ޅ. ނައިފަރުން 141 މީހަކާއި އެ އަތޮޅު ފެލިވަރުން 245 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނައިފަރުން އިތުރު 42 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 141 އަށް އަރައިފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ފެލިވަރުން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެގޮތުން އެރަށުން 89 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 245 އަށް އަރައިފައެވެ.

އެއަތޮޅު ހިންނަވަރުންވެސް މިއަދު ވަނީ ހަތް މީހަކު ޕޮޒިޓިވްވެފައެވެ. އެއާއެކު އެރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 19 އަށް އަރައިފައެވެ. އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފުރަބަންދުގައި ތިބި ތިން މީހަކު ހިމެނެއެވެ.

މީގެ އިތުރުން އެ އަތޮޅު ކުރެންދޫން މިއަދު ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ނައިފަރުން ކޮވިޑް ކޭސްތަކެއް ފެނިގެން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މިދިޔަ ހޮނިހިރު ދުވަހު ހިންނަވަރު މޮނީޓަރިންގެ ހާލަތަށް ގެނައި އިރު، އޮޅުވެލިފުށި މޮނީޓަރިންއަށް ގެނެސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ޅ. ފެލިވަރު މަސް ފެކްޓަރީގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ.