(1 އޭޕްރީލްގެ އަދަދާ ގުޅޭ)
ވަފުދުގެ މެމްބަރުންގެ ތެރެއިން قـاضى أبـو جـعـفـر އާއި އެކަލޭގެފާނާ އެއް ޚިޔާލުފުޅުގެ ބޭކަލުންނަށް އިޙުސާސްވެވަޑައިގެންނެވީ މިހައިތަނަށް ކުރެއްވުނު ހުރިހައި މަސައްކަތްޕުޅެއް ފަނުފުލުންލާން އުޅޭހެންނެވެ. އެބޭކަލުން އެއްބޭކަލަކު އަނެއްބޭކަލަކާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު ހުރިހައި ބޭކަލުންގެ ނަޒަރު قـاضى أبـو جـعـفـر ގެ މޫނުފުޅަށް ހުއްޓައިލައްވައިފިއެވެ. އެކަލޭގެފާނު أميـر يـوسف އަށް ތާއީދުކުރައްވައި إبـن زيـدون އާ ދިމާއަށް ވިދާޅުވިއެވެ. "معـتـمـد އެންމެރަނގަޅު ކަމުގައި ދެކެވަޑައިގަންނަވަނީ ޖަބަލުއްޠާރިޤުގެ ބަނދަރު ކަމުގައި ވެދާނެ. އެކަމަކު أميـر يـوسف ޢަސްކަރީ ނަޒަރުން ވިސްނައިވަޑައިގެން ސިފައިން ބާލުއްވަން އެންމެރަނގަޅު ކަމުގައި ދެކެވަޑައިގަންނަވަނީ ޖަޒީރަތުލްޚަޟުރާއު ކަމުގައި ދެކެވަޑައިގަންނަވާނަމަ ކަލޭގެފާނު ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު އެހުށަހެޅުއްވުން ގަބޫލު ކުރައްވާންވާނެ. ކަލޭގެފާނު އަޅުގަނޑުމެންނާއެކު ވަޑައިގެންނެވީ އަންދަލުސުގެ ދެން ތިއްބެވި ރަސްރަސްކަލުން ފަދައިން أميـر معـتـمـد ވެސް ހުންނެވީ އަލްފާންސޫއާ ހަނގުރާމަކުރައްވާން أميـر يـوسف ގެ ވެރިކަން ގަބޫލު ކުރައްވައިގެންކަން ސާބިތުކުރައްވަން. އަޅުގަނޑު މި މަޖްލީހުގައި ސަރީޙަކޮށް ދަންނަވަން ބޭނުން. ނަޞާރާއިންނާ ހަނގުރާމަ ކުރެއްވުމުގައި އަންދަލުސުގެ ހުރިހައި މުސްލިމުން އެއްވެސް ޝަރުޠެއްނެތި أميـر يـوسف އަށް އެއްބާރުލުން އަރުވާނެ. معـتـمـد އަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަލްފާންސޫ ހުންނެވީ އޭނާގެ ވައިނޮޅިފުޅާ ދިމާޔަށް ކަނޑި ދިއްކޮށްލައްވައިގެންކަން. معـتـمـد ގެ ކުރިފުޅުމަތީގައި ދެވަނަ އެއްވެސްގޮތެއް އޮތްނަމަކަ އޭނާ އެފުރިކާގެ މުސްލިމުންގެ ފަރާތަކުން އެހީއަކަށް އެދިވަޑައެއްނުގަންނަވާނެ. އޭނާ އެހީއަށް އެދިވަޑައިގެންނެވުމަށްފަހު ވިސްނައިވަޑައިގަންނަވާންވާނެ. އަޅުގަނޑުމެންގެ މުހުސިން އެތަނަށް ވަޑައިގަންނަވަނީ ޅެންފަރިހި ވިދާޅުވާކަށެއް ނޫންކަން. ހަނގުރާމަ ކުރައްވާންކަން. معـتـمـد ގަބޫލުކުރައްވާން ޖެހިވަޑައިގަންނަވާނީ ހުސްއެކަނި ޖަޒީރަތުލްޚަޟުރާއެއް ނޫން. ޢަސްކަރީ މަޞްލަޙަތަށްޓަކައި އަންދަލުސުގެ ކޮންމެ ބަނދަރެއްވެސް ކޮންމެ ސަހަރެއްވެސް އޭނާގެ ތަޞައްރުފުގެ ދަށަށް ގެންދެވުމުގެ ޙައްޤު ވަނީ أميـر يـوسف އަށް ލިބިވަޑައިގެންފައިކަން. معـتـمـد ގެ މަންދޫބެއްގެ ހައިސިއްޔަތުން ކަލޭގެފާނާ ހިތްޕުޅު ހަމަޖައްސަވާ! أميـر يـوسف ވަނީ އަންދަލުސުގެ އެއްވެސް ބަޔަކަށް ވެރިވެވަޑައިގެންނެވުމުގެ ޚިޔާލުފުޅެއް ނުގެންގުޅުއްވާކަމަށް ވަޢުދުވެވަޑައިގެންފައި. ނަޞާރާއިންގެ ނުރައްކާ ފިލުމާއެކު އަންދަލުސުން އެމަނިކުފާނުގެ ފައުޖު ބާލުއްވާނެކަމަށް އެމަނިކުފާނު ވަނީ ސަރީޙަކޮށް ވިދާޅުވެފައި. އެހެންވީއިރު އަންދަލުސުގެ ރަސްރަސްކަލުން أميـر يـوسف ގެ އެހީފުޅު ބޭނުންފުޅުކަމަށާއި އެކަމަކުވެސް އެމަނިކުފާނަށް އިތުބާރު ނުކުރައްވާކަން ސާބިތުކޮށްދެއްވާން މަސައްކަތްޕުޅު ނުކުރައްވާ."
إبـن زيـدون ވިދާޅުވިއެވެ. "أميـر يـوسف ގެ ނިޔަތްޕުޅާމެދު ޝައްކު ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށްބޮޑު ފާފައެއް. އެކަމަކު އަޅުގަނޑުގެ ނަސީބު ދެރަކަމުން އަޅުގަނޑަށް އެމަނިކުފާނުގެ އަރިހަށް އާދެވުނީ أميـر معـتـمـد ގެ މަންދޫބެއްގެ ހައިސިއްޔަތުން. އޭނާ ޖަޒީރަތުލްޚަޟުރާއުގެ ބަނދަރާ ބެހޭގޮތުން ވާހަކަދެއްކުމުގެ އެއްވެސް އިޚުތިޔާރެއް އަޅުގަނޑަކަށް ދެއްވައިފައެއް ނެތް."
أميـر يـوسف بـن تـاشـفـيـن ވިދާޅުވިއެވެ. "އަޅުގަނޑު މި ބަހުސު ދިގުދަންމާކަށެއް ބޭނުމެއްނޫން. قـاضى أبـو جـعـفـر އެހުންނެވީ އަންދަލުސުގެ ހުރިހައި ބަނދަރުތަކެއް އަޅުގަނޑާ ހަވާލުކުރައްވަން ތައްޔާރަށް. އެކަމަކު އެކަލޭގެފާނަށް އަންދަލުސުގެ މިސްކިތެއްގައި މިނިވަންކަމާއެކު ތަޤުރީރު ކުރެއްވުމުގެ ހުއްދަ ލިބިވަޑައިގަންނަވާނެ ކަމެއްވެސް ނޭނގެ— މިވަގުތު އަންދަލުސުގެ ހުރިހައި أميـر ންގެ އިސްބޭފުޅަކީ أميـر معـتـمـد. އޭނާ އަޅުގަނޑު ފައިބާން ދަޢުވަތު ދެއްވި ބަނދަރަކީ އެތައް ސަބަބަކާހުރެ އެންމެ އެކަށޭނަ ބަނދަރެއް ކަމަކަށެއް އަޅުގަނޑު ނުދެކެން. އަޅުގަނޑު އިންތިޒާރުކުރާނީ قـاضى أبـو جـعـفـر ފަދަ ބޭފުޅުން އަންދަލުސުގެ ރަސްރަސްކަލުންގެ ފަރާތްޕުޅުން އަޅުގަނޑާ ވާހަކަފުޅު ދެއްކެވުމުގެ ފުރިހަމަ އިޚުތިޔާރު ލިބިވަޑައިގެން ތިއްބަވައި ވަޑައިގަންނަވާނެ ދުވަހަކަށް. އަޅުގަނޑު އަންދަލުސުގެ މާތް ދަންނަބޭކަލުންނަށް ވަރަށް ބޮޑަށް އިޙުތިރާމުކުރަން. އެކަމަކު މުލޫކުއްޠަވާއިފުންގެ އެހީތެރިޔެއްގެ ހައިސިއްޔަތުން އަންދަލުސުގެ ބިމުގައި ފައިތިލަ ޖައްސައިލުމުގެ ކުރީން އަޅުގަނޑު ވަރަށްބޮޑަށް ވިސްނަންޖެހޭނެ.
أميـر يـوسف بـن تـاشـفـيـن އެހެން ވިދާޅުވެފައި މަޖްލިސް ނިންމައިލައްވައިފައި ތެދުވެވަޑައިގެންފިއެވެ. އަންދަލުސުގެ ވަފުދުގެ މެމްބަރުން މާޔޫސުކަމާއި ހައިރާންކަމުގެ ތެރެޔަށް ދޫކޮށްލައްވައިފައި އޭނާ ހުންނަވާ ގެކޮޅާ ދިމާޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ— قـاضى أبـو جـعـفـر ގެ އެކުވެރީންގެ ހިމޭން ބެއްލެވުން އޭނާގެ އަރިހުން ސުވާލުކުރައްވާން ފައްޓަވައިފިއެވެ. "ދެން ވާނީ ކިހިނަކުންތޯ؟" قـاضى أبـو جـعـفـر ހިނދުކޮޅަކު މަޑުކޮށްލައްވައިފައި ވަރަށް ބާރަށް ހިންގަވައިފައި أميـر يـوسف بـن تـاشـفـيـن ގެ ފަހަތްޕުޅުން ވަޑައިގެންފިއެވެ.
"يـاأميـر!" قـاضى أبـو جـعـفـر، أميـر يـوسف ގެ ފަހަތްޕުޅުން ވަޑައިގެން އަރައިހަމަކުރައްވައިފައި ވިދާޅުވިއެވެ. "أميـر يـوسف، قـاضى أبـو جـعـفـر އަށް ސަމާލުކަން ދެއްވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. "އަޅުގަނޑު މަނިކުފާނުގެ އަރިހުގައި އެންމެ ސުވާލެއް ދަންނަވައިލާން ބޭނުން. އެސުވާލަކީ އަންދަލުސުގެ މުލޫކުއްޠަވާއިފުން މުރުތައްދުވެވަޑައިގެން ނަސްރާނީންގެ އަޅުވެތިކަން ގަބޫލުކުރައްވައިފިނަމަ މަނިކުފާނު އަންދަލުސުގެ މުސްލިމުން އެބައިމީހުންގެ ނިކަމެތި ބިކަހާލަށް ދޫކޮށްލައްވާނީތޯ؟ އިސްލާމްދީނަށްޓަކައި ދިރިތިބޭން އެދިގެންތިބި އެތަކެއް ލައްކަ މުސްލިމުންގެ އާދޭހުގެ އަޑަކީ މަނިކުފާނުގެ އަރިހުގައި އެއްވެސް މާނައެއްނެތް އަޑަކަށް ވެދާނެތޯ؟"
أميـر يـوسف ޖަވާބު ދެއްވިއެވެ. "އަޅުގަނޑަކަށް މިވަގުތަކު އެއްވެސް އެއްޗެކޭ ނުދެންނެވޭނެ. އަންދަލުސާ ބެހޭގޮތުން ރަނގަޅު ނިންމުމެއް ނިންމަން އަޅުގަނޑަށް ތައުފީޤު ދެއްވުން އެދިވަޑައިގެން ކަލޭގެފާނު ދުޢާކޮށްދެއްވާ— އަޅުގަނޑު ފަސްޖެހުމުގެ ސަބަބަކީ އަލްފާންސޫއާ ތޮޅޭން އަޅުގަނޑު ޖެހިލުންވާތީއެއް ނޫން. އޭގެ ސަބަބަކީ އަންދަލުސުގެ މުލޫކުއްޠަވާއިފުން ހިތްޕުޅުގެ އަޑީން އަޅުގަނޑާ ބައިވެރިވެވަޑައިގަންނަވާނެކަމެއް އަޅުގަނޑަކަށް އަދިވެސް ޔަގީނެއް ނުވޭ. އެބޭފުޅުން ދުޝްމިނުންގެ ސަފުގައި ބައިވެރިވެވަޑައިގަންނަވާނެނަމަ އަޅުގަނޑަށް އަންދަލުސަށް އެހީވެދެވޭނީ ކިހައިވަރަކަށްތޯ ނިންމާން އަޅުގަނޑަށް ވަރަށް ފަސޭހަވާނެ. ކާފަރުންދެކެ ބިރުފުޅުގެން ވަޑައިގަންނަވާ. އެކަމަކު މުސްލިމަކަށް އިތުބާރު ނުކުރައްވާ ބަޔަކާ ބައިވެރިވާކަށެއް އަޅުގަނޑު ގަބޫލެއް ނޫން. އަޅުގަނޑަށް އިޙުސާސުވާ ގޮތުގައި މި ހަނގުރާމަކުރާންޖެހޭނީ އަޅުގަނޑުގެ އަމިއްލަ ވަސީލަތްތަކުގެ ބޭނުންކޮށްގެން އަޅުގަނޑު އަމިއްލައަށް. އެހެންކަމުން އަޅުގަނޑުގެ މަޖްލިސުއްޝޫރާއާއި ލަޝްކަރުގެ އިސްއޮފިސަރުންނާ މަޝްވަރާ ނުކޮށެއް އަޅުގަނޑަކަށެއް ގޮތެއް ނުނިންމޭނެ. أميــرالبحـر سيـر بن أبى بـكـر އާއި ލަޝްކަރުގެ އިސްޖަނަރަލުންގެ އެތައް ބޭފުޅުންނެއް މިވަގުތަކު މިރަށަކު ވަޑައިގެނެއް ނުއުޅުއްވާ. އެބޭފުޅުން މިއަދު ނުވަތަ މާދަމައަކު ވަޑައިގެންފާނެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވާ އެއްޒުވާނަކީ ކަލޭގެފާނު ދެނެވަޑައިގަންނަވާނެ ބޭފުޅެއް. سعد بــن عبـدالمـنعــم މިތަނަށް ފޮނުއްވީތީ އަޅުގަނޑު ކަލޭގެފާނަށް ޝުކުރު ދަންނަވަން. އޭނާގެ އިޚުލާޞްތެރިކަމާއި ވިސްނުންފުޅު ތޫނުކަމަށް އަޅުގަނޑު އިތުބާރުކުރަން. ޖަބަލުއްޠާރިޤުގެ ބަނދަރު އަޅުގަނޑުމެންނަށް އެންމެ ރަނގަޅުވާނެކަމަށް އޭނާ މަޝްވަރާ ދެއްވައިފިނަމަ އަޅުގަނޑު ކޮންމެހެން معـتـمـد ގެ ފިކުރުފުޅު ބޮޑުކުރުވާކަށެއް ނުއުޅޭނަން. ކަލޭގެފާނު ބޭނުންފުޅުކަމުގައިވާނަމަ މަޑުކޮށްލައްވާ. މަޖްލިސުއްޝޫރާގައި ޚިޔާލު ފާޅުކުރެއްވުމުގެ ފުރުސަތު ކަލޭގެފާނަށް އަރުވާނަން. އެކަމަކު މުލޫކުއްޠަވާއިފުންގެ މަންދޫބުން ދެން މިތާނގައި މަޑުކުރެއްވުމުގެ ބޭނުމެއްނެތް. އެބޭފުޅުން އެނބުރި ވަޑައިގަންނަވާންވީ."
* * * * * * * * * * *
އަންދަލުސުގެ ދަންނަބޭކަލުންނާއި މުލޫކުއްޠަވާއިފުންގެ މަންދޫބުން އެރޭގެ ޢިޝާނަމާދަށްފަހު ގެންދެވީ މެހުމާންސަރާގެ ދެކޮޓަރިޔެއްގައި ތިއްބަވައިގެން ޚިޔާލުފުޅު ބަދަލުކުރައްވަމުންނެވެ. މުލޫކުއްޠަވާއިފުންގެ މަންދޫބުން ތިއްބެވި ކޮޓަރީގައި ވާހަކަ ދައްކަވަމުން إبـن زيـدون އޭނާގެ އެކުވެރީންގެ އަރިހުގައި ވިދާޅުވިއެވެ. "މުރާބިޠީނުގެ أميــر އަކީ އަޅުގަނޑުމެންނަށް އަރަތެއްކަހަލަ ބޭފުޅެއް. އަޅުގަނޑު ހައިރާންވެއްޖައިން. އަޅުގަނޑުމެން އެނބުރިގޮސް ދައްކާނީ ކޮން މޫނެއްބާ؟"
އޭނާގެ ބައިވެރިޔަކު ޚިޔާލު ފާޅުކުރެއްވިއެވެ. "މިބައިމީހުން މިހައި ނާތަހުޒީބުކަން އަންދަލުސުގެ ހަރުދަނާ މީހުންނަށް އެނގިއްޖެނަމަ ހީވާގޮތުން އެމީހުން ތަރުޖީހުދޭނީ ނަޞާރާއިންގެ އަޅުވެތިކަމަށް. މާލިޤާގެ أميــر ގެ ވާހަކަފުޅު ރަނގަޅުކަން އެނގިއްޖެ. މިބައިމީހުންގެ އެހީގައި އަޅުގަނޑުމެންނަށް ނަޞާރާއިންގެ ކިބައިން ސަލާމަތްވެވުނު ކަމުގައިވިޔަސް އަޅުގަނޑުމެންނަށް ޖެހޭނީ މި ވަޙުޝީންގެ އަޅުވެތިކަން ގަބޫލުކުރާން. މިބައިމީހުން އަންދަލުސުގައިވެސް އެފުރިކާގެ ޤާނޫނު ހިންގާންފެށުމުން އަޅުގަނޑުމެންނަށް ޖެހޭނެ ހާލެއް ދެނެވޮޑިގެންވާނީ ކަލާނގެ ރަސްކަންފުޅު. މިވެރީން އަޅުގަނޑުމެންގެ ޤަރުނުތަކެއްގެ ތަމައްދުނާއި ތަހުޒީބު ވީރާނާކޮށް ސުންނާފަތިކޮށްލާނެ. އިޝްބީލިއްޔާއާއި ޤުރުޠުބާގެ މަރުމަރު ހިލައިގެ ގަނޑުވަރުތަކުގައި މިބައިމީހުންގެ އަސްތައް ބަންނާން ފަށައިފާނެ. އަޅުގަނޑުމެންގެ ނަންހުރި ޝާޢިރުންނާއި އަދީބުންނާއި، ފަލްސަފީންގެ ގޮނޑިކޮޅުތަކުގައި ބެޓިގެން ތިބޭނީ މިއުޅޭ ވީދިފައިވާ ޤުބާތައް ލައިގެން އުޅޭ ޢިލްމުވެރީން. އަޅުގަނޑުމެންނަށް ނަޞާރާއިންގެ ކިބައިން ސަލާމަތް ވެވިދާނެ. އެކަމަކު ޙަޔާތުގެ ހުރިހައި އުފާތަކަކާއި މީރުކަމަކާއި ލައްޒަތެއް އަޅުގަނޑުމެންގެ އަތުން ފޭރިގަންނާނެ."
ދެވަނަ ބޭފުޅަކު ވިދާޅުވިއެވެ. ސިޓީއެއްވެސް ކިޔައިލާން ނޭނގޭވަރުގެ މީހަކާ އަޅުގަނޑުމެން ގުޅުވަންވީ އުންމީދެއް އަޅުގަނޑުގެ ވިސްނުމަކަށް ނުވެސް ގެނެވޭ."
ތިންވަނަ މަންދޫބެއް ޚިޔާލު ފާޅުކުރެއްވިއެވެ. "ކަލާނގެ ރަސްކަންފުޅު ގަންދެން. އަޅުގަނޑުމެންގެ އަމީރުންގެ އަސްގުދަންތައްވެސް އޭނާ ހުންނަވާ ގެކޮޅަށްވުރެ މާބޮޑަށްވެސް ފެންވަރު ރަނގަޅު. އަޅުގަނޑުމެންގެ މަސްވެރީންގެ ހެދުންތައްވެސް އޭނާގެ ހެދުންކޮޅަށްވުރެ ހާސްބައި ރަނގަޅު. މިތާކު މޮޅުމީހުންނާއި ދެރަމީހުންގެ އެއްވެސް ތަފާތެއް ނެތް. އަންނަ ކޮންމެ މީހަކުވެސް އަންނަގޮތަށް އައިސް އެބައިމީހުންގެ أميــر ގެ ތޮއްވަރީގައި އިށީންނާންވީ. މިތާކު ދޮރުވާނެއް، ފާރަވެރިޔެއް ނުހުރޭ. އިއްޔެވެސް މިސްކިތުގެ ދޮރުމަތީން މުސްކުޅިޔަކު އޭނާގެ ޤުބާކޮޅު ވީދަވީދައި ހުއްޓައި ފެނުނު. އޭގެ އަނެއްދުވަހު ގެރިބަކަރި ހުއިހައްޕާ ބަޔަކު އޭނާ ވަށައިލައިގެން އުޅެނިކޮށް ދިމާވި. މިފާޑުގެ މީހަކު އަންދަލުސަށް ވެރިވެއްޖެނަމަ އަޅުގަނޑުމެން އެންމެން ލަވަމުން ގެންދާނީ އެއްލަޓިގަނޑަކުން. ޢަދުލުއިންޞާފުގެ ގޮނޑިތައް ފަޅުފިލުވާނީ أبـو جـعـفـر ވައްތަރުގެ މީހުން. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ أميــر ންނަށް ޖެހޭނީ އޭނާގެ ކުރިފުޅުމަތީގައި މުޖުރިމުންނާ އެއްކޮށިގަނޑެއްގައި ޖެހިޖެހިގެން ހުއްޓި ތިބޭން."
إبـن زيـدون ގެންދެވީ ހަނުހިމޭނުން އިންނަވައި އެބޭފުޅުންގެ ފާޑުވިދާޅުވުންތައް އަޑުއައްސަވަމުންނެވެ. އޭނާ އެންމެފަހުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ޚިޔާލު ތިޔަބޭފުޅުންނާ މުޅީން ތަފާތު. މުރާކިޝްގައި ދުވަސްކޮޅަކު ހުރެވުމުން އަޅުގަނޑަށްވަނީ ކަންތައްތަކެއް ލޮލަށް ފެނިފައި. އެއަށްފަހު އަޅުގަނޑަށް އިޙުސާސްވަނީ އަންދަލުސުގެ ޢާލިމުންނާއި އަމީރުން أميــر يـوسف އެބޭފުޅުންގެ އެންމެފަހުގެ އެހީތެރިޔެއްކަމުގައި ބެއްލެވިކަމީ ކުރެއްވުނު ކުށެއް ނޫންކަމުގައި. އަލްފާންސޫގެ ބައިބޯ ލަޝްކަރު ބަލިކުރެވޭނީ އެބޭފުޅެއްގެ އުރަކޮޅުގައި އިސްލާމީ ކަނޑިކޮޅެއް އޮތް މުޖާހިދަކަށް. އަޅުގަނޑުވަނީ މުރާބިޠީނުގެ أميــر ގެ އުނަގަނޑުފުޅުން އިސްލާމްދީނުގެ ކަނޑިކޮޅުތަކުގެ ތެރެއިން ކަނޑިކޮޅެއް ދެކެފައި. އޭނާގެ ކޮންމެކަމެއް އަޅުގަނޑުމެންނަށް އަޖާއިބެކޭ ހީވަނީ އަޅުގަނޑުމެންނަށް މިހާރު އިސްލާމްދީނާ މާދުރަށް އާދެވިފައިވާތީ. އަޅުގަނޑުގެ މުޅި އުމުރުގައިވެސް މިހައި ސާދާ އެކަމަކު މިއަށްވުރެ ކީރިތި މޫރިތިކަންހުރި ޝަޚުޞިއްޔަތެއް ނުދެކެން. އޭނާގެ މޭފުޅުގައިވަނީ ސަހަރާއެއްގެ ތަނަވަސްކަމާއި މާކަނޑެއްގެ ފުންކަން. އަޅުގަނޑަށް އިޚުތިޔާރު އޮތްނަމަ އޭނާ ޖަޒީރަތުލްޚަޟުރާއުއަށް އެދިވަޑައިގެންނެވި އެދިވަޑައިގެންނެވުން ރައްދުކުރުމުގެ ބަދަލުގައި އިޝްބީލިއްޔާ ސަރުކާރުގެ ހުރިހައި ބަނދަރުތަކެއް މަނިކުފާނާ ހަވާލުކޮށްފީމޭ ދެންނެވީމުސް. އަޅުގަނޑު سلطـان معـتـمـد ގެ ވަޒީރެއްގެ ބަދަލުގައި އަންދަލުސުގެ އާއްމު މުސްލިމެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާނަމަ އަޅުގަނޑު ބުނާނީ ދާއިމީ ނުރައްކަލުން އަންދަލުސު ސަލާމަތްވާނެގޮތަކީ އެއްވެސް ޝަރުޠަކާ ނުލައި މުރާބިޠީނުގެ أميــر ގެ ކިޔަމަންތެރިކަން ގަބޫލުކުރުމޭ."
قـاضى أبـو جـعـفـر އާއި އެކަލޭގެފާނާ އެއް ޚިޔާލުފުޅުގެ އެކުވެރީންވެސް ގެންދެވީ أميــر يـوسف އާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވަމުންނެވެ. އެބޭފުޅުން ތިއްބެވީ ވަކިކޮޓަރިކޮޅެއްގައެވެ. قـاضى أبـو جـعـفـر ވިދާޅުވިއެވެ. "އަނެއްކާވެސް އަޅުގަނޑުމެންނަށް މިވަނީ މުލޫކުއްޠަވާއިފުންނާ އެއްބާރުލުމުގެ ގޯސް ހެދިފައި. މުލޫކުއްޠަވާއިފުންގެ މަންދޫބުންނާ ވަކީން އަޅުގަނޑުމެން އެކަނި އައިނަމަ އެފުރިކާގެ ޢިލްމުވެރީންގެ މައްޗަށް އަސަރު ފޯރުވޭނެ. އެކަމަކު އޭގެތެރެއިން ބައެއް ބޭކަލުން މިހާރު ހީފުޅުކުރައްވަނީ އަޅުގަނޑުމެން އައީ މުލޫކުއްޠަވާއިފުންގެ ހަތިޔާރަކަށް ވެގެންކަމަށް. އަންދަލުސުގެ އާންމުންގެ ތަރުޖަމާނުންގެ ހައިސިއްޔަތަކުން ނޫންކަމަށް. معـتـمـد، أميــر يـوسف އަށް ދަޢުވަތު ދެއްވީ ހެޔޮނިޔަތުގައި ކަމަކަށްވެސް ބައެއް ބޭކަލުން ގަބޫލެއް ނުކުރައްވާ. ރަޙުމަތްތެރިޔަކަށް ހެދިވަޑައިގެން ޤުރުޠުބާގެ އަހުލުވެރީންނަށް ކެހިދެއްވައިފައިވާ ބޭފުޅަކަށް އިތުބާރު ކުރައްވާކަށެއް އެބޭކަލުން ބޭނުންފުޅެއް ނޫން. އެބޭކަލުން ވިސްނައިވަޑައިގަންނަވާ ގޮތުގައި އެފުރިކާގެ ފައުޖު އަންދަލުސުގެ އައްސޭރީގައި ފައިޖައްސައިލާއިރަށް معـتـمـد އާއި ދެން ތިއްބެވި މުލޫކުއްޠަވާއިފުން އަލްފާންސޫއާ އެކުވެރިކަމުގެ މުޢާހަދާއެއް ކުރެއްވުމަކީވެސް އެކަށީގެންނުވާ ކަމެއް ނޫން."
إبـن أدهــم ވިދާޅުވިއެވެ. "މުލޫކުއްޠަވާއިފުންނާމެދު ކޮންމެފަދަ ނުބައިކަމަކަށްވެސް އުންމީދު ކުރެވިދާނެ. ނަމަވެސް..... ދެން ވާނީ ކިހިނަކުންތޯ؟ އަންދަލުސުގެ ތަޤުދީރުގައިވަނީ ހަލާކުވުން ކަމުގައި ގަބޫލުކޮށްގެން އެނބުރި ދާންވީތޯ؟"
قـاضى أبـو جـعـفـر ވިދާޅުވިއެވެ. "އަޅުގަނޑު މާޔޫސެއް ނުވަން. އަޅުގަނޑު ދުވަސްކޮޅަކު މިތާނގައި މަޑުކޮށްލާނަން. أميــر يـوسف އެމަނިކުފާނުގެ އެންމެފަހުގެ ނިންމެވުން ނިންމަވާނީ އެފުރިކާގެ ޢިލުމުވެރީންނާއި ޤަބީލާތަކުގެ އިސްވެރީންނާއި ލަޝްކަރުގެ އެންމެ އިސްއޮފިސަރުންގެ ބައްދަލުކުރެއްވުމެއްގައި. އެބޭކަލުންގެ ނިންމެވުން އޮންނާނީ އަޅުގަނޑުމެންނާ އެއްކޮޅަށްކަން އަޅުގަނޑަށް ޔަގީން. އޭރަކުން ޖަޒީރަތުލްޚަޟުރާއާ ބެހޭގޮތުން معـتـمـد ކުރައްވާ އިޙުތިޖާޖަކަށްވެސް ބަލައިލުމެއް ނޯންނާނެ. އެކަމަކު އެކަން އަދި ފާޅުނުކުރައްވާތި—"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު