މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ފުރުސަތު މިއަހަރުގެ ރަމަޟާން މަހު ވެސް އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
މާލޭގައްޔާއި އަތޮޅުތެރޭގެ މިސްކިތްތަކުގައި ރަމަޟާން މަހު ރޯދަ ވީއްލުމުގެ ކަންކަން މީގެ ކުރިންވެސް ކުރިއަށް ދެ އެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރު ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފައިވާއިރު މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ކަންކަންވެސް އޮތީ މަނާކޮށްފަ އެވެ. މިއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ހަރުދަނާ ފިޔަވަޅެކެވެ.
ނަމަވެސް މިއަހަރު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ އާއި ތަރާވީސް ނަމާދު ޖަމާއަތުގައި ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާއިރު ޖަމާއަތް ހަދަން ވާނީ ގައިދުރުކޮށް ކަމަށް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.
މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.
ޑރ. ޒާހިރު ވިދާޅުވީ ހެޔޮ
އެދޭ ފަރާތްތަކުން މިސްކިތްތަކަށް ރޯދަ ވީއްލުމަށް ކާބޯތަކެތި ފޮނުވޭނެ ކަމަށާއި ނަމަވެސް އެކަމަށް ހާއްސަ އުސޫލެއް އެކުލަވާލަމުން ގެންދަވާ ކަމަށެވެ. އެގޮތުން ކާބޯތަކެތި ގެންދާ އިރު ހުރިހާ އެންމެނަށް އެ ކާތަކެތީގައި އަތް ނުލެވޭނެ ގޮތަކަށް ކޮންމެ މީހަކަށް ޕެކޭޖެއް ހަދާފައި ނޫނީ މިސްކިތްތަކަށް ނުފޮނުވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިއަހަރުގެ ރަމަޟާން މަހު ވެސް ރޯދަ ވީއްލުމުގެ ކަންކަން މިސްކިތްތަކުގެ ކުރިއަށް ގެންދާ ގޮތަށް ނިންމީ. އެކަމަކު ހެޔޮ އެދޭ ފަރާތްތަކުން ފޮނުވާ ކާބޯތަކެތިވެސް ހުންނަން ޖެހޭނީ ވަކި ވަކިން ޕެކޭޖް ހަދާފަ. ކޮންމެ މީހަކަށް ވަކިން ހުންނަ ގޮތަށް. އެއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް. އޭރަށް ވާނެ ގޮތަކީ އެ ފޮނުވާ ކާތަކެތީގައި ހުރިހާ އެންމެނަށް އަތެއް ނުލެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތައް އަޅާފައިވާއިރު އެ ފިޔަވަޅުތަކަށް އަމަލު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. މިސްކިތްތަކަށްވެސް ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާއިރު ޖަމާއަތް ހަދައިގެން ނަމާދު ކުރާއިރު ގައިދުރުކޮށް ނަމާދު ކުރުމަށް އިލްމުވެރިންގެ ލަފަޔާއެކު ވަނީ ނިންމާފަ އެވެ. ނަމަވެސް ނަމާދަށް ދާއިރު އަމިއްލަ މުސައްލަ ގެންދިޔުމާއި، މާސްކް އަޅައިގެން ދިޔުމާއި ނަމާދުކޮށް ނިމުމަށްފަހު މިސްކިތުގައި މަޑު ނުކުރުމަށް އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މީގެ އިތުރުން ރަމަޟާން މަހަކީ ގިނަ ބަޔަކު އިއުތިކާފަށް ތިބުމަށް ބޭނުންވާ މަހެކެވެ. ނަމަވެސް ކޮވިޑް ބަލި މަޑުކަމާ ގުޅިގެން އިއުތިކާފަށް އިންނަން ބޭނުންވާ މީހަކު އެކަމަށް ހުއްދަ ނަގަން ޖެހެ އެވެ. މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ އަދި މިހާތަނަށް އިއުތިކާފަށް ތިބުމަށް އެއްވެސް ބަޔަކު އެދިފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު