ބޮލީވުޑް

ރަންވީރުގެ ''ސާކަސް''ގައި ހިޔާލީ ދުނިޔެއެއް ދައްކުވައިދޭން މަސައްކަތް ކޮށްފައިވާނެ: ރޯހިތު ޝެޓީ

ރަންވީރު ސިންގު ފެނިގެންދާ ފިލްމު، ''ސާކަސް''ގައި ހިޔާލީ ދުނިޔެއެއް ދައްކުވައިދޭން މަސައްކަތް ކޮށްފައިވާނެ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފިއެވެ.

އޭނާ އެހެން ބުނެފައިވަނީ އެ ފިލްމާ ގުޅޭ ގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ރޯހިތު ބުނީ، މި ފިލްމަކީ 1969-1970ގެ އަހަރުތައް ދައްކުވައިދޭނެ ފިލްމެއް ކަމަށާއި އޭރުގެ ކޮމެޑީއަށް ހާއްސަ ކުރެވިފައިވާނެ ކަމަށެވެ.

''އަހަރެމެން މި މަސައްކަތް ކުރަނީ އެއަށް އާ ކަންކަން އިތުރުކުރަން. އެކަމުގެ މަސައްކަތްތައް ކުރިއަށްދަނީ. ފުދޭ ވަރަކަށް ސްޕެޝަލް އިފެކްޓު ބޭނުން ކުރެވޭނެ. ހިޔާލީ ދުނިޔެއެއް ދައްކުވައިދޭން މަސައްކަތް ކުރާނެ،'' ރޯހިތު ޝެޓީ ބުނެފައިވެއެވެ.

''ސާކަސް'' އަކީ ކޮމެޑީ ޑްރާމާއެކެވެ. ބެލުންތެރިންނާ ހަމައަށް މިއަހަރުގެ ޑިސެމްބަރު 31 ގައި ރިލީސް ކުރަން ނިންމާފައިވާ މި ފިލްމުގައި ޕޫޖާ ހެގްޅޭ އަދި ޖެކްލިން ފެނަންޑޭޒް ލީޑު ރޯލުން ފެނިގެންދާނެއެވެ.

ރޯހިތު ޝެޓީ އަދި ރަންވީރުގެ ޓީމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާ ޓީމެކެވެ. އެގޮތުން 2018 ވަނަ އަހަރު ރޯހިތު ޝެޓީ ނެރުނު ''ސިމްބާ'' އަކީ ރަންވީރާއެކު އޭނާ މަސައްކަތް ކުރި ފުރަތަމަ ފިލްމެވެ. އަދި އެ ފިލްމު ވަނީ ގިނަ ބަޔަކަށް ކަމުގޮސްފައެވެ. ސިމްބާގެ ކާމިޔާބީއަށްފަހު މި ފިލްމަކީ ރޯހިތު ޝެޓީ އާއި ރަންވީރު އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ.