ކޮވިޑް 19އާ ގުޅިގެން ސްކޫލުތައް ބަންދުކޮށް، ދަރިވަރުންނަށް ސްކޫލަށް ނުދެވުމުގެ ސަބަބުން އެކުދިންނަށް ލިބުނު ގެއްލުން ޖީލުތަކަކަށް ދެމިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19އާ ގުޅިގެން މަރުހަލާތަކަކަށް ބަހާލައިގެން ސްކޫލުތައް ބަންދުކުރުމަށް ފަހު، ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވާން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ ދިހަ ވަނަ ދުވަހު އެވެ.

އަލުން ސްކޫލުތައް ހުޅުވިފަހުން ވެސް ކޭސްތައް އިތުރުވުމާއެކު މިހާރުވެސް ބައެއް ގްރޭޑްތަކުގެ ކިޔެވުން ކުރިއަށްގެންދަނީ ކުރިއެކޭ އެއްގޮތަށް ވާޗުއަލްކޮށެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލުތައް ބަންދުކުރުމުގެ ގެއްލުން ބޮޑު ކަމަށެވެ. ނަމަވެސް ސްކޫލުތައް ބަންދުކުރި އިރުވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލަށް މިސާލު ޖައްސަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ފުރަތަމަ ހުޅުވާލަނީ ސްކޫލުތައް ކަމަށެވެ.

"މީގެން އަޅުގަނޑުމެން އަރައިގަތުމަށް ނަގާނެ ޖެނެރޭޝަންތަކެއް. އަޅުގަނޑުމެންނަށް އަންދާޒާ ވެސް ނުކުރެވޭ އެއް އަހަރު ދުވަހު ސްކޫލަށް ނުގޮސް ކުދިން ގޭގަ ތިބީމަ އެކުދިންނަށް ލިބިފަ ހުރި ގެއްލުން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ސްކޫލުތަކުގެ 95 އިންސައްތަ މުވައްޒަފުން ވެކްސިން ޖަހައިފި ނަމަ، ސްކޫލުތައް ހުޅުވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ ކަމަށާއި މިހާރު ގިނަ ސްކޫލުތަކުގައި އެކަން ހާސިލުކުރެވިފައިވާ ކަމަށެވެ.