ކ. ހުރާ އިން މިއަދު ދިހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 104 އަށް އަރައިފި އެވެ.
ހުރާ އިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ހުރާ ސިއްހީ މަރުކަޒުން ބުނީ، މިއަދު އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ދިހަ މީހުން ކަމަށާއި އެއާއެކު އެ ރަށުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 104 އަށް އަރާފައިވާ ކަމަށެވެ.
މިހާތަނަށް ހުރާ އިން 515 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާ އިރު، ނަތީޖާ ނުލިބޭ 122 ސާމްޕަލް ހުރި ކަމަށް ވެސް މަރުކަޒުން ވަނީ ބުނެފަ އެވެ.
ހުރާގައި ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވުމުގެ ސަބަބުން ކަރަންޓީނުގައި 370 މީހަކު އެބަތިއްބެވެ. އެ ރަށުން ރެންޑަމް ސާމްޕަލްތަކެއް ވެސް ނަގާފައިވާ އިރު، މިހާރު އިސްކަން ދެނީ އަލާމާތްތައް ހުރި މީހުން ޓެސްޓުކުރުމަށް ކަމަށް ވެސް މަރުކަޒުން ވަނީ ބުނެފަ އެވެ.
ކޮވިޑް ފެތުރެމުންދާ ރަށްރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ އިރު، ހުރާގައި ވެސް ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިއުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު