ކުޅިވަރު

"ތިމްޕޫއަށް މާ ބޮޑަށް އީގަލްސްއެއް ނޭނގެ، އެކަމަކު ސަމާލުވާނެ"

މުޙައްމަދު ޝަމްޢޫން

އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި މިއަދު ބޫޓާންގެ ތިމްޕޫ ސިޓީން މާލޭގައި ކްލަބު އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، އީގަލްސްއަކީ މާ ބޮޑު މައުލޫމާތުތަކެއް ލިބިފައި ނުވާ ޓީމެއް ކަމަށް ތިމްޕޫގެ ކޯޗު ނަވަން ދެންޑަޕް ބުނެފިއެވެ.

އިއްޔެގެ ޕްރި މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ދެންޑަޕް ބުނެފައި ވަނީ އީގަލްސްގެ މައުލޫމާތު ބަލާލާފައި ވަނީ ދާދި ފަހުން ނަމަވެސް، އީގަލްސްއަށް ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށެވެ.

"ވަރަށް ފަހުން އަހަރެމެން އީގަލްސްގެ ކަންތައްތައް ދިރާސާކޮށްލީ. އަހަންނަށް އެނގޭ މި ސީޒަނުގައި އެ މީހުން މާ ރަނގަޅު ޕާފޯމަންސެއް ނުދެއްކިގެން އުޅެނީ. އެކަމަކު އޭގެ މާނަ އަކީ އެ މީހުން އަހަރެމެންނާ ދެކޮޅަށް ވަރުގަދަނުވާނެއޭ އެއް ނޫން. މިއީ ފުޓްބޯޅަ ކޮންމެ ގޮތެއް ވެސް ވެދާނެ," ދެންޑަޕް ބުނެފައިވެއެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ތިމްޕޫއިން އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ކްލަބު ވެލެންސިއާ ދެކޮޅަށް މާލޭގެ އިތުރުން އެގައުމުގައިވެސް ކުޅެފައިވެއެވެ. އެފަހަރު ވެލެންސިއާއާ ދެކޮޅަށް ރާއްޖޭގައި ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ތިމްޕޫ ބަލިވެފައިވާއިރު، ދެންޑަޕް ބުނީ އޭރުގެ ހާލަތާއި މިހާރު ތިމްޕޫ އޮތް ގޮތް މުޅިން ތަފާތުވާނެ ކަމަށެވެ. އަދި މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އޭނާ ހަވާލުވި ފަހުން ތިމްޕޫ ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާނެ ކަމަށް ދެންޑަޕް ބުންޏެވެ.

"ތިމްޕޫ ސިޓީ ކުޅެފި މިތަނުގައި ވެލެންސިއާއާ ދެކޮޅަށް މާލޭގައި. އޭރު ޓީމު ތަފާތު. އެހެން ކޯޗެއް ހުރީ. އެެހެން ޕްލޭޔަރުން ތިބީ ވެސް. އޭރާ އަޅާކިޔާއިރު ހުރިހާ ކަމެއް މި އޮތީ ބަދަލުވެފައި. އަހަރެން މި ޓީމާ ހަވާލުވިތާ މިހާރު އެއް އަހަރަށް ވުރެން ގިނަ ދުވަސްވީ. ތަފާތު ކުޅުންތެރިންނާއި ތަފާތު ވިސްނުންތަކެއް މިހާރު މި ޓީމުގައި މި އޮތީ. ކުރިމަގަށް ތަފާތު ލަނޑުދަނޑިތަކެއް މި ހުރީ ވެސް," ދެންޑަޕް ބުންޏެވެ.

ތިމްޕޫން ވަނީ ރާއްޖޭގެ ފިނިހޫނުމިނާއި މޫސުމަށް ހޭނުމަށް ރާއްޖެ އައުމުގެ ކުރިން އިންޑިއާގައި ކޭމްޕްވެސް ކޮށްފައެވެ. މިއަދު ހަވީރު 4:00 ގައި މެޗު އޮންނައިރު، ތިމްޕޫން މަސައްކަތް ކޮށްފައި ވަނީވެސް އެގަޑީގެ ހޫނަށް ހޭނުމަށެވެ.

ރާއްޖޭގެ މާޒިޔާއިން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވެފައިވާއިރު، އެ ގްރޫޕް ފަހު ޖާގަ ޔަގީންވަނީ ޕްލިމިނަރީ ކޮލިފިކޭޝަންގެ އިތުރުން އަދި ޕްލޭ އޮފްވެސް ކާމިޔާބު ކުރާ ޓީމަކަށެވެ.