މަޝްހޫރު ތެލިނގޫ އެކްޓަރު އައްލޫ އަރްޖުން ކޯޓަށް ހާޒިރުވުމަށް ހައިދަރްއާބާދުގެ ނަމްޕައްލީ ކޯޓުން އަންގައިފިއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މި ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

އައްލޫ އަރްޖުން ކޯޓަށް ހާޒިރުވާން އަންގާފައި މިވަނީ، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު އޭނާގެ ފިލްމު “ޕުޝްޕާ 2” ގެ ޕްރިމިއާ ދެއްކުމުގެ ތެރޭގައި ސަންދްޔާ ތިއޭޓަރު ކައިރީގައި ހިނގި ފިތިބާރުވުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުމަކަށެވެ. އައްލޫ އަރްޖުންގެ ގާނޫނީ ޓީމުން ބުނި ގޮތުގައި، ހޯމަ ދުވަހު އޮންނަ އަޑުއެހުމަށް އޭނާ އަމިއްލައަށް ކޯޓަށް ހާޒިރުވުމަށް ނަމްޕައްލީ ކޯޓުން ވަނީ ޗިޓު ފޮނުވައިފައެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފުސީލު ފަހުން ހާމަކުރާނެ ކަމަށްވެސް އެ ޓީމުން ބުނެފައިވެއެވެ. މި މައްސަލައިގައި މީގެ ކުރިން އައްލޫ އަރްޖުން ހައްޔަރުކޮށްފައިވާއިރު، އޭނާ މިހާރު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފައެވެ.

މި މައްސަލައިގެ ތަހުގީގަށްފަހު ޗިކަޑްޕައްލީ ފުލުހުން ކޯޓަށް ހުށަހެޅި 100 ސަފުހާގެ ޗާޖްޝީޓުގައި ޖުމްލަ 23 މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި އައްލޫ އަރްޖުން ހިމެނެނީ ދައުވާ ލިބޭ 11 ވަނަ މީހާގެ ގޮތުގައެވެ. ދައުވާ ލިބޭ ފުރަތަމަ 10 މީހުންނަކީ ސަންދްޔާ ތިއޭޓަރުގެ މެނޭޖްމަންޓުގައި ހިމެނޭ ފަރާތްތަކެވެ. މީގެ އިތުރުން އައްލޫ އަރްޖުންގެ ސެކިއުރިޓީ ޓީމާއި އިވެންޓް އިންތިޒާމުކުރި ފަރާތްތައްވެސް ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން، ނަމްޕައްލީ ކޯޓުން މިހާތަނަށް ވަނީ ދައުވާ ލިބޭ 19 މީހަކަށް ކޯޓަށް ހާޒިރުވުމަށް ސަމަންސް ފޮނުވައިފައެވެ. ފުލުހުން ވަނީ އައްލޫ އަރްޖުންގެ މައްޗަށް ގަސްތުގައި މީހަކަށް އަނިޔާއެއް ދިނުމުގެ ދައުވާ އުފުލައިފައެވެ.

މި ހާދިސާއާ ގުޅިގެން 13 ޑިސެންބަރު 2024 ގައި އޭނާ ހައްޔަރުކޮށް 14 ދުވަހުގެ މުއްދަތަށް ބަންދުކުރިއެވެ. ނަމަވެސް ފަހުން ހައިކޯޓުން ވަނީ އޭނާއަށް ކަފާލާތު ދީފައެވެ. ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖްތަކަށް ބިނާކޮށް ފުލުހުން ވަނީ ތިން ގަޑިއިރު ވަންދެން އޭނާއާ ސުވާލުކޮށްފައެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 4 ޑިސެންބަރު 2024 ގައެވެ. އެރޭ ސަންދްޔާ ތިއޭޓަރުގައި “ޕުޝްޕާ 2” ގެ ހާއްސަ ޝޯއެއް ކުރިއަށްދިޔައިރު، އައްލޫ އަރްޖުން ދެކިލުމަށްޓަކައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އައްލޫ އަރްޖުން އެތަނަށް އައުމާއެކު، އޭނާއާ ކައިރިވުމަށް މީހުންގަނޑު ކުއްލިއަކަށް ކުރިއަށް ޖެހިގަތުމުގެ ސަބަބުން ތިއޭޓަރުގެ ބޭރުގައި ބޮޑު ހަމަނުޖެހުމެއް އުފެދި، ފިތިބާރުވުން އުފެދުނެވެ. ފުލުހުންގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، މި އިވެންޓް ބޭއްވުމަށް އެކަށީގެންވާ ހުއްދައެއް ދީފައެއް ނުވެއެވެ. އަދި އައްލޫ އަރްޖުން އެ ސަރަހައްދުގައި ރޯޑްޝޯއެއް ބޭއްވުމަށް ހުށަހެޅި ހުއްދަވެސް ކަމާބެހޭ ފަރާތްތަކުން އޮތީ ބާތިލުކޮށްފައެވެ. ނަމަވެސް އޭނާ އެތަނަށް ދިއުމުން މީހުން ކޮންޓްރޯލް ނުކުރެވި މި ހާދިސާ ހިނގަން މެދުވެރިވީއެވެ.

މި ފިތިބާރުވުމުގެ ތެރޭގައި އުމުރުން 35 އަހަރުގެ ރޭވަތީ ނަމަކަށް ކިޔާ އަންހެނަކު ވަނީ މަރުވެފައެވެ. އޭނާ އެތަނަށް ދިޔައީ ފިރިމީހާ ބާސްކަރް އާއި ދެ ކުދީންނާއެކުގައެވެ. އެއީ އޭނާގެ 8 އަހަރުގެ ފިރިހެން ދަރިފުޅު ސްރީ ތޭޖާއަކީ އައްލޫ އަރްޖުންގެ ވަރަށް ބޮޑު ސަޕޯޓަރަކަށް ވާތީއެވެ. މި ހާދިސާގައި ސްރީ ތޭޖާއަށް ވަރަށް ބޮޑަށް އަނިޔާ ވެ، ސިކުނޑީގެ 70 އިންސައްތަ ހަލާކުވެފައިވާ ކަމަށް މެޑިކަލް ރިޕޯޓުތަކުން ބުނެއެވެ. އޭނާ އަދިވެސް އޮތީ އެނދުމަތިކޮށްފައެވެ. އަދި ކާންދިނުމާއި ނޭވާލުމަށް ބޭނުންކުރަނީ ހޮޅިއެވެ. ދަރިފުޅަށް ފަރުވާ ދިނުމަށްޓަކައި ބާސްކަރް ވަނީ އޭނާ އަދާކުރަމުންދިޔަ ވަޒީފާވެސް ދޫކޮށްލައިފައެވެ.

މި ހާދިސާއަށްފަހު، ފިލްމީ ދާއިރާގެ އިވެންޓްތަކުގައި މީހުން ކޮންޓްރޯލް ކުރުމާއި ސެކިއުރިޓީގެ ކަންކަން ހުންނަ ގޮތާމެދު އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ފެށުނެވެ. އަދި އައްލޫ އަރްޖުންއާއި އޭނާގެ އާއިލާއިން ވަނީ އަނިޔާ ލިބުނު އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، ސްރީ ތޭޖާގެ ބޭސްފަރުވާއަށް އައްލޫ އަރްޖުން މާލީ އެހީތެރިކަން ފޯރުކޮށްދިންއިރު، އޭނާގެ ބައްޕަ އަދި މަޝްހޫރު ޕްރޮޑިއުސަރު އައްލޫ އަރަވިންދު ވަނީ ރޭވަތީގެ އާއިލާއަށް އެހީތެރިވުމުގެ ގޮތުން 2 ކްރޯޑް ރުޕީސް ދޭނެކަން އިއުލާނުކޮށްފައެވެ.