އިސް ސަފުގައި ތިއްބަވާ ބޭފުޅުން ރައްޔިތުން މަޖިލީހުގެ މެމްބަރުން. މިހެން ގޮސް ސަރުކާރުގެ އިސް މަގާމުގައި ނެތް އެމަނިކުފާނުގެ ހެޔޮ ރަހުމަތްފުޅުން ފްލެޓެއް ނުލިބޭ ފަރާތެއް. މިފަދަ ބޭފުޅަކު މިހާ ބާރުވެރި މަގާމަކަށް ގެނައުމަކީ އެއްގޮތަކަށްވެސް ދޫކޮށްލެވޭނެ ކަމެއް ނޫން،" އަނަސް ވިދާޅުވިއެވެ.

އަނަސް އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިން އަނިޔާތައް އަދިވެސް އެ ރައްޔިތުން ހަނދާން އެބަހުރި ކަމަށެވެ. އަންނަ ހޮނިހިރު ދުވަހު މާލޭގެ ރައްޔިތުން އެމްޑީޕީއަށް ވޯޓު ދޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.