ރޯދަމަސް

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރޯދަމަހު ސަމާލުކަން ދެވިދާނެ 6 ކަމެއް

ބަރަކާތްތެރި ރޯދަ މަސް އަޅުގަނޑުމެންނާ ބައްދަލުވެފައިވާ އިރު، ހަށިގަނޑުގެ ބަރުދަން ހިފެހެއްޓުމަކީ ނުވަތަ ލުއިކޮށްލުމަކީ މި ދުވަސްކޮޅުގައި ދަތިކަމަކަށް ބައެއް މީހުންނަށް ވެގެންދެއެވެ. ދުވަހުގެ ބޮޑުބައި ނުކައި ހުރުމަށްފަހު އާއިލާ އަދި ރައްޓެހިންނާއެކު އެއް ސުފުރާ މަތީން ބައްދަލުވެ، ކާން ލިބޭ ބާވަތްތައް ގިނަވުމުގެ އިތުރުން ރޯދަ ވީއްލުމާއި ތަރާވިސް ދައުވަތުތައް މިކަމުގައި އިސް ރޯލެއް ކުޅެއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރޯދަމަހު އަންނަނިވި ކަންކަމަށް ސަމާލުކަން ދެވިދާނެއެވެ.

1. ގިނަގިނައިން ފެނާއި ދިޔާތަކެތި ބޯން އާދަކުރުން

ރޯދަ ނޫން ގަޑިތަކުގައި ގިނަގިނައިން ފެނާއި ދިޔާތަކެތި ބޯން އާދަކުރާށެވެ. މީގެ ސަބަބުން ރޯދައަށް ހުންނަ ވަގުތުތަކުގައި ހަށިގަނޑަށް ބޭނުންވާ ފެން އިޔާދަކުރެވި، ރޯދަ ވީއްލާ ވަގުތު ފޮނިތަކެތި ކާހިތްވުމުން ދުރުކޮށްދެއެވެ. (ދިޔާ އެއްޗެތީގެ ތެރޭގައި ހިމެނެންވީ ހަކުރާއި ކެފެއިން އެކުލެވިގެންނު ވާ ބުއިންތަކެވެ.)

ރަނގަޅު ސިއްހަތެއްގައި ހުރުމަށް ފެން ބުއިމަށް ޑޮކްޓަރުން ކަނޑައަޅާފައިވަނީ ދުވާލެއްގެ މައްޗަށް އާދަކޮށް 8 ތަށި ނުވަތަ 2 ލީޓަރު ފެނެވެ.

ރޯދަމަހު 8 ތަށި ފެން ހަމަކުރުމަށް އަންނަނިިވި ގޮތަށް ބަހައިލެވިދާނެއެވެ:

ރޯދަވީއްލާ ގަޑީ 2 ތަށި
ތަރާވީސް ގަޑި އާއި ހާރުދަމާއި ދެމެދު 4 ތަށި (ނަމަވެސް އެއް ގަޑިއިރުގެ ތެރޭގައި 1 ތަށި ފެނަށް ވުރެ ގިނައިން ނުބޯން ސަމާލުކަން ދިނުން ރަނގަޅު ވާނެ)
ހާރުކާ ގަޑީ (ނުވަތަ އިމްސާކުގެ ވަގުތު ޖެހުމާއި ދެމެދު) 2 ތަށި

މީގެ ތެރޭގައި ކޮފީ އާއި ކަޅު ސައި ނުހިމެނެއެވެ. ސަބަބަކީ އެއީ ހަށިގަނޑުން ފެން ބޭރުކޮށްދިނުމަށް އެހީވެދޭ ޑައި-ޔުރެޓިކް ބުއިންތަކަށް ވާތީއެވެ. އޭގެ ބަދަލުގައި، ގްރީންޓީ ނުވަތަ ހާބަލް ޓީ ބޭނުންކުރަން ވިސްނިދާނެއެވެ.

2. ރޯދަވީއްލާ ގަޑީ ކެއުމަށް ސަމާލުވުން

ރޯދަވީއްލާ ގަޑިއަކީ، ނުކައި ހުރި ވަގުތުތައް ހަމަކުރަން ހިތު އަޅައި ގިނައިން ކާންވީ ވަގުތެއް ނޫނެވެ. ދުވާލުގެ ބޮޑުބައި ނުކައި ހުރި ކަމުގެ ހަނދާން އެއްފަރާތް ކޮށްލާށެވެ. އަދި އެވަގުތު އިންސާފުކުރަން އުޅޭ ކެއުމަކީ ރޭގަނޑުގެ ކެއުން ކަމަށް ހިތަށް ގެނެސް، އާދައިގެ ދުވަސްތަކުގައި ވެސް ރޭގަނޑުގެ ކެއުން ގެންގުޅޭ މިންގަނޑުން ކެއުން ކުރިއަށް ގެންދާށެވެ. ނުވަތަ އަންނަނިވި ގޮތަށް ރޯދަވީއްލާ ވަގުތުގެ ކެއުން ބެހެއްޓިދާނެއެވެ:

ރޯދަވީއްލުމަށް ކަދުރު ހިޔާރުކުރުން.
ކަދުރުން ރޯދަވީއްލުމަކީ މަތިވެރި ސުންނަތެކެވެ. މީގެ ސިއްހީ ފައިދާތަކަށް ބަލާއިރު އެއްޗެއް ނުކައި ގިނަ ވަގުތު ހުރުމަށްފަހު ކަދުރު ކެއުމުން، ނުކައި ހުރި ވަގުތުތަކުގައި ހަށިގަނޑުން މަދުވާ ހަކުރުގެ ބައި ހަމަކޮށްދެއެވެ.

އެއަށްފަހު ތަރުކާރީ ގިނައިން އެކުލެވިގެންވީ ކެއުމެއް ހިޔާރުކުރެވިދާނެއެވެ. ބޮޑަށް ރަނގަޅީ ތަރުކާރީ ސޫޕެއް އަދި ސެލެޑެއް އިހުތިޔާރު ކުރުމެވެ. ރޯދަ ވީއްލާ ވަގުތު މިއަށްވުރެ އިތުރަށް ނުކެއުން ބުއްދިވެރިއެވެ.

މަޣުރިބު ނަމާދު ވަގުތަށްފަހު 5 ވަރަކަށް މިނިޓް ހިނގާލަން ސަމާލުކަން ދޭށެވެ. އެއަށްފަހު ކާން އިށީންނަ ވަގުތު ކާބްސް އަދި ޕުރޮޓީން އެކުލެވިގެންވީ ކާނާއެއް ހިޔާރުކުރުން މުހިއްމެވެ. ތެލުލި އެއްޗެތި ކެއުމާ ދުރުވެލުން ރަނގަޅެވެ. އެންމެ މުހިއްމު ކަމަކީ ކެވޭ މިންވަރު މަދުކޮށްލުމަށް ކާ ވަގުތުގައި ސަމާލުކަން ދިނުމެވެ.

3. ހާރުކެއުން ދޫކޮށް ނުލާށެވެ.

ރޯދަވީއްލާ ވަގުތާއި ތަރާވީސް ގަޑިތަކުގައި މާ ގިނައިން ކެއުމުގެ ސަބަބުން ބައެއް މީހުން ހާރު ނުކައި ދޫކޮށްލައެވެ. ނަމަވެސް މީގެ ސަބަބަން ހަގީގަތުގައި ސިއްހަތަށް ގެއްލުން ވެއެވެ. ރޯދައަށް ހުންނަ އިރު މީހާ މާބޮޑަށް ވަރުބަލިކޮށްލުމުގެ އިތުރުން، ރޯދަވީއްލާ ވަގުތު މާގިނައިން ކެއުމަށް މިކަމުގެ ސަބަބުން މަގުފަހިކުރުވައެވެ.

ރޯދައަށް ހުންނަ ވަގުތު ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދެނީ އޭގެ ކުރީ ދުވަހުގެ ކެއުމުގެ ސަބަބުންކަމުން، ހާރުދަން ވީ ވަރަކުން ލަސްކޮށް، ހަށިގަނޑުގައި ހަކަތަ އުފައްދައިދޭނެ ރަނގަޅު ކާނާ އެކުލެވިގެންވީ ކެއުމަކުން ނިންމާލުން ރަނގަޅެވެ.

4. ހާރުގަޑީގައި ލޮނުލީ އެއްޗެތި ކެއުން މަދުކޮށްލުން

ލޮނުމަޑުކޮށް ހާރު ކެއުމަށް ސަމާލުކަން ދިނުމުން ރޯދައަށް ހުންނަ ވަގުތު ކަރު ހިއްކުން ކުޑަކޮށްދެއެވެ.

މީގެ އިތުރުންވެސް އެވަގުތުގެ ކެއުމުގައި، ފަލަ ހަނޑޫ، އާދައިގެ ބުރެޑް އަދި ރޮށީގެ ބަދަލުގައި ބުރައުން ރައިސް، ބުރައުން ބްރެޑް އަދި އާޓާ ރޮށި ކެއުން ރަނގަޅެވެ. އަދި ޕުރޮޓީން ލިއްބައިދޭ ކާނާ ކަމުގައިވާ މަސް، ބިސް، ޗީޒު ފަދަ އެއްޗެތި، ކެއުމުގައި ހިމެނުމަށް ސަމާލުކަން ދޭށެވެ. މި ދެބާވަތް އެކުލެވިގެންވުމުން، ލޭގައި ގުލުކޯޒު އުފައްދައިދޭ މިންވަރު އިތުރުކޮށްދީ، ބަނޑުހައި ވުމާއި ވަރިބަލިވުން ކުޑަކޮށްދެއެވެ.

5. ހަރަކާތްތެރިވުން

ރޯދައަށް ހުރުމަކީ ނިދާ ވަގުތު އިތުރުކޮށް ހެލިފެލިވެ އުޅުން މަދުކުރަން ޖެހޭ ސަބަބަކަށް ނަހަދާށެވެ. އޭގެ ބަދަލުގައި އެހެނިހެން ދުވަސްތަކުގައިވެސް ހަރަކާތްތެރިވެ އުޅޭ ފަދައިން ހެލިފެލިވެ އުޅެވޭތޯ ބަލާށެވެ.

މެންދުރުގެ ގަދަ އަވީގައި ބޭރުގައި އުޅުން މަދުކުރަން ވިސްނާށެވެ. ނަމަވެސް ދަރިން ސްކޫލަށް ގެނެސް ގެންދިއުމާއި އޮފީހަށް ދިއުމާއި ބާޒާރަށް ނުކުމެ އުޅޭ ވަގުތު މިތަނަށް ވަންނާތީ މިކަމަކީ ފަސޭހަކަމަކަށް ނުވިނަމަވެސް ވީވަރަކުން ސަމާލުކަން ދިނުން މުހިއްމެވެ.

ރޯދައަށް ހުންނަ ވަގުތުތަކުގައި ހަށިގަނޑުން ސަރުބީ އަންދައިދޭ މިންވަރު އިތުރުވެއެވެ.

ރޯދަމަހު އަޅުކަމަށް ވަގުތު ހުސްކުރުމުގެ އިތުރުން ކޮންމެ ރެޔަކުވެސް ގާތްގަނޑަކަށް 30 މިނިޓުވަރު ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުމަށް ވިސްނާށެވެ. ގޭގައި ކުރެވިދާނެ އާދައިގެ ކަސްރަތުކޮޅެއް ޓްރޭނަރެއްގެ ލަފައެއްގެ ދަށުން ހޯދައި ގޭގައި ކުރެވިދާނެއެވެ. ދުވަލަން ނުވަތަ ޖިމަށް ދިއުން ނޫނީ އިންޓަނެޓުގެ އެހީގައި ގޭގައި ކަސްރަތު ކުރުން، މީ މުޅީންވެސް ކުރެވިދާނެ ކަންކަމެވެ. ކޮންމެ ރެޔަކު 30 މިނިޓު މިކަމަށް ހުސްކޮށްލުން ރަނގަޅެވެ.

6. ހަކުރު ބޭނުން ކުރުން މަދުކުރުން

ރޯދަމަހު ބަރުދަން އިތުރުވުމުގެ ބޮޑުބައެއް އަދާކުރަނީ ގިނައިން ކެއުމަށްވުރެ ބޮޑަށް، ފޮނި ކާބޯތަކެތީގެ ސަބަބުންނެވެ. އެގޮތުން ރޯދަވީއްލާ ވަގުތަށް ތައްޔާރުކުރާ ފަނި އަދި ފޮނި ކާތަކެތި ތައްޔާރުކުރުމުގައި، ހަކުރު މަދުކުރުމަށާއި، މޭވާ އާއި މާމުއި އެކުލެވިގެންވީ ތަކެތި ބޭނުންކުރުމަށް ސަމާލުކަން ދެވިދާނެއެވެ.