ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ނޫސްވެރިކަމުގެ އިނާމާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު ޝަފާއު ހަސަން އިސްތިއުފާދެއްވައިފި އެވެ.
އޭނާ އިސްތިއުފާދެއްވައި އެމްއެމްސީގެ ރައީސަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، ނޫސްވެރިންނަށް ދޭ އިނާމާ ބެހޭގޮތުން އިނާމު ކޮމިޓީން މަޝްވަރާކޮށް ގެނެސްފައިވާ ނިންމުންތައް ބަދަލުކޮށް އިނާމާ ގުޅުވައިގެން އެމްއެމްސީން ގެންނަ ނިންމުންތަކަކާ ގުޅިގެން ރާއްޖޭގެ މީޑިއާތައް އަދި ވަކިވަކި ނޫސްވެރިން މާޔޫސްވެ ކަންބޮޑުވެދާނެ ކަންތައްތަކެއް އަބަހުރި ކަމަށެވެ.
އެގޮތުން ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވުމުން، ގިނަ މީޑިއާތަކެއްގެ އެދުމުގެ މަތިން އެ މުއްދަތު އިތުރު ކުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އޭގެ ފަހުން އިތުރަށް ފުރުސަތު ނުދޭން މުޅި ކައުންސިލުން ނިންމާފައިވަނިކޮށް ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް އަނެއްކާވެސް މުއްދަތު އިތުރު ކުރި ކަމަށް ޝަފާއުގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
އިނާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިނާމު ލިބޭ ފަރާތްތައް ހޮވުމަށް އެކުލަވާލި ފަނޑިޔާރުންނާ ގުޅޭގޮތުން ވެސް ޝަފާއު ވަނީ ނުތަނަވަސްކަން ފާޅުކުރައްވައިފަ އެވެ. މީގެ ކުރިން އެ ފަނޑިޔާރުންނާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އައިސްފައި ނުވި ނަމަވެސް މިފަހަރު ފަނޑިޔާރުން ހަމަޖެއްސި ގޮތާ މެދު ބަލައިގަންނަން ދަތި ގިނަ ކަންތައްތަކެއް ހިނގައި ގޮސްފައިވާ ކަމަށެވެ.
"އިނާމަށް ކުރިމަތިލެއްވި ނޫސްވެރިންގެ ހައްގު ގެއްލިގެން ހިނގައިދާނެ ފަދަ ގޮތަކަށް ބައެއް މެންބަރުންގެ އަމަލުތައް ބަހައްޓަވައި ފަނޑިޔާރުންގެ ކޮމިޓީއެއް ނެގުމަކީ އަޅުގަނޑަށް ގަބޫލުކުރެވުނު ކަމަކަށް ނުވި އެވެ،" ޝަފާއުގެ އިސްތިއުފާގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު