އަށާރަވަނަ ބައި
ތަނަށް ވެރިވި ހިމޭންކަމުގެ ތެރެއިން އަހަރެންނަށް ވިއާނަށް ބަލައިލެވިއްޖެއެވެ. ވިއާންގެ ނަޒަރު މާކުރިންވެސް އަހަރެންނަށް ހުއްޓިފައިވާ ކަމެއް އަހަރެންނަށް ނޭނގެއެވެ. އެނަޒަރުން އަހަރެންނަށްވެސް ސަލާމަތް ނުވެވުނެވެ. ވިއާން ބަލަން އިންހާ އިރަކު އަހަރެންނަށް އިނދެވުނީ ވިއާނަށް ބަލަހައްޓައިގެންނެވެ. ބައެއްފަހަރު އެއްޗެއް ބުނަން އުޅޭ ކަހަލަ ގޮތަކަށް ވިއާންގެ ދެތުންފަތް ތެޅިލާނެއެވެ. އެއިން ކޮންމެފަހަރަކު އަހަރެންގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެންދާ ކަހަލަ އިހުސާސެއް ކުރުވައެވެ.
"ބުނޭ ވިއާން. އަހަރެން އިންތިޒާރު އެބަކުރަން" އަހަރެންގެ ހިތުގައި ވިއެވެ. އިރުކޮޅަކުން އަހަރެންނާ ނަޒަރު ބަދަލުކޮށްލީ ވިއާނެވެ.
"ބައެއްފަހަރު އަހަރެންނަށް ހީވޭ ވިއާން އެއްޗެއް ބުނަން އުޅެޔޭ. މިއީ ރަނގަޅު ހީވުމެއްތަ؟" އަހަރެން ބުނެލީމެވެ.
"ހެހެހެ. ދެންމެ ބުނަން އުޅުނިން" ވިއާން ބުނެލިއެވެ.
"ދެން ނުބުނީ ކީއްވެ؟ ބުނެބަލަ" އަހަރެން ބުނީމެވެ. އެހިނދު އަހަރެންގެ ހިތް އަވަސްވެލިއެވެ.
"ބުނަން އުޅުނީ މާމައަށް ކޯޗެއްހޭ ގެންދާނީ" ވިއާން ބުނެލިއެވެ. ވަގުތުން އަހަރެންގެ ހިނިތުންވުން ފަނޑުވިއެވެ. ވިއާން އަހަރެން ކައިރީގައި ބުނަން އުޅުނު އެއްޗަކީ އެއެއް ނޫނޭ ހިތް ބުނެލިއެވެ.
ގެއަށް ވަންނަން ތަޅުގައި ހިފައިލީ އަހަރެންނެވެ. ވިއާން ހުރީ އަހަރެންނަށް ވުރެ ތަންކޮޅެއް ފަހަތުގައެވެ. އަހަރެންގެ އަތުގައި ހިފައި ބޭރަށް ދަމައިގަތީ ވިއާނެވެ. އަހަރެން ދިޔައީ ސިހިގެންނެވެ. ވިއާންގެ މޫނަށް ނަޒަރު ހިންގައިލެވުނެވެ. ވިއާން ހުރީ އެހެން ދިމާލެއް ބަލަހައްޓައިގެންނެވެ.
"އެއީ ޒިޔާން ތަ؟" ވިއާން ބުނެލިއެވެ. އަހަރެންނަށް ބަލައިލެވުނީ ވިއާން ބަލަހައްޓައިގެން ހުރި ދިމާލަށެވެ. އާއެނކެވެ. އެއީ ޒިޔާނެވެ. މާލެ އައި ފަހުން ޒިޔާން އަދި އެ ފެނުނީއެވެ.
"އާނ. އެއީ ޒިޔާން" އަހަރެން ބުނީމެވެ. ދެން އެތެރެއަށް ވަނީމެވެ. ލިފްޓުގައި ހުރެފައި ވިއާން އަހަރެންނަށް ގޮވައިލިއެވެ.
"ޒިޔާން މިގޭދޮށުން ނުފެންނަ ދުވަހެއް ނުދޭ. އަހަރެން ބޭރަށް ނިކުންނަ ކޮންމެފަހަރަކު އޭނަ އިނދޭ" ވިއާން ބުންޏެވެ.
"އެހެންވީމަ އޭނަ ވިއާން ހޯދަން އައިސް އެ އިންނަނީ" އަހަރެން ބުނީމެވެ. އެވަގުތު ވިއާން ހީލި އަޑު އިވުނެވެ.
އެރޭ ރީޝަމް ގުޅިއެވެ. އަހަރެންނާ ވިއާންގެ ގުޅުން ގޮސްފައި އޮތް ހިސާބެއް އޮޅުންފިލުވިއެވެ. އަހަރެން ރީޝަމަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އަދިވެސް ވިއާން ކަންކަމުގައި ފަސްޖެހޭ ވާހަކަ ބުނީމެވެ. ޒިޔާން ގޭ ދޮށުގައި އިންނަ ވާހަކަވެސް ކިޔައިދިނީމެވެ. ހުރިހާ ވާހަކަތަކެއް އަހާފައި ރީޝަމް އަހަރެންނަށް ހިޔާލެއް ދިނެވެ. ވިއާންގެ ސަމާލުކަން ލިބޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް ބުންޏެވެ. ވިއާންގެ އަނގައިން ހަގީގަތް ނެރެވޭނެ ގޮތަކީވެސް އެއީ ކަމަށް ބުންޏެވެ.
ފަހުން އަހަރެން ވަރަށް ވިސްނީމެވެ. ރީޝަމް ބުނި ފަދައިން ކަންތައް ކުރަން އަހަރެންގެ ހިތް ދެކޮޅު ހަދަމުން ދިޔައެވެ. ޒިޔާނާ އެއްވެސް ވަރަކަށް ވާހަކަދައްކަން އަހަރެން ބޭނުމެއް ނުވެއެވެ. ވިއާންގެ ހިތުގައި ހަސަދަވެރިކަން އުފައްދަން ޒިޔާން ނޫން މީހަކާވެސް އަހަރެންނަށް ވާހަކަދެއްކިދާނެއެވެ. އެކަމަކު ރީޝަމްގެ ވާހަކަތަކުން އަހަރެންނަށް ވަރަށް ބޮޑު ޔަގީންކަމެއް ލިބުނެވެ. ޒިޔާނާ އަހަރެން ގުޅުމެއް އޮތްކަން އިނގިއްޖެނަމަ ވިއާނަށް ކެތެއް ނުކުރެވޭނެއެވެ. އަހަރެންނަށްޓަކައި ވިއާންގެ ހިތުގައި ލޯތްބެއް އޮންނަމަ އެ އިހުސާސް އަހަރެން ޒިޔާންގެ ގާތަށް ދިޔަނުދީ ހިފަހައްޓާނެއެވެ. އަހަރެން ވިއާންގެ އަތުން ބީވިޔަ ނުދޭނެއެވެ. އެންމެފަހުން އަހަރެންނަށް ގޮތެއް ނިންމިއްޖެއެވެ. ރީޝާމް ބުނި ފަދައިން ކަންތައް ކުރާށެވެ. ނިދީގެ ވަރުބަލިކަން އަހަރެންގެ ދެލޮލުގައި އަށައިގަތްތާ މާގިނަ އިރެއްނުވެ ފުން ނިދީގެ ތެރެއަށް އަހަރެން ގެނބިއްޖެއެވެ.
ހޭލައިގެން ސިޓިންރޫމަށް ނިކުތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބަދިގެ ތެރެއިން މާމަގެ އެއްވެސް ހަބަރެއް ނުވިއެވެ. އެހެންނަމަވެސް މޭޒުމަތީގައި ސައި ހަދާފައި ހުއްޓެވެ. ސައިބޯން އިށީނުމުގެ ބަދަލުގައި އަހަރެން ބޭނުންވީ މާމަ ކޮބައިތޯ ބަލާށެވެ. ބެލްކަނީގައި ނެތެވެ. ވިއާންގެ ކޮޓަރީ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން މާމަ އެތަނުގައި ހުރިކަން އިނގުނެވެ. އެހެންވެ އަހަރެން އެދިމާލަށް ހިނގައިގަތީމެވެ. ދޮރާ އަރައި ހަމަވިތަނާ އަހަރެންނަށް ހުއްޓެން މަޖުބޫރުވީ ވިއާން ބުނެލި ޖުމްލައެވެ.
"މިދުނިޔޭގެ އެއްވެސް ތަނެއްގައި އަޅުގަނޑުގެ މަންމައެއް ނުހުންނާނެ" ވިއާން ބުނެލިއެވެ. އެތެރޭގައި ދައްކާ ވާހަކަ އިވޭ ހިސާބުގައި އަހަރެން މަޑުކޮށްލައިގެން ހުރީމެވެ.
"ތިހެން ނުބުނޭ ދަރިފުޅާ. މިދުނިޔެއަށް ވޭނާއެކު ދަރިފުޅު އުފަންކުރީ މާމައެއް ނޫން. މަންމަ އާ މެދު ތިހާ އަދަބުކުޑަކޮށް ވާހަކަނުދައްކާ" މާމަ ބުނެލިއެވެ.
"ޕްލީޒް މާމާ ދެން ތިވާހަކަ ނުދައްކަބަލަ. މިގޭތެރޭގަ މާމަ އާ މަލް އާއެކު އަޅުގަނޑު މިއުޅެނީ ވަރަށް އުފަލުން. ތިވާހަކަ ދައްކައިގެން އަޅުގަނޑުގެ އުފާވެރިކަން ފަނޑުކޮށްލަން ނޫޅެބަލަ" އަސަރާއެކު ވިއާން ބުނެލިއެވެ.
"އެންމެފަހަރަކު ނަމަވެސް އޭނަ އާ ބައްދަލުކޮށްލަބަލަ. މާމައަށްޓަކައި" މާމަ ބުނެލިއެވެ. ހީވާގޮތުން މާމަ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
"އެންމެ ރަނގަޅު" އެންމެފަހުން ވިއާން އެއްބަސް ވެއްޖެއެވެ. މާމަ ނިކުތުމުގެ ކުރިން އަހަރެން އަވަހަށް އެތަނުން ދުރަށް ޖެހުނީމެވެ.
ވިއާން އޮފީހުން އައިރު އަހަރެން ހުރީ ބެލްކަނީގައި މަޑުކޮށްލައިގެނެވެ. ގެއަށް ވިއާން ވަންކަން އިނގުނު ހިސާބުން އަހަރެން ޖީބުގައި އޮތް ފޯނު ނަގާފައި ކަންފަތުގައި ޖެހީމެވެ. އަހަރެން ހުރީ ރީޝަމަށް ގުޅައިގެންނެވެ. ވިއާން ފަހަތުން އައިސް ހުއްޓުނުކަން އަހަރެންނަށް އިނގުނެވެ. އެހެންކަމުން ވާހަކަދެއްކުމުގެ ރާގު ބަދަލުކޮށްލީމެވެ.
"ނޫނޭ. ނުދެވެނީ މިހާރު ބަލިކޮށް އުޅޭތީ" އަހަރެން ބުނީމެވެ.
"ވިއާން ހުރީތަ؟" ރީޝަމް އެހިއެވެ.
"ހޫމް. މިސްވެޔޭ" އަހަރެން ބުނީމެވެ. އިރުކޮޅަކުން ރީޝާމް ހޭންފެށި އަޑު އިވުނެވެ. އަހަރެން ކައިރިއަށް ވެސް ހިނިއައެވެ. އެކަމަކު ކޮންޓްރޯލް ކޮށްލައިގެން ހުރީ ފަހަތުގައި ވިއާން ހުރިކަން އިނގޭތީއެވެ.
"އޯކޭ ދެން ބޭއްވީ. އާއެނކޭ ނިދުމުގެކުރިން ގުޅާނަމޭ. ސާބަހޭ. އަހަރެން ހަނދާން ހުންނާނޭ" އަހަރެން ބުނީމެވެ. ނޭނގޭ ކަމަށް ހަދާފައި ލޮލުގެ ކުޑަކޮޅުން ބަލައިލިއިރު ވިއާން އިސްޖަހައިގެން ހުއްޓާ ފެނުނެވެ. ވިއާން ހުރިގޮތުން ދެރަވެސް ވިއެވެ. އިރުކޮޅަކުން މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
"ވިއާން ހިނގައްޖެ. ހީވޭ ވަރަށް ދެރަވެފަ ހުރިހެން" އަހަރެން ބުނީމެވެ.
"އަޅާނުލާ. ނަތީޖާ ފޮނިވާނެ. ބަލައްޗެ" ރީޝަމް ބުނެލިއެވެ.
ރޭގަނޑު ކެއުމުގެ ވަގުތުގައި ވިއާން ބައިވެރި ނުވެއެވެ. މާމަ އައިސް ގޮނޑީގައި އިށީނީ އަހަރެން މޭޒު ކައިރީގައި އިންނަތާ ވިއްސަކަށް މިނިޓް ފަހުންނެވެ.
"ވިއާން ކޮބާ؟" އަހަރެން އެހީމެވެ.
"ކާން ނާދޭތަ؟" އަހަރެން އެހީމެވެ.
"މިރޭ ކާހިތެއް ނުވެޔޯ. އަޖައިބެއް ކަހަލަ ކުއްޖެއް" މާމަ ބުނެލިއެވެ. އަހަރެންނަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. ވިއާން ކާން ބޭނުންނުވީ އަހަރެންގެ ސަބަބުންނޭ ހިތް ބުނެލިއެވެ.
"ބަނޑުހައިނުވާތީއެއްނޫން. އެވާނީ ހިތްނޭދޭ ކޮންމެސް ކަމެއް ވީކަމަށް. އަނެއްކާ ތިދެކުދިން ކަމަކާ ދެބަސްވީތަ؟" މާމަ އެހިއެވެ.
"ނޫން. އެބަ އަންނަން އަޅުގަނޑު" އަހަރެން ތެދުވެ ހިނގައިތީމެވެ. ވިއާންގެ ކޮޓަރި އާ ހަމައަށް ގޮސްފައި ހުއްޓި ހަމަޖެހުމުގެ ނޭވައެއްލީމެވެ. ދެން ޓަކި ޖަހައިލީމެވެ. މާގިނައިރެއް ނުވަނީސް އެތެރެއިން ވަންނާށޭ ބުނެލި އަޑު އިވުނެވެ. އަހަރެން ދޮރު ހުުޅުވާލާފައި ވަންއިރު ވިއާން އޮތީ އެނދުގައެވެ. ބަނޑާ ހަމައިގައި ކުއިލްޓް އޮތްއިރު އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އަތުގައި އޮތް ފޯނަށެވެ. ވިއާންގެ ތަނަވަސް މޭމަތި ހާމައަށް ފެންނަން އޮތުމުން އަހަރެންގެ ނަޒަރު ހުއްޓުނީ އެހިސާބަށެވެ.
"ކިހިނެއްވީ މާމާ" އެ އޮތް ގޮތަށް އޮވެ ވިއާން ބުނެލިއެވެ. އަހަރެން އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނީމެވެ.
"އަދި މާމައަކަށް ނުވޭ" އަހަރެން އެހެން ބުނީމެވެ.
"މަލް ތަ؟" ވިއާންގެ އަނގައިން ބަސް ބޭރުވުމުގެ ކުރިން އޭނާ އެނދުން ތެދުވި އަޑު އިވުނެވެ.
"އެއްޗެހި ލެވިއްޖެތަ. އަހަރެން ދެން އެނބުރުނަސް ހެޔޮތަ؟" އަހަރެން ބުނީމެވެ. ޓީޝާޓު ލަމުން އައިސް ވިއާން އަހަރެންގެ އަތުގައި ހިފައިިއެވެ. އަހަރެންނަށް ވިއާންގެ އެ އަމަލުން ސިހުން ގެނުވިއެވެ.
"ރުޅިއަންނާނެތަ އަނެއްކާ އަހަރެން މަލްގެ އަތުގަ ހިފީމަ" ވިއާން އެހިއެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބައިންދައިފިއެވެ.
"ކާކު؟ އެވަރުގެ މީހަކު ނެތް. އަހަރެން މިއައީ ވިއާން ކާން ބަލާ" އަހަރެން ބުނީމެވެ.
އަހަރެން ކާހިތެއްނެތް. އެވާހަކަ ބުނިން މާމަ ކައިރީގަ" ވިއާން ބުނެިއެވެ.
"އެހެންވިޔަސް ވިއާން ޖެހޭނީ ކާން. އަހަރެން ކާހިއްނުވެފަ ހުއްޓަ ކިތައްފަހަރު އަހަރެންނަށް ކާންދިނިން. އެހެންނޫނަސް އަހަރެން ވަރަށް ބަނޑުހައި. ހަމަ ތެދެއް މިބުނީ ނުކައި ވާތާވެގެން އަހަރެން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނަސް ކަރުން އެތެރެއަށް ފެންފޮދެއްވެސް ނުލާނަން" އަހަރެން ބުނީމެވެ. ބޭނުމަކަށްވީ ވިއާނަށް ކާންދިނުމެވެ. ނުބުނަން ހުއްޓަސް ވިއާން ކެއުމުގެ މަތިން ފޫހިވެފައިވި ސަބަބު އަހަރެންނަށް އިނގެއެވެ.
"ދެން ތިޖެހުނީ ކާކަށްނު. އެކަމަކު ޝަރުތެއްގެ މަތިން" ވިއާން ބުނެލިއެވެ.
"ކައިގެން އައިސް ނިދަން ވަންދެން މަލް ޖެހޭނީ އަހަރެން ކައިރީގަ ހުންނަން" ވިއާން ބުނެލިއެވެ.
"އަހަރެން ވަކި ދާނީ ކޮންތާކަށް" ކޮޓަރިން ނިކުންނަމުން އަހަރެން ބުނީމެވެ.
ކާމޭޒު ކައިރިއަށް އަހަރެން ވިއާން ގޮވައިގެން އައުމުން މާމަ ހީލައިފިއެވެ. މާމަގެ ތުންފަތް މައްޗަށް މިފަހަރު ވެރިވި ހިނިތުންވުމާ އެހެން ފަހަރުތަކާ ތަފާތެއް އަހަރެންނަށް ފާހަގަވިއެވެ. މާމަ އަހަރެންނަށް ބަލައިލި ގޮތް ވެސް ތަފާތެވެ. އެއްޗެއް ބުނަން އުުޅުނުހެންވެސް ހީވިއެވެ.
ކައިގެން ކޮޓަރިއަށް ވަންއިރު މާމަ އެނދުގައި ފޯނެއްގައި އިނެވެ. އަހަރެން ފެނުމާއެކު ފޯނު ބާއްވާފައި އަހަރެންނަށް ބަލައިލާފައި ހީލައިފިއެވެ. އަހަރެން ކައިރީގައި މާމަ ކައިރީގައި އިށީނުމަށް އިޝާރާތުން ބުނެލައިފިއެވެ.
"މާމައަށް ހީވޭ މިހާރު އެހެން އެއްޗެއް. މަލް ތިއީ މާމަގެ ދަރިއެއް. އަންހެންދަރިއަކަށް އަންނަ ބަދަލުތައް އެންމެ އަވަހަށް ފާހަގަވާނީ ކައިރީގައި އުޅޭ މަޔަކަށް. މިއަދު ދަރިފުޅުގެ މަންމަގެ މަގާމުގައި މިހުރީ މާމަ. މާމައަށް މިބުނެވުނީ ރަނގަޅަށްތަ؟" މާމަ ވާހަކަދެއްކިއެވެ. ވަގުތުން އަހަރެން މޫނު ރަތްވެގެން ގޮސްފިއެވެ. އަހަރެން ހިތުގައިވާ އެއްޗެއް މާމައަށް އެހާ ފަސޭހައިން ނަގައިގަނެވުނީ ކިހިނެއް ހެއްޔެވެ؟ މާމަގެ ކުރިމަތީގައި ބޭޒާރުވެއްޖެކަން އިނގުމުން އަހަރެން ވަރަށް ލަދުގަތެވެ. އެތަނުން ތެދުވެގެން ދާންވެސް، އިންނަންވެސް ނުކެރުނެވެ. ބުނާނެ ނުބުނާނެ އެއްޗެއް ނޭނގިގެން ދެއަތާ ދެއަތް މޮޑެމުން ދަނިކޮށް އަހަރެންގެ ދަތްދޮޅީގައި ހިފާލާފައި މާމަ އާ ދިމާލަށް އަނބުރާލައިފިއެވެ.
"މާމަ މިއަދު ވަރަށް އުފާވެއްޖެ. އަލްހަމްދުލިﷲ. ވިއާންގެ އަންބަކަށް މަލް ވުމަށް އެދި މާމަ އަބަދުވެސް ދުއާ ކުރާނަން" މާމަ ބުނެލިއެވެ. އަހަރެންނަށް ހީލުން ފިޔަވާ އިތުރަށް އެއްޗެއް ބުނަން ނުކެރުނެވެ. މާމަގެ ކުރިމަތީގައި ފާޅުގައި އިއުތިރާފު ވާކަށްވެސް ނުކެރުނެވެ. އެހެން އިންދާ ފޯނަށް މެސެޖެއް އައިސްފިއެވެ. ބަލައިލިއިރު ވިއާނެވެ. ކޮޓަރިއަށް އައުމަށް ބުނެލާފައި އޮތެވެ.
"ވިއާންތަ؟ އަންނާށޭ ބުނީތަ؟" މާމަ ހާދަ ހުޝިޔާރެވެ. މީހުންގެ ހިތުގައި ހުންނަ ކަންތައްތައްވެސް މާމައަށް އިނގޭ ކަހަލައެވެ.
އަހަރެން ވިއާންގެ ކޮޓަރި ދޮރުމައްޗަށް އެރިއިރު ވިއާން ފޯނެއްގައި ހުއްޓެވެ. އަހަރެން އެތެރެއަށް ވަނުމާއެކު ނިކަން އަވަހަށް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައިފިއެވެ. ހީވީ ތަނަކަށް ދާން ލަސްވެގެން އުޅުނު ހެންނެެވެ.
"ހާދަ ހާސްވެފަ. އަންނާށޭ ބުނެ ތިގޮތަށް ހުރީމަ ކަމަކުނުދޭ" އަހަރެން ބުނީމެވެ.
"މިއުޅޭ އާލިމް. ކޮފީއަކަށް ދާން ބުނެފި. އަހަރެން ނުވޭ ދާހިތެއް. އެކަމަކު އެއްބަސް ނުވަނީސް ފޯނެއް ނުބޭއްވި" ވިއާން ބުނެލިއެވެ.
"ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. އާލިމަކީ ރަނގަޅު އެކުވެރިއެއް ކަމަށް ދެކިގެން ކުރިއަށް ދިޔައިމަ ރަނގަޅުވާނެ. ކޮފީއަކަށް އެރިޔަސް އެއީ އަދި އެވަރު ކަމެއް ނޫނެއްނު. އަބަދު ކޮޓަރީގެ ހަތަރުފާރުން އެތެރޭގަ އިނދެގެން ވިސްނުންތަކާ ފިކުރުތަކާ ދުރެއްނުވެވޭނެ. ތިމާއަކީ މިނިވަނެއް ކަމަށް އިހުސާސެއް ނުކުރެވޭނެ" އަހަރެން ވާހަކަދެއްކީމެވެ. އިރުކޮޅަކު ވިސްނާލަން ހުރެފައި ވިއާން އައިސް އަހަރެން އަތުގައި ހިފައިފިއެވެ.
"މަލް އަހަރެން އަންނަންދެން ނުނިދާ ހުންނައްޗެ. އަހަރެން މިރޭ ވަރަށް ބޭނުން މަލް ކައިރީގަ ގިނައިރު ހޭލާ ހުންނަން. ހުންނާނަން ދޯ" ވިއާން ބުނެލިއެވެ.
"ހުންނާނަން. ދޭ ގޮސްފަ އަންނަން" އަހަރެން ބުނީމެވެ. ޑްރެސިން ޓޭބަލް މަތީގައި އޮތް ވޮލެޓް ހިފައިގެން ނިކުންނަން ދަނިކޮށް އަހަރެން ވިއާން އަތުގައި ހިފީމެވެ. ވިއާން އެނބުރި ބަލައިލިއެވެ.
"ބަލައިގެން ދުއްވައްޗެ" އަހަރެން ބުނީމެވެ.
ވިއާން ސައިކަލަށް އަރައިގެން ނައްޓާލަންދެން އަހަރެން ބެލްކަނީގައި ހުރީމެވެ. ވިއާން ލޯމަތިން ގެއްލެންދެން ހުރެފައި އަހަރެން އެތެރެއަށް ވަދެ ސޯފާގައި އިށީނީމެވެ. ވިއާން ނެތުމުން ގަޑީގެ ކަށި ހިނގާލެއް ލަސްހެން އަހަރެންނަށް ހީވިއެވެ. މޮޅު ހިޔާލެއް އައިސްގެން ފޯނު ހޯދާލާފައި ރީޝަމްއަށް ގުޅީމެވެ.
"އާލިމަށް ގުޅާފަ ބުނޭ މަގޭ ވިއާން އަވަހަށް ގެއަށް ފޮނުވާށޭ" ރީޝަމް ފޯނު ނެގުމާއެކު އަހަރެން ބުނީމެވެ. ރީޝަމް ފެށީ ހޭށެވެ. އަހަރެން އެހާ ކެތްތެރިކަން ކުޑަވެފައި ހުރުމުން ދިމާކުރިއެވެ.
"މިރޭ އަހަރެމެން ކަމެއް ރާވައިގެން ގިނައިރު ވާހަކަދައްކާލަން ހުއްޓައޭ އެގެންދިޔައީ. ގާތްގަނޑަކަށް ގަޑިއެއްގެއިރު ވީމަ އާލިމަށް ގުޅާފަ ބުނޭ ތިމަންނައަށް އެވެނި ކަމެއް މިވެނި ކަމެއް ވެއްޖޭ" ރީޝަމް ދިމާކުރިޔަސް އަވަހަށް ވިއާން ގެއަށް ގެނައުމަށް އަހަރެން އެކި ހިޔާލު ދެމުން ދިޔައިމެވެ. އެންމެފަހުން ރީޝަމް އެއްބަސް ވެއްޖެއެވެ.
ގަޑިއެއްގެއިރު ފަހެވެ. ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލަން ސޯފާގައި އޮށޮތްތަނާ ބުރުގާ އަޅަމުން މާމަ ނިކުތްތަން ފެނިއްޖެއެވެ. އަހަރެން ފޯނުން ގަޑި ބަލައިލިއިރު ނުވަގަޑި ބައި ވެއްޖެއެވެ. މާމަ އަދިވެސް ނުނިދާކަން އިނގުމުން އަހަރެން ހައިރާންވިއެވެ. އެންމެ ބޮޑަށް ހައިރާންވީ މާމަ ބުރުގާ އަޅައިގެން ނިކުތުމުންނެވެ.
"މާމަ ކޮންތާކަށް" އަހަރެން އެހީމެވެ.
"މިތާ ކައިރި ފިހާރައަށް" މާމަ ބުނެލިއެވެ.
"މިގަޑީގަ ކީއްކުރަން" އަހަރެން އެހީމެވެ.
"މިއަދު އެތަނުން ގަތް އެއްޗިއްސަށް ލާރި ހަމަނުވާތީ ފަހުން ބާކީ ބައި ގެނެސްދޭނަމޭ ކިޔާފަ އައީ. މިހާރު އޭއްޗިހިން ބައެއް މާމަގެ ގޮހޮރުގަ އެބަހުރި. ލާރި ނުދައްކާ އެކައިގެން މާމަ ގޮހޮރުގަ އަލިފާންވެސް ހިފައިފާނެ" ގުދަށް އޮވެ ފައިވާން ހަރުގަނޑުން ފައިވާން ނަގަމުން މާމަ ބުނެލިއެވެ.
"އެއްކަލަ މާމަ. މިގަޑީގަ ނުދިނަސް އޯކޭވާނެއްނު. މާދަމާވެސް ދެވޭނެއްނު. މާމަ ނުދޭކަށް ނޫނެއްނު" އަހަރެން ބުނީމެވެ.
"ދަރިފުޅާ ރަންގަނޑާ. މިރޭ މާމަ ނިދާފަ ހޭލާނެ ކަމުގެ ކޮން ޔަގީންކަމެއް ދަރިފުޅަށް ދެވޭނީ. ކަށްވަޅަށް މާމަ ދާންޖެހޭނީ ބައެއްގެ ދަރަންޏެއް ހިފައިގެން. އެއް ރުފިޔާ ވިޔަސް ދަރަނި ވާނީ ދަރަންޏަށް" މާމަ ބުނެލިއެވެ. އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ. މާމަގެ ދުލުން ބޭރުވާ ކޮންމެ ބަހެއްގައި ވިސްނާލައިފި މީހަކަށް އިބްރަތެއް ވާނެކަން ޔަގީނެވެ.
"މާމަ ދޭ ކޮޓަރިއަށް. ގެނޭ އަޅުގަނޑު އަތަށް ރުފިޔާ. ލިފްޓު ހަލާކުވެފަ ހުރީ. ސިޑިމަތީގެ ލައިޓް އަނދާފަ ހުންނަތާ ތިންދުވަސް ވެއްޖެ" އަހަރެން މާމަ އަތުން ރުފިޔާ އަތުލައިގެން ފިހާރައަށް ދިޔައިމެވެ.
ގެއާ އެންމެ ކައިރި ފިހާރައަށް ވަންއިރު މީހުން މަދެވެ. ވިޔަފާރި ބަންދުކުރުމުގެ ކަންކަން ކުރިއަށް ދަނީއެވެ. ސޭޓަކަށް އިނީ އަންހެނެކެވެ. އަހަރެން ވަނުމާއެކު ހިތްހެޔޮކަމާއެކު ހިނިތުންވެލައިފިއެވެ. އެފިހާރައިން އެމީހާ އަހަރެންނާ ބައްދަލުވެ ކޮންމެވެސް ވަރަކަށް ވާހަކަދެކެވިފައި ވާތީ ބީރައްޓެހިކަމެއް އިހުސާސެއް ނުވިއެވެ.
"މަލް، ކޯޗެއް ހޯދާލަން މިގަޑީގަ" އެމީހާ ބުނެލިއެވެ.
"މިއަދު މާމަ ގަތް އެއްޗިއްސަށް ލާރި ހަމަނުވާތީ ލާރި ދައްކާލަން މިއައީ" އަހަރެން ބުނީމެވެ.
"ޒުލޭހާއްތަވެސް ދޯ. އެންމެ ފަނަރަ ރުފިޔާ. މިތާއިން ސޮރު ބުންޏޭ މިއަދުވެސް ޒުލޭހާއްތަ ކައިރީގަ ބުނީމޭ އޯކޭ އޭ އެލާރި ނުދެއްކިޔަސް. ޒުލޭހާއްތައަކީ މިތަނުގެ ހާއްސަ ކަސްޓަމަރެކޭ" އަންހެންމީހާ ބުނެލިއެވެ.
"މާމަގެ ގޮތް އިނގެއެއްނު" އަންހެންމީހާ އާ ލާރި ހަވާލުކޮށްފައި އަހަރެން ފިހާރައިން ނިކުތީމެވެ. ގަޑި ބަލައިލިރު ދިހައެއްޖަހަން އިނީ އެންމެ މިނިޓެކެވެ. ފޯނަށް މެސެޖެއް އައިސްގެން ބަލައިލިއިރު ވިއާނެވެ. އަހަރެންނަށް ހީލެވުނެވެ. އެއްވެސް ޖަވާބެއް ނުދިނީ ވިއާން ތަޅުވާލަންވެގެނެވެ.
ގެއާ އަރައި ހަމަވިތަނާ އަހަރެން އަތުގައި މީހަކު ހިފައިފިއެވެ. ސިހިފައި އެއީ ކާކުތޯ ބަލައިލަން އުޅުނު ވަގުތު އެމީހަކު އަހަރެން އަތުގައި ހިފައި ދަމައިގަތެވެ. އެހިނދު އަހަރެން ގޮސް ޖެހުނީ އެމީހެއްގެ މޭގައެވެ.
"މަލް" އަހަރެންނަށް އެއީ ޒިޔާން ކަން އިނގުނީ އޭނާގެ އަޑު ޖެހުނީމައެވެ. އައި ރުޅިން ޒިޔާނާ ދުރަށްޖެހެން މަސައްކަތްކުރަން ފަށައިފީމެވެ. އެހެންނަމަވެސް ޒިޔާންގެ އަތު ތެރެއިން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. އެއަށް ވުރެ ޒިޔާން މާ ބާރުގަދައެވެ.
"ތިހާ ބާރުދައްކަންޏާ މަލްއަށް އަނިޔާއެއް ވާނީ" ހަމަޖެހިލާފައި ޒިޔާން ބުނެލިއެވެ.
"ކިހިނެއްވެގެންތަ ތިއުޅެނީ؟ އަހަރެންގެ އަތުން ދޫކޮށްލާ" އަހަރެން ބުނީމެވެ. މާގިނަ މީހުން ނެތަސް އެމަގުން ދެކޮޅަށް ދުއްވާ އެއްޗެހި ދުއްވަމުން ދިޔައެވެ. އެހިސާބު މަގުމަތީގައި ހުރި ދެ ލައިޓްވެސް އަނދާފައި ހުރުމުން އެހެން ރޭތަކަށް ވުރެ އަނދިރިކަމަށް ދައްކައެވެ.
"އަހަރެން އަތްލީމަ ކީއްވެ އުނދަގުވަނީ. އަލަކަށް ނޫނެއްނު މިއަތްލީ" ޒިޔާން ބުނެލިއެވެ.
"ކިހާ ދެރަކަމެއްތަ؟ އެއްޗެއް ބޮވިފަތަ ތިހުރީ" އަހަރެން ބުނީމެވެ.
"މަލް ދިން އެއްޗެއް ބުއީ. އަދިވެސް ދިންވަރަކަށް ބޯނަން" ޒިޔާން ބުނެލިއެވެ. އަހަރެންގެ ރުޅި ވީ ހައްތަހާ ގަދައެވެ. ޒިޔާންގެ ބަހުރުވަ ބަދަލުވެފައި ވަނީ އަހަރެން ހީކުރި ވަރަށް ވުރެ ވެސް ބޮޑަށެވެ. އެގޮތް އަހަރެންނަށް ކަމަކު ނުދިޔައެވެ. މަގުގެ ދެފަރާތަށް ބަލައިލިއިރު ސައިކަލެއްގެ އަލި ކައިރިވަމުން ދިޔައެވެ.
"މާލެ އައިފަހުން އަހަރެން ކިހާ ކެތްކޮށްފިން. ކީއްވެ އަހަރެންނާ ދުރުވާން ތިއުޅެނީ؟ އިންސާނުންނަށް ކުށްވެސް ކުރެވޭނީ. އަހަރެން މަޢާފަށް އެދުނީމެއްނު. މަލް، މަށަށް ކެތްކުރަން ވަރަށް އުނދަގު. މިތާ އަތްޖައްސަބަލަ. މި ހިތް އެތެޅެނީ ހަމަ މަލްއަށްޓަކައި" ޒިޔާން ވާހަކަދެއްކިއެވެ. އަހަރެންގެ އަތުގައި ހިފައި އޭނާގެ މޭގައި ޖެއްސުވިއެވެ. ގޭ ކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު އޭގައި އިން ވިއާން އަހަރެންނަށް ފެނިއްޖެއެވެ. ފުރުސަތަކަށް ބަލަބަލާ ހުރި ޒިޔާން އަހަރެން އުނގަނޑުގައި ހިފައި ގާތްކޮށްލާފައި އަހަރެންގެ ބޮލުގައި ބޮސްދީފިއެވެ. އެހުރިހާ މަންޒަރެއް ބަލަން ވިއާން ހުއްޓެވެ. އިރުކޮޅަކުން ބަހެއް ނުކިޔާ ގޭތެރެއަށް ވަދެއްޖެއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ