ޚަބަރު

ބީއެމްއެލުން ހިއްސާއަކަށް 15 ރުފިޔާ ބަހަން ނިންމައިފި

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމުލަ 80.7 މިލިއަން ރުފިޔާ ބަހަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިން ވެސް އަންދާޒާ ކުރެވުނު ގޮތަށް ބޭންކުގެ ވިޔަފާރިއަށާއި އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ވަނީ އަސަރުކޮށްފަ އެވެ. ބޭންކުގެ އަހަރީ ނަތީޖާ އިން މިކަން ހާމަވެ އެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮޑިޓު ކޮށްފައިވާ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 ޕަސެންޓަށްވުރެ ބޮޑު ދަށްވުމެކެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ 2019 ވަނަ އަހަރު ކާމިޔާބު ނަތީޖާއެއް ދެއްކުނު ނަމަވެސް، ކޮވިޑުގެ ސަބަބުންނާއި އަންދާޒާ ކުރެވިފައި ނުވާނެހެން ވިޔަފާރި ހުއްޓުމަކަށް އައުމުން 2020 ވަނަ އަހަރުގެ އާމްދަނީ ވަނީ ވަރަށް ބޮޑަަށް ދަށްވެފައިވާ ކަމަށެވެ.

"މިކަމުން އަރައިގަތުމުގައި ހެޔޮ ބަދަލުތަކެއް ފެންނަމުންދާއިރު އަޅުގަނޑުމެން ވެސް ގަދައަޅައި މަސައްކަތް ކުރަމުންދާނީ މިއަހަރު ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށް. މި ދަތި އުދަގޫ ދަނޑިވަޅުގައި ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ދާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުރުބާރު ކުރައްވާ އަޅުގަނޑުމެންނާއެކު ކުރިއަށް ވަޑައިގަންނަވާ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ކަސްޓަމަރުން އެދޭ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ޕްރޮޑަކްޓުތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނަން،" ސޯޔާ ވިދާޅުވި އެވެ.

ހިއްސާގެ ފައިދާ ބަހާނީ ބުކް ކްލޯޝާ ޑޭޓުގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފުތަރުގައި ލިސްޓުކޮށްފައިވާ ހުރިހާ ހިއްސާދާރުންނަށެވެ. ބުކް ކްލޯޝާ ޑޭޓު އިއުލާނު ކުރާނީ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއެކުގައެވެ.