ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއަރުވަން ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ޕްރޮޖެކްޓެއް ކުރިއަށް ގެންދަން އެއްބަސްވެއްޖެއެވެ.
"ރީ އިމޭޖިނިން ޓޫރިޒަމް"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކީކޯ ފުޖީއެވެ.
ސަގާފަތާއި އާދަކާދަ އަދި އިންޓަގްރޭޓޭޑް ޓޫރިޒަމް ކުރިއެރުވުމަށް 18 މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ބޮޑު ބައެއް ކުރިއަށް ގެންދަން ނިންމާފައިވަނީ ލ. އަތޮޅުގައެވެ. ނަމަވެސް ލ. އަތޮޅުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެ ޕްރޮޖެކްޓު ކުރިއަށް ގެންދާނެއެވެ.
ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓާއެކު ފަތުރުވެރިކަމުގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ރަށްރަށުގެ ޓޫރިޒަމް ކުރިއެރުވުމުގައި އެ ރަށެއްގެ ކައުންސިލުގެ އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށިގެން ގޮސް، އަންނަ އަހަރު ބޮޑުބައި ނިންމާލެވޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ ޔޫއެންޑީޕީން 4.7 މިލިއަން ރުފިޔާ ދީގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށް ވިދާޅުވިއެވެ.
މި ޕްރޮޖެކްޓުގެ ދަށުން އަންހެނުންނާއި ޒުވާނުން ޓޫރިޒަމް ދާއިރާއަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން ތަމްރީން ދޭނެއެވެ. އަދި ދެމެހެއްޓެނިވިގޮތެއްގައި ހިންގަމުން އަންނަ ތަންތަނަށް "ބްލޫ ސީލް"ގެ ނަމުގައި ސެޓްފިކެޓެއް ވެސް ތައާރަފު ކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު