ސަތާރަވަނަ ބައި

"މަލްއަށް އަހަރެން އެހާ މުހިންމުވިނަމަ ސަތޭކަ ވިހި ފަހަރުގެ ތެރެއިން އެންމެ ބައި ސިކުންތަށް ނަމަވެސް ފޯނު ނެގީސް. ސޮރީ އެހާ ވަރަށް މަލްއަށް އުނދަގޫ ކުރެވުނީތީ" ވިއާން ބުނެލިއެވެ. އަހަރެން ވަރަށް ހިތުގައި ޖެހުނެވެ. ވިއާން ދެރަވެފައި އިންވަރު އޭނާގެ މޫނުމަތިން ހާމަވަމުން ދިޔައެވެ. އަހަރެން އަނގަ ހުސްކުރާ ވަރަކަށް ސަމްސަލުން ކާންދެމުން ދިޔައީ އެއްވެސް ފޫހިކަމެއް ނެތިއެވެ.

"ސޮރީ. އަހަރެން ފޯނު ނުނެގީއެއް ނޫން. އެހާވަރަށް ގުޅިކަމެއް ނުވެސް އިނގޭ. ސައިކަލު މަތީގައި އިނީ" އަހަރެން ބުނީމެވެ.

"އަހަރެންނަށް ޔަގީން އެންމެ ފުރަތަމަ ގުޅިއިރު މަލް ސައިކަލަށް ނާރާނެކަން. އޭރު ކިރިޔާ ވާރޭ ކަނި ޖަހަނީ. އަހަރެން ގުޅީ ބަލައި ދަންދެން މަޑުކުރާށޭ ބުނަން" ވިއާން ބުނެލިއެވެ.

"ސައިކަލަށް އަރައި ނައްޓައިލަން އުޅެނިކޮށް ހީވި ފޯނު ވައިބްރޭޓްވާހެން. ވިއާން ކަމެއް ނޭނގޭނެއްނު. ހިތަށް އެރީ އެހެން ކަމެއް ކުރާނީ އަވަހަށް ގެއަށް ގޮސްފައޭ. އަސްލު ދަބަހުގަ ފޯނު އޮތީމަ ނަގަން މަސައްކަތަށް. ސޮރީ އޭ ވިއާން. އަހަރެން ދެރަވާ ކަހަލަ އެއްޗެހި ނުކިޔަބަލަ. ކީއްވެތަ ވިއާން ގުޅީމަ އަހަރެން ފޯނު ނުނަގަންވީ" އަހަރެން ބުނީމެވެ. ބޭސްއަޅާފައި އޮތް އަތުން އަހަރެންނަށް ވިއާންގެ އަތުގައި ހިފުނެވެ. އެ އަތަށް ވިއާން އިރުކޮޅަކު ބަލަހައްޓައިގެން އިނެވެ. ދެން އިރުކޮޅަކުން މަޑުމަޑުން ބޭސްގަނޑު މަތީގައި ފިރުމާލައިފިއެވެ. އަތުގައި ހިފައި އުފުލައިލުމަށްފަހު މޫނާ ކައިރިކޮށްލައިފިއެވެ. އަހަރެން އިނީ ވިއާންގެ ހަރަކާތްތަކަށް ބަލާށެވެ. ހިތުގެ ހިނގުން ކުރިއަށް ވުރެ އަވަސްވެލިހެން ހީވިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅެފައިވެސް ފިލައިގެން ދިޔައީ އަހަރެން އަތް ވިއާން ދުރުކޮށްލުމުންނެވެ.

އަހަރެން ވިއާނަށް ބަލައިލިއިރު ދެތިން ފަހަރު އެސްފިޔަ ޖަހައިލި މަންޒަރު ފެނުނެވެ. ނޫންކަމަށް ހަދަން މަސައްކަތްކުރާ ކަހަލައެވެ. ބަތް ހުސްކުރި ތަށި ދުރުގައި ބަހައްޓާފައި އަހަރެން އަތަށް ޖޫސްތަށި ލައިދިނެވެ. އެހުރިހާއިރު ވިއާން އަނގައިން ނުބުނެއެވެ. ހުސްތަށި ދިއްކޮށްލުމާއެކު ބަހެއް ނުބުނެ ހިނގައްޖެއެވެ. އަހަރެންނަށް ވިއާންގެ ހަރަކާތްތަކާ މެދު ވިސްނުން ހިންގައިލެވުނެވެ. އިހުސާސްތައް ހިފަހައްޓަން ވިއާން މަސައްކަތް އެކުރަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ވިއާންގެ ލޯބި ގަބޫލުނުކޮށްފާނޭ އޭނާއަށް ހީވަނީ ހެއްޔެވެ؟ ނޫނީ ވިއާން ހީކުރަނީ އަހަރެން އޭނާގެ އަތުގައި ހިފުމަށްފަހު ދެތިން ދުވަސް ފަހުން ދޫކޮށްލާފައި ހިނގައިދާނެހެން ހެއްޔެވެ؟ އަންހެންކުއްޖަކަށް އިތުބާރު ނުކުރެވޭ ފަދައިން ވިއާނަށް އޭނާގެ އަމިއްލަ ނަފްސަށްވެސް އިތުބާރު ނެތީ ހެއްޔެވެ؟

***

މުޅިން އާ ދުވަހެކެވެ. ނަމާދު ނުކުރެވޭތީ ފަތިސްނަމާދު ކުރާކަށް މާމަ ނުގޮވައެވެ. އަހަރެންނަށް ހޭލެވުނުއިރު ކޮޓަރި ތެރެއަށް ކޮންމެވެސް ވަރަކަށް ދުވާލުގެ އަލިކަން ފެތުރިފައި ހުއްޓެވެ. އެންމެ ފުރަތަމަވެސް އަހަރެންނަށް ބަލައިލެވުނީ ސައިޑް ކަބަޑު މަތީގައި އޮތް ފޯނަށެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ހެނދުނުގެ ސަލާން ވިއާން ފޮނުވާލާފައި އޮތްތަން ފެނުމުންނެވެ. އަދި ރަނގަޅަށް ސައިބޮއެގެން ބޭސްކާން ހަނދާންކޮށްދީފައި އޮތެވެ. ރޭގައި ހިނގި އެއްވެސް ކަމެއްގެ ވާހަކަ ވިއާން ދައްކާފައެއް ނެެތެވެ. މަޑުމަޑުން އެނދުން ތެދުވެ ފާހާނާ އާ ދިމާލަށް އަހަރެން ހިނގައިގަތީމެވެ. އަތާ ފައިގައި ހުރި ޒަހަމްތަކުގައި އަޅަމުން ދިޔަ ވޭން ކުޑައެވެ. އަމިއްލައަށް ހިނގައިލެވެއެވެ.

ކޮޓަރިން ނިކުމެ ދޮރުލައްޕައިލި އަޑު އިވުމުން ބެލްކަނީގައި ގަސްތައް ކައިރީގައި ހުރި މާމަ ބައިލިއެވެ. އަހަރެން މިސްރާބުޖެހީ ބަދިގެއަށެވެ. ފޯނުން ގަޑި ބަލައިލިއިރު ހެނދުނު ނުވައެއް ޖަހައި ބޮޑުވެއްޖެއެވެ.

"މިހާރު ކިހިނެއް؟ ތަދު އެބަހުރިތަ؟" އަހަރެން ފަހަތުން ބަދިގެއަށް އައިސް ވަން މާމަ އެހިއެވެ.

"މިހާރު ވަރަށް ފަސޭހަ" އަހަރެން ބުނީމެވެ.

"ތިހެރީ ސޭންޑްވިޗް ހަދާފަ. ރަނގަޅަށް ސައިބޯތި. މާމަ މިދަނީ ނަމާދުކޮށްލަން" އެހެން ބުނެފައި މާމަ ނިކުމެއްޖެއެވެ. ތަށިތަކުގެ މަތި ނަގާފައި އަހަރެން ގެނައި ތައްޓަށް ދެ ސޭންޑްވިޗް ލާފައި ކޮފީތައްޓެއް ހިފައިގެން އައިސް ގޮނޑީގައި އިށީނީމެވެ. ފޯނަށް ވިއާން ގުޅަންފެށީ އެވަގުތުއެވެ. އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ވިއާންގެ އެންމެ އިޝާރާތަކުންވެސް އަހަރެންގެ މުޅި ދުވަސް އުޖާލާ ކޮށްދެއެވެ.

"ސައި ބުއީތަ؟" އަހަރެން ފޯނު ނެގުމާއެކު ވިއާން އެހިއެވެ.

"ބޮނީ. ވިއާން ކިހިނެއް؟" އަހަރެން އެހީމެވެ.

"ރަނގަޅު. ސައިބޮއެގެން ބޭސްކާތި އިނގޭ. ކޮންއިރަކުން ބޭސް ބަދަލުކުރަން ދާންޖެހެނީ؟" ވިއާން އެހިއެވެ.

"އެމީހުން ބުނީ އެއްދުވަސް ދޫކޮށްލާފަ އަންނާށޭ" އަހަރެން ބުނީމެވެ.

"މަލް ގޮވައިގެން އަހަރެން ދާނަން. އެކަނި ދާން މަސައްކަތް ނުކުރާތި" ވިއާން ބުނެލިއެވެ. އެ ޖުމްލައިގައި ހަރުކަށި ކަމެއް ވިޔަސް އަހަރެންނަށް އިހުސާސް ކުރެވުނީ ލޯތްބެވެ. އަޅާލުމާ އޯގާތެރިކަމެވެ. އަހަރެންނަށް ހެވުނެވެ.

"އާދެ މަ ސާހިބް" އަހަރެން މަޑުމައިތިރިކަމާއެކު ބުނީމެވެ. ފޯނު ކަނޑައިލިއިރު ވިއާން ހީލައިގެން ހުންނާނެ ގޮތް އަހަރެންނަށް ސިފަކުރެވުނެވެ.

ސައި ބޮމުން ދިޔައިރު އަހަރެންގެ ވިސްނުމާ ފިކުރުތަކާ ގުޅިފައިވީ ވިއާނެވެ. ވިއާންގެ ކޮންމެ ބަހެއްގައި ކޮންމެ އަމަލަކުން އަހަރެންނަށް ލޯބި އިހުސާސް ކުރުވައެވެ. ވިއާންގެ ދުލުން އިއުތިރާފް ނުވާތީ އަހަރެންނަށް އުނދަގުވިއެވެ. ވިއާން ބޭނުންވަނީ ކުރިން އަހަރެން އިސްނަގުވަން ހެއްޔެވެ؟ އެގޮތަށް ވެސް އިޝާރާތެއް ކުރާނެ ނަމައެވެ. ދުވަހަކުވެސް ފިރިހެނަކަށް ކުރިން ލޯބި ހުށައެއްނާޅަމެވެ. އެކަމަކު ވިއާނަށްޓަކައި އަހަރެން އެފިޔަވަޅު އަޅަންވެސް މިހުރީ ތައްޔާރަށެވެ.

***

ގަޑިން ހެނދުނު އެގާރަ ޖަހައިލިހާއިރެވެ. ކޮލެޖަށްވެސް ނުދެވުމުން ގޭތެރޭގައި އަހަރެން ފޫހިވެގެން މޮޔަވާވަރު ވެއްޖެއެވެ. ފޯނާ ކުކުޅެ ދެއަތުގައި ރިއްސައެވެ. ބަދިގޭގައި ކުރާނެ މަސައްކަތެއް ނެތެވެ. އެހެންކަމުން އަހަރެން އައިސް މަޑުކޮށްލީ ސޯފާގައެވެ. ޓީވީ ހުޅުވައިގެން ސޯފާގައި އޮށޯވެލީމެވެ. އިރުކޮޅަކުން މާމަ އައިސް ކައިރީގައި ހުއްޓިއްޖެއެވެ. މާމަ ހުރީ ބޭރަށް ދާން ތައްޔާރުވެގެނެވެ. އަތުގައި އޮތް ފޯނު ލައިގެން ހުރި ހައުސްކޯޓުގެ ޖީބަށް ކޮށްލާފައި އަހަރެން ތެދުވަން އުޅުމުން އަތުގައި ހިފާލައި އެހީތެރިވެދިނެވެ.

"މާމަ ތަނަކަށް ދަނީތަ؟" އަހަރެން އެހީމެވެ.

"ރައްޓިއްސެއްގެ މާމަ ދަރިއެއްގެ ހުޅު ނެއްޓިގެން އުޅެނީ. މާމަ އަންނާނަން ވަރަށް އަވަހަށް އިނގޭ. މެންދުރަށް ކައްކާފަ ހުންނާނީ. ރަނގަޅީ މާމަ އަންނަންދެން ކާން މަޑުކޮށްލިއްޔާ. ބަންގީގެ ކުރިން އާދެވޭތޯ ބަލާނަން" މާމަ ވާހަކަދެއްކިއެވެ. އަހަރެން ބޯޖަހައިލީމެވެ.

އަނެއްކާވެސް ގޭތެރޭގައި އަހަރެން އެކަނިވިއެވެ. ސޯފާގައި އޮވެފައި ޓީވީއަށް ނަޒަރު ހުއްޓައިލީމެވެ. ކަމުދާ ކަހަލަ އެއްޗެއް ނުފެންނާތީ ރިމޯޓު ނަގާފައި ޗެނަލްތަކަށް ބަދަލުކުރަމުން ދިޔައިމެވެ. އެންމެފަހުން އަހަރެންނަށް ކަމުދާ ޗެނަލަކަށް ލެވިއްޖެއެވެ. ޔެސް ޓީވީން އެވަގުތު ގެނެސްދެމުން ދިޔައީ ދަރުހެކެވެ. ޝައުގުވެރިކަމާއެކު އަހަރެން ދަރުސް އަޑުއަހަމުން ދިޔައިމެވެ. އެނމެ ގަޔާވީ ދަރުސްގެ ތެރެއިން ގެނައި ދީނީ މައުލޫމާތު ކޮޅެވެ.

"ޝަޢްބާން މަހުގެ ރޯދަ" ޓީވިއަށް އަރާފައިވާ ލިޔުންކޮޅު މަޑުމަޑުން އަހަރެން ކިޔައިލީމެވެ. ދަރުހެއް އަޑުއަހައިގެން ކުރާނީ ފައިދާއެވެ. ހާއްސަކޮށް ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. ނޭނގޭ ކިތަންމެ އެއްޗެއް އިނގޭނެއެވެ. އިވެމުންދިޔަ ބަސްތަކުން އަހަރެން އިތުރަށް ޝައުގުވެރިކުރުވިއެވެ. އަހަރެންގެ ސާމާލުކަން އެއްކޮށް ދަރުހަށް ދެވިއްޖެއެވެ. އެހެންކަމުން ބޯދަށަށް ކުޝަނެއް ލެއްވުމަށްފަހު ސޯފާގައި ރީތިކޮށް އޮށޯވެލީމެވެ.

"ޝަޢްބާން މަސް ދެބައިވުމަށްފަހުގައި ރޯދަ ހިފިދާނެތޯ؟ ޝަޢްބާން މަސް ދެބައިވުމަށް ފަހުގައި ރޯދަހިފުން ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ މަނާ ކުރައްވާފައިވާ ކަމަށް އަޑުއިވިފައިވެއެވެ. އަބޫދާވޫދާއި ތިރްމިޛީ އަދި އިބްނުމާޖާ ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "ޝަޢްބާން މަސް ދެބައިވުމުން ތިޔަބައި މީހުން ރޯދަނުހިފާ ހުށި ކަމެވެ" މި ޙަދީޘް އަކީ ޝައިޚް އަލްބާނީ ސައްހަ ކަމަށް ވިދާޅުވެފައިވާ ޙަދީޘެކެވެ. މި ޙަދީޘުން ދޭހަވަނީ ޝަޢްބާން މަސް ދެބައިވުމުން ރޯދަހިފުން މަނާވެއްޖެ ކަމެވެ. މާނައަކީ ޝަޢްބާން މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރޯދަ ހިދުން މަނާވުމެވެ. ނަމަވެސް ބައެއް އެހެން ރިވާޔަތް ތަކުގައި ޝަޢްބާން މަހުގެ ފަހުބައިގައި ރޯދަ ހިފުން ހުއްދަވާނެ ކަމަށް އައިސްފައިވެއެވެ. އެގޮތުން ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ކުރިން ރޯދަ ހިފަމުން އައި މީހަކު ފިޔަވާ އެހެންމީހުން ރަމަޟާން މަހުގެ ކުރިން އެއްދުވަސް ނުވަތަ ދެދުވަހު ރޯދަ ނުހިފާ ހުށިކަމެވެ. މި ޙަދީޘްއިން ދޭހަވަނީ އާންމުކޮށް ރޯދަ ހިފަމުން އަންނަ މީހަކު ޝަޢްބާން މަހުގެ ފަހުބައިގައި ރޯދަ ހިފުމަކީ ހުއްދަ ކަމެއް ކަމެވެ. މިސާލަކަށް ކޮންމެ ހޯމަ ބުރާސްފަތި ދެދުވަހު ރޯދަ ހިފާ މީހަކު ނުވަތަ ދެދުވަހުން އެއްދުވަހު ރޯދަ ހިފިޔަސް ވެސް އެންމެ ރަނގަޅެވެ. ހަމަ މިފަދައިން ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މާތްﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. "ޝަޢްބާން މަހު އެއްކޮށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ރޯދަ ހިއްޕެވިއެވެ. ޝަޢްބާން މަހުގެ މަދު ދުވަހެއް ފިޔަވާ އެހެން ހުރިހާ ދުވަހަކު ރޯދަ ހިއްޕެވިއެވެ. މި ޙަދީޘުން ދޭހަވަނީ ޝަޢްބާން މަސް ފެށިގެން ރޯދަ ހިފަމުން އަންނަ މީހަކު ޝައްބާން މަހުގެ ފަހުބައިގައި ރޯދަ ހިފިޔަސްވެސް އެންމެ ރަނަޅު ކަމެވެ"

އެހިސާބަށް އަޑުއިވުނު ކަން އިނގެއެވެ. ދެން ވީގޮތެއް ނޭނގެއެވެ. ހޭލެވުނީ ގައިދަށުން ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ގައިދަށުން ފޯނު ނަގަން އަތްލައްވަން އުޅެއުޅެ އެކަމެއް ނުވިއެވެ. އަތް ވަދެގެން ދަނީ މަޑު ފޮތިގަނޑެއް ކަހަލަ އެއްޗެއްގެ ތެރެއަށެވެ. ރަނގަޅަށް ދެލޯ ހުޅުވާ ބަލައިލިއިރު ގައި މަތީގައި ރަޖައެއް އޮތެވެ. އަހަރެން ހައިރާންވިއެވެ. އަހަރެން ގައިމަތީގައި ރަޖާ އެޅީ ކާކު ކޮންއިރަކު ހެއްޔެވެ؟ ދަރުސް އަޑުއަހަން އޮށްވާ ނިދުނު އިރެއްވެސް ނޭނގެއެވެ. ހެޔޮކަމެއް ކުރަން އުޅެންޏާ އެކަމަކަށް ޝައިތާނާ ހުރަސް އަޅާނެއެވެ. ނާނާ ކިޔާފައި އަހަރެން ނިންދެވީ ޝައިތާނާއެވެ. ދެރަކަމަކީ އަހަރެމެންގެ ކޮންމެ މީހަކު ޝައިތާނާގެ ބަހަށް ހެއްލިގެންދާ ކަމެވެ. ވިސްނުނީމާ ދެރަވެއެވެ. އަހަރެންނަށްވެސް މިވީ އެކަހަލަ ގޮތެކެެވެ. އަޑުއިވުނީ ދަރުހުގެ އެއްބައެވެ. ޓީވީއަށް ބަލައިލިއިރު ކުޅިވަރު ހަބަރެއް އަންނަމުން ދިޔައެވެ. އަޑު ބާރުކަމުން މަޑުކޮށްލަން އުޅެ ރިމޯޓެއް ނުފެނުނެވެ. ތިރިއަށް ރިމޯޓް ވެއްޓި ބެޓްރިތައް އެކި ދިމާލަށް ގޮސްފައި ހުރިތަން ފެނުނީ ތިރިއަށް ދެފައި ބޭލި ފަހުންނެވެ. އަހަރެންނަށް ބޮލުގައި ޖަހައިލެވުނެވެ. މިހާރަކަށް އައިސް މާ ނިދި ގަދައީއެވެ.

***

ނަމާދު ނުކުރެވުނަސް ދެނަމާދު ދޭތެރެ އަބަދުވެސް އަހަރެން ހުސްކުރަނީ ޤުރުއާން ކިޔެވުމަށެވެ. މާތްﷲ ހަރާމްކުރައްވާފައިވަނީ އަންހެނާ ޙައިޟުގެ މުއްދަތުގައި މުސްހަފުގައި ބީހުމަށެވެ. ފޯނުން ކިޔެވުމަށް މަނައެއް ނުކުރެއެވެ. އެހެންކަމުން އަހަރެން ކިޔަވަމުން ދިޔައީ ފޯނުންނެވެ. އިޝާނަމާދަށް ފަހު އަހަރެން ކޮޓަރިން ނިކުންނަން ދަނިކޮށް މީހަކު ދޮރު ހުޅުވާލައިފިއެވެ. ކުރިމަތީގައި ވިއާން ހުއްޓާ ފެނުމުން އަހަރެންނަށް ހީލެވިއްޖެއެވެ.

"ކާން ބަލާ މިއައީ" ވިއާން ބުނެލިއެވެ.

"އިނގޭ. ދާންވެގެން މިދަނީ" އަހަރެން ބުނީމެވެ.

ދޮރާ ހަމައަށް އާދެވުމާއެކު ވިއާން އަހަރެންގެ އަތުގައި ހިފައިފިއެވެ. ހީވީ އަހަރެންނަށް އެއްވެސް ތަދެއް އިހުސާސްވިޔަ ނުދޭން މަސައްކަތްކުރާ ހެންނެވެ.

"އަދިވެސް ތަދުވޭތަ؟" ފަޔަށް އެރި ތަދަކާއެކު ހިފައިގެން ހުރި އަތަށް ބާރުކޮށްލެވުމުން ވިއާން އެހިއެވެ.

"ނުވޭ. މިހާރު ވަރަށް ރަނގަޅު. މައްސަލައަކީ މިހާރަކަށް އައިސް ދެލޮލުން ނިދި ނުފިލާ. ނިދުނަސް މާބޮޑަށް ނިދެނީ. ކުރީގަ އެހާ ނިދި ގަދައެއް ނުވާނެ" އަހަރެން ވާހަކަދެއްކީމެވެ.

"ވެދާނެ ޑޮކްޓަރު ދީފަ ހުރި ބޭސްތަކުގެ ސަބަބުން ކަމަށްވެސް. ނިދި ގަދަކަަން އިނގޭ. އަހަރެން އެހާ ލޯބިން ރަޖާ އަޅައިދީފަ ދިޔައިރުވެސް މަލްއަށް ނޭނގުނު" ވިއާން ބުނެލިއެވެ. ވިއާންގެ މޫނަށް ބަލައިލާފައި އަހަރެންނަށް ހެވިއްޖެއެވެ. އަހަރެންގެ ގައި މަތީގައި ރަޖާ އަޅައިދިނީ ވިއާން ހެއްޔެވެ؟ އަހަރެން ހީކޮށްގެން މިހުންނަނީ އެއީ މާމަ ކަމަށެވެ.

***

ބޭސްގަނޑު ބަދަލުކޮށްގެން ވިއާނާއެކު އަހަރެން ހޮސްޕިޓަލުން ނިކުތީ ހަވީރު ވަގުތުގައެވެ. ސައިކަލު ފަހަތުގައި އިނދެ އަނގަ ހުއްޓަނުލާ އަހަރެން ދިޔައީ ވާހަކަދައްކަމުންނެވެ. އަހަރެން ވިއާނަށް ކިޔައދެމުން ދިޔައީ ސައިކަލުން އަހަރެން ވެއްޓުނު ދުވަހު ހިނގާދިޔަ ކަންތައްތަކުގެ ވާހަކައެވެ. ގުގުރީގެ އަޑާއެކު އަހަރެން ބިރުގަތް ކަމަށާ ސައިކަލުން ވެއްޓުމުން ލަދުގަތް ވާހަކަ ބުނީމެވެ. ވިއްސާރަ ދުވަހެއްކަމުން މަގުމަތީގައި މީހުން މަދު ވާހަކަ ބުނެލިތަނާ ވިއާން ހީލި އަޑު އިވިލިއެވެ. ސައިކަލުގެ ލޯގަނޑުން ވިއާން އަހަރެންނަށް ބަލަން އިންކަން އިނގުނީ މާފަހުންނެވެ. ލަދުގަތް ނަމަވެސް އަހަރެން އެކަން ވިއާނަށް ދައްކަން ބޭނުމެއް ނުވިއެވެ.

"ވިއާން ކީއްވެތަ އަހަރެންނަށް ސިއްރުން ތިބަލަނީ" ރަކިވިކަން ފޮރުވައިލަމުން އަހަރެން ބުނެލީމެވެ.

"އަހަރެން އެބަ ބަލާތަ؟ މަލް ތިބަލަނީ" ވިއާން ބުނެލިއެވެ. ވިއާންގެ އަޑުގައި ތަފާތުކަމެއް ހުއްޓެވެ. ލޯބި ގޮތެކެވެ. އަހަރެން ގަޔާވިއެވެ. ވިއާންގެ މޫޑު ވަރަށް ރަނގަޅު ކަން އަހަރެންނަށް އިނގުނެވެ. އެފޯރީގައި ލޯބިވާކަން ފާޅުކުރާނެ ނަމައެވެ.

"އަހަރެން ބަލައިލިއިރު ވިއާން އިނީ ބަލަން" އަހަރެން ބުނީމެވެ.

"ހެހެ... އެހެންވީމަ މަލްއެއްނު ބެލީ. މަލް ބެލީމަތާ އިނގުނީ އަހަރެން ބެލިކަން. ކީއްކުރަން މަލް އަހަރެންނަށް ތިބަލަނީ" ވިއާން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. ރައްދުގައި ބުނާނެ އެއްޗެއް ހަނދާންކުރަމުން އަނެއްކާވެސް ލޯކުޑަކޮށްލާފައި އަހަރެން ބަލައިލީ ލޯގަނޑުން ފެންނަން އިން ވިއާނަށެވެ. ވިއާންގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. އެހުރިހާ ކަމުގެ ތެރެއިން އަހަރެންނަށް އެހެން ކަމެއްވެސް ފާހަގަވެއްޖެއެވެ. ގެ ހުންނަ މަގަށް އަޅައިފައިވެސް ވިއާން މަޑެއް ނުކުރިއެވެ. ގޭދޮރުމަތިން ހުރަސްކޮށްފައި ކުރިއަށް ހިނގައްޖެއެވެ. އަހަރެން ގޮވައިގެން އެހާ އަވަހަށް ގެއަށް ވަންނަން ބޭނުންނުވާ ކަހަލައެވެ.

"ރީތި އެއްޗިއްސަށް ބެލުމާ އެތަކެއްޗަށް ލޯބިކުރުމަކީ އިންސާނުންގެ ޠަބީޢަތުގައިވާ ކަމެއް" ވިއާން ބުނެލިއެވެ. އެވަގުތު ސައިކަލް މަޑުވެސްކޮށްލައިފިއެވެ.

"ކީކޭ ތިބުނީ؟" އަހަރެންނަށް ބުނެވުނެވެ.

"މިބުނީ ހިނގާށޭ މިތަނަށް ފައިބަމާ. ސައިބޮއެގެން މާމައަށް އެއްޗެއް ހިފައިގެން ގެއަށް ދާނީ" ވިއާން ބުނެލިއެވެ. އަހަރެން ކުރިމަތީގައި ހުރި ކެފޭއަށް ބަލައިލީމެވެ. ބުރިޖު ސަރަހައްދުގައި ހުރި ހިތްގައިމު ތަނެކެވެ. ކުރިއަށް ހިނގައިގަތްތަނާ ވިއާން އަހަރެންގެ އަތްތިލައިގެ ތެރެއަށް އަތްތިލަ ލައްވާލައިފިއެވެ. އަހަރެން ބަލައިލިއިރު ވިއާންގެ ނަޒަރު ހުރީ ކުރިމައްޗަށެވެ. އަހަރެން އަތުގައި ވިއާން ކޮންމެފަހަރަކު ހިފަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންދެކެ ލޯބިވާކަން ދުލުން ނުބުނެ އަމަލުން ސާބިތުކޮށްދެނީ ހެއްޔެވެ؟ އާއެނކެވެ. ލޯބި ފާޅުކުރަން ތިމާގެ ދޫ ނުކުޅެދިފައިވާ ހާލުގައި ދުލުން ނުބުނެވޭ ވާހަކަތައް ކިޔައިދެނީ ތިމާގެ އަމަަލުތަކެވެ. ވިއާންގެ މޫނަށް ބަލަހައްޓައިގެން ހުރެފައި އަހަރެންނަށް އެ އަތަށް ބާރުކޮށްލެވިއްޖެއެވެ. އަހަރެންގެ ހިތުގައި އޮތީ ބަދަލުގައި ވިއާންވެސް އަހަރެންގެ އަތަށް ބާރުކޮށްލައިފިނަމަ ޔަގީނުންވެސް ވިއާންގެ ހިތުން އަހަރެންނަށް ހާއްސަ ގަދަރެއް ދެވިފައިވާ ކަމެވެ. ވީވެސް އެހެންނެވެ. ވިއާން އަހަރެންގެ އަތްތިލައަށް ފިތާލައިފިއެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމަކުން ދެފައިވެސް އޮޅޭ ގޮތް ވިއެވެ. އަހަރެންގެ މޮޔަހިތް ވިއާންގެ ސަބަބުން އިތުރަށް މޮޔަވެއްޖެއެވެ. ވިއާންގެ ސަބަބުން އަހަރެންގެ މުޅި ދުވަސް އެކި ކުލަތަކުން ޖަރީކޮށްދީފިއެވެ.

"މިތަނަށްތަ ވަންނަންވީ.... ޝިޓް...." ކުރިމަތިން އަންހެނަކާ ފިރިހެނަކު ފެނުމުން ވިއާން ބުނެލިއެވެ. ކުރިއަށް ހިންގައިގަންނަން ނޭނގިފައި ވިއާން ހުއްޓިއްޖެއެވެ. އެހެންކަމުން އަހަރެންނަށް ޖެހުނީ ހުއްޓޭށެވެ. ވިއާން ބަލަން ހުރި ދިމާލަށް އަހަރެން ބަލައިލިއިރު ހިނިތުންވެލައިގެން ތިބި ދެމީހުން އަރައި ހަމަވެއްޖެއެވެ. ފިރިހެން މީހާއަކީ ކާކު ކަމެއް ނޭނގެއެވެ. އެހެންނަމަވެސް ދެން ހުރީ ރީޝަމްއެވެ. އެހެންވީމާ އެއީ ރީޝަމްގެ ފިރިމީހާއެވެ. ރީޝަމް ހީލައިގެން ހުރި ގޮތުން އަހަރެން ރަކިކޮށްލަން އުޅޭ ކަހަލައެވެ. އެއްޗެއް ބުނުމުގެ ކުރިން ވިއާން އަތުގެ ތެރެއިން އަހަރެންގެ އަތް ނެރެލެވިއްޖެއެވެ.

"މިވީގޮތުން އެއް މޭޒަކަށް އަރަންޖެހޭނީ. ވިއާން، މިފަހަރު ނޫނެކޭ ނުބުނާތި. މިގޮތަށް ދިމާ މިވީ އަހަރެމެން ރާވައިގެނެއްނޫން. މިއަށް ކިޔާނީ އިއްތިފާގު" ރީޝަމް އަތުގައި ހިފައިގެން ހުރި އާލިމް ބުނެލިއެވެ. ވިއާން ބަހެއް ނުބުނި ކަމުގައި ވިޔަސް ހީލައިފިއެވެ. އެހީލުން އެކަމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތޭ ބުނެލި ކަހަލައެވެ. ކުރިމަތީގައި ހުރި ކެފޭއަށް ވަންނަން ހިނގައިގަތީ ހަތަރު މީހުން އެކީގައެވެ. ވިއާނާ އާލިމަށް ވުރެ ތަންކޮޅެއް ފަހަތުގައި ހުރެ އަހަރެންނާ ރީޝަމް ދިޔައިމެވެ. އަހަރެން އަތުގައި ހިފާ ރީޝާމް ހުއްޓުވައިފިއެވެ.

"ހާދަ ކުރިއަކަށް ޖެހިލައިފިއޭ. ކޮންކަމެއް. އަނެއްކާ ދެމީހުން...."

"ސާބަހޭ. އަދި ނުދެވެއޭ ކުރިއަކަށް. އެކަމަކު ކުރިއަށް ވުރެ ގާތްވެއްޖެހެން ހީވޭ. ދެމީހުން އެކަނި ބައްދަލުވީމަ ކިޔައިދޭނަން" އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

ސައި ފެށިގެން ދިޔައިރު ވިއާން ގިނަ ފަހަރަށް އިންނަނީ މަޑުންނެވެ. ހުރިހާ ވާހަކައެއް ދައްކަން ޖެހުނީ ބާކީ ތިބި ތިން މީހުންނެވެ. އެހެންނަމަވެސް ފަހުން ވިއާން މަޑުމަޑުން ވާހަކަދައްކަން ފަށައިފިއެވެ. އެވާހަކަތަކުގެ ތެރެއިން އަހަރެން ވަރަށް ހިތްހަމަޖެހޭކަހަލަ އެއްޗެއް ވިއާން ބުނެލައިފިއެވެ. ވީ އުފަލުން އުދުއްސައި ނުގަނެވުނީ ކިރިޔާއެވެ. އެކަމަކު އެންމެންގެ ކުރިމަތީގައި އެކަން ފާޅުކުރަން ނުކެރުނެވެ.

"ސީރިޔަސްލީ. ވިއާން މިކަހަލަ ތަނަކަށް އަންހެންކުއްޖަކާއެކު ފުރަތަމަ ފަހަރަށްތަ؟" ރީޝަމް ބުނެލިއެވެ.

"އެ ނަސީބު މަލްއަށް ނުލިބުނެއްނު. ރީޝަމް ހުރީމަ އެ ނަސީބު ތި ދެ އަންހެންކުދިންނަށް އެލިބުނީ" އާލިމް ބުނެލިއެވެ. ވިއާން ހީލަހީލަ އިނެވެ.

"އެއީ އެއްވެސް ކަމެއް ނޫން. މަލްގެ އުފާވެރިކަން އަހަރެންގެ ސަބަބުން ބަރުބާދު ވާކަށް ލާހިކެއްނޫން. އާލް، އަހަރެމެން ހިނގާ ދާން. އެކަމަކު ފަހުން ވާނެ އިނގޭ ބާބަކިޔުއެއް ކަހަލަ އެއްޗެއް ޖައްސަން" ހެމުން އާލިމް އަތުގައި ހިފައިގެން ރީޝަމް ތެދުވެ ހިނގައިގަނެއްޖެއެވެ.

"ވިއާންގެ ކޮމްޕިޔުޓަރުން ފެންނަން އިން ފޮޓޯއަށް ވުރެ އަސްލަށް މާ ރީތި މަލް" ގޮނޑިން ތެދުވެފައި އާލިމް ބުނެލިއެވެ. ރީޝަމް އަނގަމަތީގައި ދެއަތް އަޅައިފިއެެވެ. އާލިމް ހީލިއިރު ވިއާން އަވަސް އަވަހަށް އެސްފިޔަ ޖަހަމުން ދިޔައެވެ. އެގޮތަށް އެންމެންގެ ތެރޭގައި އާލިމް އެވާހަކަ ބުނެފާނެ ކަމަށް ވިއާން ހީކޮށްފައި ނުވާނެތާއެވެ.

"ސޮރީ މޭން. އެހާ ސިއްރުން ކުރި ކަންތައް ބަސްޓުކޮށްލެވުނީ ދޯ" ވިއާންގެ ކޮނޑުގައި ޖަހައިލާފައި އާލިމް ހިނގައިގަނެއްޖެއެވެ. ހިނގައިގަތީއެއް ނޫނެވެ. ރީޝަމް އާލިމްގެ އަތުގައި ހިފައިފައި ދަމަމުން ގެންދިޔައީއެވެ.

ތަނަށް ވެރިވި ހިމޭންކަމުގެ ތެރެއިން އަހަރެންނަށް ވިއާނަށް ބަލައިލެވިއްޖެއެވެ. ވިއާންގެ ނަޒަރު މާކުރިންވެސް އަހަރެންނަށް ހުއްޓިފައިވާ ކަމެއް އަހަރެންނަށް ނޭނގެއެވެ. އެނަޒަރުން އަހަރެންނަށްވެސް ސަލާމަތް ނުވެވުނެވެ. ވިއާން ބަލަން އިންހާ އިރަކު އަހަރެންނަށް އިނދެވުނީ ވިއާނަށް ބަލަހައްޓައިގެންނެވެ. ބައެއްފަހަރު އެއްޗެއް ބުނަން އުޅޭ ކަހަލަ ގޮތަކަށް ވިއާންގެ ދެތުންފަތް ތެޅިލާނެއެވެ. އެއިން ކޮންމެފަހަރަކު އަހަރެންގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެންދާ ކަހަލަ އިހުސާސެއް ކުރުވައެވެ.

(ނުނިމޭ)