އަނެއްކާވެސް 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެ ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ދެކުނުގެ ރަށެއްގަ އެވެ.
އެ ރަށު ކައުންސިލުން "ވަން"އާ ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ، ޖިންސީ ގޯނާކޮށްފައިވަނީ އެ ރަށަށް ތައުލީމު ހާސިލުކުރަން އައިސް ހުރި ކައިރި އެހެން ރަށެއްގެ ކުއްޖަކަށް ކަމަށެވެ. އަދި އެ ކުއްޖާ ތައުލީމީ ހާސިލުކުރަމުން އަންނަނީ ގްރޭޑް ނުވައެއްގައި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މީހަކީ އެ ކުއްޖާއާ އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތެއް ނޫން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު މިއަދު އެ ކުއްޖާ ވަނީ އެ ރަށުގައި ހުންނަ ސިއްހީ މަރުކަޒަށް ވެސް ދައްކައިފަ އެވެ.
އެ މައްސަލަ ފުލުހުން ބަލަމުން އަންނަ އިރު، މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މާދަމާގެ ވަގުތެއްގައި އެ ރަށަށް ޖެންޑާ މިނިސްޓްރީގެ ޓީމެއް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއެވެ.
މި ހާދިސާއާއެކު، މި މަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ތިން މައްސަލައެއް މި ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރެއިން ފުރުތަމަ ހާދިސާގައި އަނިޔާ ލިބިފައިވަނީ 14 އަހަރުގެ އަންހެން ކުއްޖަކަށެވެ. އަދި ދެވަނަ ފަހަރު އަނިޔާ ލިބިފައިވަނީ 13 އަހަރުގެ ކުއްޖަކަށެވެ. އެހެން ނަމަވެސް އެ ތިން ހާދިސާއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު