އަންނަ ރޯދަ މަހުގެ އިނާޔަތް ދިނުމުގައި އަމަލު ކުރަންޖެހޭ އުސޫލު ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކޮށްފި އެވެ.

އެ އުސޫލުގައި ވާ ގޮތުން ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދޭން ހަމަޖެހިފައިވަނީ މިމަހު އަށް ވަނަ ދުވަހު އެވެ.

ވަޒީފާއާބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭން ޖެހޭނެ އެވެ. އެ އިނާޔަތް ދިނުމުގެ އުސޫލުގައި ބުނެފައިވަނީ މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އެ އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށެވެ.

އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު، ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ވަޒީފާ އިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދައި، އެ ފައިސާ އަނބުރާ ދޭން ޖެހޭނެ ކަަމަށް ވެސް ބުނެފައިވެ އެވެ.

ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރަސްމީ، ހަތް ދުވަހުގެ ތެރޭގައި ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ދޭންޖެހޭނެ ކަމަށާއި އެ ގޮތަށް ފައިސާ ދިނުމުގައި ދުވާލަކަށް ޖެހޭ އަދަދު ބަލާނީ 30 އިން ގެއްލައިގެން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ރޯދަ މަހުގެ ތެރޭގައި ވަޒީފާ އިން ވަކިވުމަށް ހަމަޖެހިފައިވާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭނީ އެމަހުގައި އެމީހަކު މަސައްކަތް ކުރި ދުވަހަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އުސޫލުގައި ބުނީ، ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، "ޕޭ ލީވް" ސްކޮލަޝިޕް މުވައްޒަފުންނާއި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ހަމަޖައްސައި ދޭން ނުޖެހޭނެ ކަމަށެވެ. އަދި އެފަދަ "ލީވް" އެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އެނބުރި ހިދުމަތަށް ނުކުމެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް

އިނާޔަތުގެ ފައިސާ ދިނުމަށް ވެސް ހިމަނާފައިވެ އެވެ.

ރޯދަ މަހުގެ ތެރޭގައި ޗުއްޓީއެއްގައި ހުރި މުވައްޒަފަކު ހިދުމަތުން ވަކިވާނަމަ، ވަކިވި ދުވަހާ ހަމައަށް ވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދަން ޖެހޭނެ ކަމަށާއި ރޯދަ މަހުގެ އިނާޔަތުގެ ފައިސާގެ ތަފުސީލު ތައްޔާރުކޮށް އެ ފައިސާ ހޯދުމަށް މިއަދުން ފެށިގެން އެ މިނިސްޓްރީއަށް ހުށަހެޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.