ވެކްސިން ގެ ދެޑޯޒް ހަމަކޮށް އެމެރިކާގައި ކަރަންޓީނު ނުވެ ދަތުރު ކުރެވޭ ގޮތް ހަދައިފިއެވެ.
އެމެރިކާގެ ސެންޓަފޯ ޑިޒީސް ކޮންޓްރޯލުން އާންމު ކޮށްފައިވާ މައުލޫމާތުގައި ބުނަނީ ކޮވިޑްގެ ވެކްސިން ފުރިހަމަ ކުރުމަށްފަހު އެގައުމުގެ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ކަރަންޓީނު ވާން ނުޖެހޭނެ ކަމަށާއި ޓެސްޓުވެސް ހަދަން ނުޖެހޭނެ ކަމަށެވެ.
ސީޑީސީ އިން ބުނެފައިވާ ގޮތުގައި ވެކްސިން ދެ ޑޯޒް ޖެހި ނަމަވެސް ދަތުރުކުރުމުގައި މާސްކު އެޅުން މަޖުބޫރު ވާނެކަމަށެވެ.
އެމެރިކާގައި ފިޔަވަޅުތަކަށް ލުއިދޭން ފަށައި ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ކަރަންޓީނު ވާން ނުޖެހޭނެ ކަން ހާމަކުރުމާއެކު އެގައުމުގެ ގިނަ ބަޔަކު ވަނީ އެއްތަނުން އަނެއް ތަނަށް ދަތުރުކުރަން ފަށާފައެވެ.
އެެމެރިކާގެ އެތެރޭގެ ބައެއް އެއާލައިންތަކުން ވެސް ވަނީ އެ އެއާލައިން ތަކުގެ ބުކިން ހަދާ ނިސްބަތް 90 އިންސައްތަ އިތުރުވެފައިވާ ކަމަށް ބުނެފައެވެ.
އެެމެރިކާގައި ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާއިރު އެގައުމުގެ ކޮވިޑް ކޭސްތައް އަދިވެސް ހުރީ މަތީގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް އެގައުމުން 77،000 އަށްވުރެ ގިނަ ކޭސް ފެނިފައިވެއެވެ.