ކުޅިވަރު

ގާޑިއޯލާގެ ތައުރީފު ހާލަންޑަށް، އަދިވެސް ބުނަނީ ހަރަދު ކުރެވެން ނެތް ކަމަށް

ބްރޫޝިއާ ޑޯޓްމަންޑްގެ ނޯވޭ ފޯވަޑް، އާލިން ބްރައުޓް ހާލަންޑަކީ ތަފާތު މޮޅު ކުޅުންތެރިއެއް ނަމަވެސް މިފަހަރުގެ ޓްރާންސްފާ ސީޒަންގައި އޭނާ ގެންދަން މަސައްކަތް ކުރުމަކީ ދުރު ކަމެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސިޓީން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މިރޭ ބްރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ގާޑިއޯލާ ބުނެފައި ވަނީ ހާލަންޑަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ވަރުގަދަ އެއް ފޯވަޑް ނަމަވެސް، ސިޓީން އެންމެ ގިނައިންވެސް މި ޓްރާންސްފާ ސީޒަންގައި ހަރަދުކުރާނީ 100 މިލިއަން ޕައުންޑް ކަމަށެވެ. އަދި އެއް ކުޅުންތެރިއަކަށްވެސް އެންމެ ބޮޑަށް ކުރެވެން އޮތް ހަރަދަކީ އެއީ ކަމަށްވެސް ގާޑިއޯލާ ބުނެފައިވެއެވެ.

" އެންމެފަހުން ކްލަބުން ނިންމާފައިވާ ގޮތުގައި އެއް ކުޅުންތެރިޔަކަށް 100 މިލިއަނަށްވުރެ ގިނައިން ހަރަދު ނުކުރަން. ފުޓުބޯޅައަކީ ޓީމް ގޭމެއް. އެންމެ ކުޅުންތެރިއަކަށް ފުޓުބޯޅައެއް ނުކުޅެވޭނެ،" ހާލަންޑް ނުގެންދާނެ ކަމަށް އިޝާރާތްކޮށް ގާޑިއޯލާ ބުނެފައިވެއެވެ.

ދުނިޔޭގެ އެތައް ކްލަބަކުން ހާލަންޑް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، އޭނާ ވަނީ މިދިޔަ ހަފްތާ އެޖެންޓާއެކު ޔޫރަޕްގެ ބޮޑެތި ކްލަބުތަކާ ބައްދަލު ކޮށްފައެވެ. އުމުރުން 20 އަހަރުގެ ހާލަންޑް ވަނީ މިހާތަނަށް ސީޒަންގައި 39 ގޯލް ޖަހާފައެވެ. އޭގޭ ތެރޭގައި ޗެމްޕިއަންސް ލީގުގައި ޖަހާފައިވާ 10 ގޯލް ހިމެނެއެވެ.

ސިޓީއަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ އުމުރުން 32 އަހަރުގެ ލެޖެންޑަރީ ފޯވަޑް، ސާޖިއޯ އަގުއޭރޯ މި ސީޒަނަށްފަހު ކްލަބު ދޫކޮށްލަން ނިންމާފައިވާއިރު، އޭނާ ނެތްތައް ފޫބައްދަން އިތުރު ފޯވަޑެއް ގެންދާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ގާޑިއޯލާ ކުރިންވެސް ބުނަމުން އަންނަނީ އިތުރު ފޯވަޑެއް ގެންދަން ސިޓީގައި ބަޖެޓް ނެތް ކަމަށެވެ. ގާޑިއޯލާ ބުނެފައި ވަނީ މިއަދުގެ މާކެޓްގައި ކުޅުންތެރިންގެ އަގު ހުރީ އެކަށީގެންވާ ވަރަށްވުރެ މަތީގައި ކަމަށެވެ.